އިއްޔެ ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވާ މުއްތަލިބު ވިދާޅުވީ، ސަރުކާރުގެ ރިކަރަންޓު ހަރަދުކުރަންޖެހެނީ ދައުލަތަށް ލިބޭ އާމްދަނީއަށްވުރެ ވެސް އިތުރަށް ކަމަށާ، އެހެންކަމުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި ސަރުކާރަށް އަބަދުވެސް ޖެހެނީ ކޮންމެވެސް ގޮތަކުން ލޯނު ހޯދަންކަމަށެވެ.
އަދި އެގޮތުން ރާއްޖެއިން ބޭރުން ނަގާ ލޯނާއި، ރާއްޖޭގެ އެތެރެއިން ބޮންޑު ވިއްކައިގެން ނަމަވެސް ހުރިހާ ރަށެއްގައި އެތައް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގުމަކީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވެ މުއްތަލިބު ވިދާޅުވީ، އެކަންކަން ރައްޔިތުން ގަބޫލުކުރުމަކީ އެބޭފުޅާގެ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.
"ހަގީގަތުގަ އަޅުގަނޑުމެންނަށް މަޝްރޫއެއް ހިންގަން ބޭނުންވާއިރު، ބޭނުންވާ ވަގުތަކު ލޯނު ނަގައިގެން ކުރެވޭ ކަހަލަ ގޮތަކަށް ނޫން މި އޮންނަނީ. އަޅުގަނޑުމެންގެ އެތެރެއިން އެވަރަކަށް ލޯނެއް ނުލިބޭ. އެކަންކަން ރައްޔިތުން ގަބޫލުކުރުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެދޭކަމެއް." މުއްތަލިބު ވިދާޅުވި އެވެ.
ސަރުކާރުން މަޝްރޫއުތައް، އުނދަގޫތަކާއެކު ވެސް ހިންގަނީ ދުރާލާ ރާވައިގެން ވަރަށްވެސް ވިސްނުންތެރިކަމާއެކު ކަން ފާހަގަކުރައްވާ މުއްތަލިބު ވިދާޅުވީ، އެހެން ނަމަވެސް އެކަންކަން ރައްޔިތުންނަށް ގިނަ ފަހަރު ނުފެންނަ ކަމަށެވެ. އެހެންކަމުން ސަރުކާރަށްވެސް ދިމާވާ ގޮންޖެހުންތައް ގަބޫލުކޮށް، ސަރުކާރުން ކުރަމުންދާ މަސައްކަތުގައި ރައްޔިތުން ބައިވެރިވެ އެއްބާރުލުން ދޭންޖެހޭނޭ ކަމަށް ވެސް މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބުގެ ވާހަކައިގެ އިތުރުން ވެސް މި ސަރުކާރުގެ މަތިފަޑީގެ ގިނަ ބޭފުޅުންގެ ވާހަކަ މިހާރު މިފަދައި ހުރި އިރުގައި، މި ސަރުކާރު ވެރިކަމަށް އައިސް ދެވަނަ އަހަރު މިހާރު ހިނގަމުން އަންނައިރު، މި ފަހަކާޖެހެންދެން ވެސް، ސަރުކާރު ހިންގުން ދޯހަޅިވެ ބޮއްސުންލައިގެންދާ ކަމުގެ އުޒުރެއްގެގޮތުން ރައްޔިތުންނަށް ދައްކަމުން އައީ ކުރީ ސަރުކާރުގެ ސަބަބުތައް ކަމެވެ.
ނަމަވެސް މިހާރު އަނެއްކާ ވެސް ރާގު ބަދަލުވެފައި ވާއިރު، ފަހަގަކޮށްލަންޖެހޭ ކަމަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ، އޭރުއޮތް އެމްޑީޕީގެ ސަރުކާރު ހިންގުމުގެ ސިޔާސަތުތައް ކަމުނުދާކަމަށް ބުނެ، އެ ސަރުކާރުގެ ދަރަނި އަހަރަކަށްވުރެ އަހަރެއް އިތުރުވަމުން ދާކަމަށާ، މަޝްރޫއުތައްހިންގަން ޖެހެނީ ވެސް ލޯނު ނަގައިގެން ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ތަކުރާރުކޮށް ވާހަކަދައްކަވާފައިވާ ކަމެވެ.
އެހެން ނަމަވެސް ގިނަ ދާއިރާއަކުން ބަލާއިރު، މި ސަރުކާރުގެ ހަރަދުތައް އިތުރުވެ، ސަރުކާރުން އަޅަން ނިންމާފައިވާ މާލީ އިސްލާހީ ފިޔަވަޅުތައް އަވަސްކުރުމަށް އައިއެމްއެފް (އިންޓަނޭޝަނަލް މަނިޓަރީ ފަންޑު) އިން މިހާރު ވެސް ގޮވާލާފައި ވާއިރު، އެކަމަށް ސަރުކާރުން އެއްބަސްވި ނަމަވެސް، އެއްވެސް އަމަލީ ސިފައެއް އެކަމުގައި ފެނިފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މާލީ އިދާރާގެ ހިސާބުތައް ދައްކާގޮތުން ހުސްވި އަހަރު ދައުލަތަށް 34.7 ބިލިން ރުފިޔާގެ އާމްދަނީ ލިބުނެވެ. އެހެން ނަމަވެސް، ރިކަރަންޓު ހަރަދަށް 37 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
ސަރުކާރު މަތިބަރުވެ، ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުވުމުން މުސާރައަށް ދައުލަތުން ކުރާ ހަރަދު އިތުރުވެފައިވާ ކަމަށް މާލީ ހިސާބުތަކުން ސާފުކޮށް ފެންނަން އޮތްއިރު، ވެރިކަން މިހާ ހިސާބަށް އައިސްފައި މިވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު ވެސް ހާމަނުކުރުމެއް ނެތިއެވެ.
އަދި ސިޔާސީ މުވައްޒަފުންގެ ތެރެއިން 248 މީހަކު، ސަރުކާރުގެ ހަރަދު ކުޑަކުރުމުގެގޮތުން ވަކިކުރި ކަމަށް ހުސްވި އަހަރުގެ ނޮވެމްބަރުގައި ރައީސް މުއިއްޒު ހާމަކުރެއްވި ނަމަވެސް އެ މުއައްޒަފުންގެ ވެސް ތަފުސީލެއް ހާމައެއް ނުކުރައްވައެވެ.
މި ސަރުކާރުގެ ކަންކަން ގާތުންބަލަމުން އަންނަ ގިނަ ސިޔާސީ ފަރާތްތަކުން ބުނަމުންއަންނަނީ މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު މިހާރުވެސް ހުންނާނީ ތިންހާހުން މަތީގައި ކަމަށް ގައިމުވާ ކަމަށެވެ. މި އަދަދުތައް މަދުކޮށް ސަރުކާރުގެ ހަރަދު ކުޑަކުރުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ވެސް އަންނަނީ ތަކުރާރުކޮށް ގޮވާލަމުންނެވެ. ނަމަވެސް ސަރުކާރުން މިދެނީ ބީރު ކަންފަތެއްކަމުން މިކަމުގެ ހުރިހާ ގެއްލުމަކާ ހިތާމައެއް ދިގުލާނޭހެން ފީރަމުންދަނީ އާންމު ރައްޔިތުންނަށެވެ.