ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް - ފޮޓޯ: ރައީސް އޮފީސް
ވާނުވާ މައްސަލަ ހަމައަކަށްއެޅުވުމަށް މައްސަލަތައް ނިންމާ އަދަދު 50% އިތުރުވާންޖެހޭ
ވާނުވާ ބަންދުގައި މިވަގުތު ތިބި މީހުންގެ އަދަދު 300 އަށްވުރެ ގިނަވާނެ - ޝަމީމް
މަރްޔަމް މުޙައްމަދު 30 ޑިސެމްބަރ 2025 (އަންގާރަ)   11:12
ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ބެހެއްޓުން ނުވަތަ "ވާނުވާ"ގެ މައްސަލަ އަންނަ މާޗް މަހުގެ ނިޔަލަށް ހައްލުކުރުމަށްޓަކައި ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓުން އެ ކޯޓުތަކުގައި މައްސަލަތައް ނިންމާ އަދަދު 50 އިންސައްތަ އިތުރުކުރަންޖެހޭ ކަމަށް ކުރީގެ ޕްރޮސެކިއުޓަރު ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އެބޭފުޅާގެ ބްލޮގުގައި މިއަދު ލިޔުއްވާފައިވާ ގޮތުގައި، ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އަބަދުވެސް މީހުން ކަންބޮޑުވާކަމަށް ފެންނަ އެއްކަމަކީ، ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަ ކަމަށްވާއިރު، އެމައްސަލަ ހައްލުކުރުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ.

ރައީސް މުއިއްޒު، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބާއްވަވާ ބައްދަލުވުންތަކުގެ ތެރެއިން، ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާއެކު 21 ޑިސެމްބަރ 2025 ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި، ޝަރީއަތް ނިމެންދެން ބަންދުގައި އަހަރަކަށްވުރެ ގިނަ ދުވަހު ތިބި މީހުންގެ މައްސަލަތައް 2026 މާރިޗު މަހަށް ނިމޭނެކަމަށް ވިދާޅުވެފައިވާކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، އެހެންކަމުން ރައީސް ވިދާޅުވި ގޮތަށް، އަންނަ މާޗު މަހުގެ ނިޔަލަށް ވާނުވާގެ މައްސަލަތައް ނިންމުމަށްޓަކައި އަތޮޅުތަކުގެ ކޯޓުތަކުން ނުނިމިހުރި މައްސަލަ ނިންމޭނީ މަހަކު އެވަރެޖުކޮށް 48 މައްސަލަ ނިންމައިގެން ކަމަށެވެ.

އަދި މާލޭގެ ޖުވެނައިލް ކޯޓާއި ކްރިމިނަލް ކޯޓުގައިވާ 155 މައްސަލަ ނިންމޭނީ އެވަރެޖުކޮށް މަހަކު 52 މައްސަލަ ނިންމައިގެން ކަމަށް ވެސް ޝަމީމް ލިޔުއްވާފައިވެއެވެ.

ވާނުވާ ބަންދުގައި މިވަގުތު ތިބި މީހުންގެ އަދަދު ރިއަލްޓައިމްގައި ސާފުކުރެވޭނެ ގޮތް އަދި ފެންނަން ނެތް ނަމަވެސް، ސަރުކާރުގެ ރަސްމީ ލިޔުންތަކާއި އޭނާގެ ތަޖުރިބާގެ އަލީގައި އާއި ރައީސް މުއިއްޒުގެ ވާހަކަފުޅުގެ އަލީގައި އެ އަދަދު 300 އަށްވުރެ ގިނަވާނެކަން ފާހަގަކުރައްވަމުން ހޯމް މިނިސްޓްރީއާ ހަވާލާދެއްވާ ޝަމީމް ވިދާޅުވީ، އޭގެ ތެރެއިން 145 މީހުންގެ މައްސަލަ އޮތީ އަތޮޅުތަކުގެ މެޖިސްޓްރޭޓު ކޯޓުތަކުގައި ކަމަށެވެ.

ވާނުވާގައި ތިބި މީހުންގެ މައްސަލަތައް މާޗު މަހާ ހަމައަށް ނިންމޭނީ ބަންޑާރަނައިބު ހިމެނިވަޑައިގަންނަވާ ހެން، ޖުޑީޝަލް ސާވިސް ކޮމިޝަނުން މައްސަލަތައް އަވަހަށް ނިންމަވަން ހާއްސަ މަސައްކަތްތަކެއް ކޮށްގެންކަން ފާހަގަކުރައްވަމުން ޝަމީމް ލިޔުއްވިގޮތުގައި އަތޮޅުތަކުގެ ކޯޓުތަކުން މިދިޔަ އަހަރު ޖުމުލަ 487 ޖިނާއީ މައްސަލައެއް ނިންމިއިރު، މިއަހަރު 540 ޖިނާއީ މައްސަލައެއް ނިންމާފައިވެއެވެ. އެހެންކަމުން އެއީ މިދިޔަ އަހަރު އެވަރެޖްކޮށް މަހަކު 40 މައްސަލަ، އަދި މިއަހަރު އެވަރެޖްކޮށް 45 މައްސަލައެވެ.

