
އިމިގްރޭޝަންގެ ކޮންޓްރޯލާގެ މަގާމުން މާޗު 21، ގައި ވަކިކޮށްފައިވާ ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން އަމުރުކޮށްފައި ވަނީ މިއަދުކަމަށް ފިޔެސްއަށް މައުލޫމާތު ލިބެއެވެ. ޝަމްއާނު ހައްޔަރުކުރީ މަގާމާމުން ވަކިކުރިތާ އެއްދުވަސް ފަހުން ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އޭނާއަށް އެންގުމުން، އެ އިދާރާއަށް އޭނާ ހާޒިރުވުމުންނެވެ.
އަދި އޭރު ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން ޖެހި 15 ދުވަހުގެ މުއްދަތް އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، އެ އަމުރު އިސްތިއުނާފު ނުކުރެވޭނެ ކަމަށް ހައި ކޯޓުން ނިންމިއެވެ.
ޝަމްއާން އާއެކު އެ އިދާރާގެ އިތުރު އޮފިސަރުންތަކަކަށް ތުހުމަތުކޮށް ފުލުހުން ބަލަމުންދަނީ، އިމިގްރޭޝަނުން ބަންދުކުރި ބިދޭސީއަކު ދޫކޮށްލައި، އެކަމުގެ ބަދަލުގައި އޭނާގެ އަތުން 530،000 ރުފިޔާއެއް ނެގި މައްސަލަ އެކެވެ.
ފުލުހުން ޝަމްއާން ހައްޔަރު ކުރުމުގެ ކުރިން، ފުލުހުންގެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝަމްއާނުގެ މައްޗަށް ތުހުމަތުގެ ކުރެވޭ މައްސަލައިގައި ހިމެނޭ ބިދޭސީ މީހާ ދިރިއުޅޭ ތަން ބަލައިފާސްކުރީ އެކަމަށް އިމިގްރޭޝަންގައި އޮންނަ ޑިޕާޓްމަންޓުތަކުގައި ނުހިމެނޭ މުވައްޒަފުންތަކެއް ކަމަށާ، އެއަށްފަހު ޖެހިގެން އައި ދުވަހު، އެ ބިދޭސީ މީހާ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ އޭނާގެ އަތުން ފެނުނު 530،000ރ. އާއެކު ދޫކޮށްލާފައިވާ ކަމަށެވެ.
އަދި އޭނާ ދޫކޮށްލީ ސީދާ ޝަމްއާންގެ އެންގުމަށް ކަމަށާ، އެ ބިދޭސީ މީހާ ދޫކޮށްލުމަށް ފަހު އޭނާގެ އަތުން ފައިސާ ނެގީ އެ މީހާ ދިރިއުޅޭތަން ބަލައިފާސްކުރުމުގެ ނަމުގައި އެމީހާއާ މަގުމަތިން ބައްދަލުކުރުމަށް ފަހުގައި ކަމަށް ވެސް ފުލުހުންގެ އެ ބަޔާނުގައި ބުންޏެވެ.
އަދި އެ މީހާގެ އަތުން ނެގި ފައިސާ ހިފައިގެން އެ އިމިގްރޭޝަން އޮފިސަރުން ޝަމްއާން ދިރިއުޅޭ ގެއަށް ދިޔަ ކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.
ޝަމްއާނަށް ވާނުވާ ބަންދު ޖެހުމުން ވަރަށްގިނަ ސިޔާސީ ފަރާތްތަކެއްގެ ކަންބޮޑުވުން މީސްމީޑިއާގައި އަންނަނީ ފާޅުކުރަމުންކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ގިނަ ފަރާތްތަކުން ބުނަނީ މި ސަރުކާރުން ވާނުވާބަންދު ނިމުމަކަށް ގެންނާނޭކަމަށް، ރައީސް މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވައުދުވެ ވަޑައިގެންނެވި ނަމަވެސް އެ މަނިކުފާނުގެ އާންމު އުސޫލުގެމަތިން އެ ވައުދުފުޅަށް ވެސް މިވަނީ އިހުތިރާމް ނުކޮށްފައި ކަމަށެވެ.
އަދި ޝަމްއާނުގެ ގެއިން ފެނުނުވަރަށްވުރެ މާގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ، ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލް ރަޝީދު ފިނިކޮޓަރީގައި އެމަނިކުފާނުގެ ގޭގައި ހުންނަވާއިރު، ޝަމްއާނު ޖަލުގޮޅިއަށް ލުމަކީ އެއްވެސް އިންސާފެއް އެކަމުގައި އޮތްކަމެއްކަމަށް ނުދެކޭ ކަމަށް ވެސް ބައެއް އާންމުން ދަނީ ބުނަމުންނެވެ.




