މިދިޔަ އަހަރުގެ ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް އިންތިޒާމްކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުން - ފޮޓޯ:ވެލިދޫ ކައުންސިލް
ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް އަންނަމަހު ފަށަނީ
މުޙައްމަދު ޤާސިމް 18 އޭޕްރީލް 2025 (ހުކުރު)   16:09
ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓް އަންނަ މެއިމަހު ފެށުމަށް ނިންމާ ވެލިދޫ ކައުންސިލުން އެކަން ހާމަކޮށްފިއެވެ.

ފިޔެސްއަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލްގެ ރައީސް ޢާޠިފް ޙުސެއިން ވިދާޅުވީ، ވިޒިޓް ވެލިދޫ އިންވިޓޭޝަނަލް ވޮލީބޯލް ޓޯނަމެންޓަކީ ފާއިތުވި އަހަރުވެސް އެ ކައުންސިލުން އިންތިޒާމްކޮށްގެން ވަރަށް ކާމިޔާބުކަމާއެކު ބޭއްވިގެންދިޔަ މުބާރާތެއް ކަމަށްވާތީ، މިއަހަރު ވެސް، މިއަންނަ މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް އެ މުބާރާތް ބޭއްވުމަށް ވެލިދޫ ކައުންސިލުން މިހާރު ނިންމާފައިވާ ކަމަށެވެ.

ޢާޠިފް ޙުސެއިން ވިދާޅުވީ، ކުރީ އަހަރެކޭވެސް އެއްފަދައިން މިއަހަރުގެ މުބާރާތް ވެސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ނ.އަތޮޅުގެ ހުރިހާ ރަށްތަކަކަށް ހުޅުވާލައިގެން ކަމަށެވެ.

ވެލިދޫ ކައުންސިލުން ހާމަކުރައްވާފައިވާ ގޮތުން ފިރިހެން ޑިވިޝަންގައި 7 ޓީމު މިހާރު ބައިވެރިވެފައިވެއެވެ.

އެ ޓީމުތައް ތިރީގައި މިވަނީއެވެ:

  • ފޮއްދޫ ސްޕޯޓްސް ކްލަބް
  • މާޅެންދޫ ވޮލީ ޓީމް
  • ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް ވޮލީ ޓިމް
  • ވެލިދޫ ސްޕޯޓްސް ކްލަބް
  • ހެނބަދޫ ވޮލީ ޓީމް
  • މަނަދޫ ސްޕޯޓްސް ކްލަބް
  • ނ.މަގޫދޫ ވޮލީޓީމް

އަދި އަންހެން ޑިވިޝަންގައި 5 ޓީމު މިހާރު ބައިވެރިވެފައިވާ ކަމަށް ވެލިދޫ ކައުންސިލުން ހާމަކުރެއެވެ.

އެ ޓީމުތައް ތިރީގައި މިވަނީއެވެ:

  • ވެލިދޫ ސްޕޯޓްސް ކްލަބް
  • ފޮއްދޫ ސްޕޯޓްސް ކްލަބް
  • ކެނދިކުޅުދޫ ސްޕޯޓްސް ކްލަބް ވޮލީ ޓިމް
  • ނ. މަގޫދޫ ކައުންސިލް ވޮލީ ޓީމް
  • މަނަދޫ ސްޕޯޓްސް ކްލަބް

މި މުބާރާތުގައި މިފަހަރު އަލަށް ތައާރަފުކުރި 19 އަހަރުން ދަށުގެ ޑިވިޝަންގައި ބައިވެރިވެފައި ވަނީ، ހަމައެކަނި ވެލިދޫ ސްޕޯޓްސް ކްލަބް ކަމަށްވާތީ، އެ ޑިވިޝަން މިއަހަރު ނުބޭއްވުމަށް ނިންމާފައިވާ ކަމަށާ، ނަމަވެސް ކުރިއަށް އޮތް އަހަރުތަކުގައި ހަމަ އެ ޑިވިޝަންގައި އިތުރު ޓީމުތައް ބައިވެރި ކުރުވުމަށް މަސައްކަތްތަކެއް ކުރާނެކަމަށް މުބާރާތް އިންތިޒާމްކުރާ ކޮމިޓީއާ ހަވާލާދީ ވެލިދޫ ކައުންސިލުން ބުނެއެވެ.

ނ. އަތޮޅުގެ ރަށްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް އެ އަތޮޅުގެ ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަކީ މި މުބާރާތުގެ މައިގަނޑު މަގުސަދު ކަމަށާ، ކުރީ އަހަރެކޭވެސް އެއްގޮތަށް މުބާރާތުގެ އިނާމުގެ ގޮތުގައި ޗެމްޕިއަން ޓީމަށް 20,000 (ވިހިހާސް ރުފިޔާ) އަދި ރަނަރަޕް ޓީމަށް 10,000 (ދިހަހާސް ރުފިޔާ) ދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ވެލިދޫ ކައުންސިލުން ބުނެއެވެ.

އަދި ކުރީ އަހަރުގެ ކާމިޔާބީގެ މައްޗަށް ބިނާކޮށް، މިއަހަރުގެ މުބާރާތް ވެސް މިހާރަށްވުރެ އިތުރަށް ކުރިއެރުވުމަށް ހާއްސަ މަސައްކަތްތަކެއް މިހާރުވެސް ކުރެވެމުން އަންނަ ކަމަށާ، އެ މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުސަތު ވިޔަފާރިތަކަށާއި އެހެނިހެން ފަރާތްތަކަށް މިހާރު ވެސް ހުޅުވާލެވިފައިވާ ކަމަށް ވެލިދޫ ކައުންސިލުން ބުނެއެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ވެލިދޫ ކައުންސިލްގެ ހޮޓްލައިން 7897744 އަށް ގުޅުއްވުމަށް، ނުވަތަ [email protected] އަށް މެއިލް ކުރެއްވުމަށް ވެލިދޫ ކައުންސިލުން އެދެއެވެ.

ކޮމެންޓް