އަދި ކްރިމިނަލް ކޯޓުން މިދިޔަ އަހަރު 414 މައްސަލަ (އެވަރެޖުކޮށް މަހަކު 34.5 މައްސަލަ) ނިންމިއިރު، މިއަހަރު 701 މައްސަލަ (އެވަރެޖުކޮށް މަހަކު 58 މައްސަލަ) ނިންމިކަމަށާއި، ޖުވެނައިލް ކޯޓުން މިދިޔަ އަހަރު 19 މައްސަލައެއް (އެވަރެޖުކޮށް މަހަކު 1.5 މައްސަލަ) ނިންމިއިރު، މިއަހަރު ހަތަރު މައްސަލައެއް ނިންމިކަމަށް، ޝަމީމް ލިޔުއްވާފައިވެއެވެ.

"އަޅުގަނޑުގެ ތަޖުރިބާގައި، މިމައްސަލަތައް އަވަހަށް ނިންމުމަށް ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ކުރަންވާ ކަންކަން އެ އިދާރާތަކަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެއިދާރާތަކުން އެމަސައްކަތްތައް އެގޮތަށް ކުރައްވާނެއެވެ. މީގެ އިތުރުން، ރައީސްގެ އަމާޒަށް، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށް، ވާނުވާ ބަންދުގައި ތިބި މީހުންގެ މައްސަލަތައް ނިންމޭނީ، އެޓަރނީ ޖެނެރަލް ހިމެނިވަޑައިގަންނަވާ ގޮތަށް، ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިމައްސަލަތަކުގެ ޢަދަދުތައް ނަންގަވައިގެން، މައްސަލަތައް އަވަހަށް ނިންމަވަން ޚާއްޞަ މަސައްކަތްތަކެއް ކުރައްވައިގެންނެވެ." - ޝަމީމް

ޝަމީމް ވިދާޅުވިގޮތުގައި، ވާނުވާ ބަންދުގެ މައްސަލައިގެ ހަގީގަތް ރައީސަށް އެނގިވަޑައިގެން، އެވާހަކަ ދެއްކެވީ 4 ޑިސެމްބަރ 2025 ދުވަހު މާފަންނުގެ ރައްޔިތުންނާއެކު، ތާޖުއްދީން ސްކޫލުގައި ބޭއްވި ބައްދަލުވުމުގައެވެ.

ފަސްމިނިޓުން ބަންދުގައި ތިބި މީހުން ދޫކޮށްނުލެވޭނެކަމަށާއި، ބަންދުގައި ތިބީ ނުރައްކާތެރި ކުށްވެރިން ކަމަށާއި، އެމީހުން މުޖްތަމައަށް ދޫކޮށްލުމަކީ ރައީސަށް ލިބިވަޑައިގެންފައިވާ ހައްގެއް ނޫންކަމަށާ، މީގެ ކުރިން މައްސަލަތައް ނުބެލި ހުރީ ވަސީލަތްތައް ނެތީމާކަމަށްވެސް ވިދާޅުވިއެވެ.

"މިއީ، މިކަން ހަގީގަތުގައިވެސް އޮތް ގޮތެވެ. ވޭތުވެދިޔަ ފަސްއަހަރުވެސް ދައްކަމުން އައި ވާހަކައެވެ. މިވާހަކަތައް ތަފްޞީލުކޮށް، އަޅުގަނޑުގެ ޕްރޮސިކިއުޓަރ ޖެނެރަލްކަމުގެ ދައުރުގައި ރައްޔިތުންގެ މަޖިލީހަށް ފޮނުވި (އަދި ޢާންމުކޮށް ޝާއިޢުކޮށްފައިވާ) ޕީޖީ އޮފީހުގެ އަހަރީ ރިޕޯޓުތަކުގައި ލިޔެފައި ހުންނާނެއެވެ. ކިޔާ މީހުންނާއި ވިސްނާ ފިކުރުކުރާ މީހުން ކިޔައި، ބަލައި ހެދުމަށެވެ." - ޝަމީމް

6 ފެބްރުވަރީ 2025 ގައި ރައްޔިތުންގެ މަޖިލީސް މިއަހަރަށް ހުޅުވުމަށް ބޭއްވި ޖަލްސާގައި ދެއްވި ރިޔާސީ ބަޔާނުގައި، އޮގަސްޓު މަހުގެ ކުރިން ހުޅުމާލޭގައި ޑްރަގް ކޯޓާއި ކްރިމިނަލް ކޯޓު ހިންގަން ފެށުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ނިންމައިލެވޭނެ ކަމަށާއި، ނަތީޖާއެއްގެ ގޮތުން، ނުހިނގާ ހުރި ގިނަ މައްސަލަތައް ހިނގަން ފަށާނެ ކަމަށާ، އަދި އޭގެ އިތުރު ނަތީޖާއެއްގެ ގޮތުން، ވާނުވާގައި ތިބި އެތައް ބަޔަކަށް އިންސާފު ލިބި، ވާނުވާ ބަންދުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ކުރެވޭ މަސައްކަތަށް ބޮޑު ކުރިއެރުމެއް އިރާދަކުރެއްވިއްޔާ ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް