ނ. ވެލިދޫ ފޮޓޯ:ފަވައްޓޭ
އަންނަ އަހަރުގެ ސެޕްޓެމްބަރުގައި ވެލިދޫގެ ބަނދަރު ނިންމާލެވޭނެ - މުއްތޮލިބު
އީއައިއޭ ނިމުނުހާ އަވަހަކަށް ނ.ފޮއްދޫގެ ބަނދަރުގެ މަސައްކަތް ވެސް ފެށޭނެ
މުޙައްމަދު ޤާސިމް 12 މޭ 2025 (ހޯމަ)   12:01
އަންނަ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރުގައި، ނ. ވެލިދޫގެ ބަނދަރުގެ މަސައްކަތް އެއްކޮށް ނިންމައި، ބޭނުންކުރަން ފެށޭނެ ކަމަށް ހައުސިން މިނިސްޓަރު ޢަބްދުﷲ މުއްތޮލިބު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ވެލިދޫ ބަނދަރުގެ މަސައްކަތް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ފާޅުކުރައްވާ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ވަޒީރު މުއްތޮލިބާ ވަނީ ސުވާލު ކުރައްވާފައެވެ.

އެ ބަނދަރުގެ މަސައްކަތް ނިންމައި ރައްޔިތުންނަށް ބޭނުންކުރަން ފެށޭނީ ކޮން ތާރީހެއްގައިތޯ؟ މެންބަރު އައްބާސް ކުރެއްވި ސުވާލުގެ ޖަވާބުގައި، ވަޒީރު މުއްތޮލިބު ވިދާޅުވީ، އެ މަޝްރޫއުގެ މަސައްކަތަކީ ކުރިއަށް ނުގޮސް މިހާރު މަޑުޖެހިފައިވާ މަސައްކަތެއް ކަމަށާ، އެ ސަރަހައްދު ކޮންނަން ފަށައި މަޑުޖެހިފައި ވާއިރު، ވެލިދޫ ބަނދަރަކީ މިއީ ވަރަށް ފަހުން ހަދާފައި އޮތް ބަނދަރެއް ކަމަށެވެ.

އެހެން ނަމަވެސް މި މަޝްރޫއަކީ، ބަނދަރު ބޭނުންކުރުމަށް ރައްޔިތުންނަށް ދަތިތަކެއް ހުރުމުން، އަޕްގްރޭޑްކުރުމަށްޓަކައި ހިންގޭ މަޝްރޫއެއް ކަމަށާ، އެ މަސައްކަތް ލަސްވަނީ މަޝްރޫއަށް ބޭނުންވާ ބޮޑުހިލަ ލިބުމުގައި ދަތިތަކެއް ހުރުމުގެ ސަބަބުން ބޭރު ތޮށީގެ މަސައްކަތް އަދި ފެށިފައި ނުވާތީ ކަމަށެވެ. ނަމަވެސް މަޝްރޫއަށް ބޭނުންވާ އެލް ބްލޮކްސްތައް މި މަހުގެ ތެރޭގައި ވެލިދޫއަށް ގެންދިޔުމަށް އެމްޓީސީސީއިން ރާވާފައިވާ ކަމަށް ވެސް މުއްތޮލިބު ވިދާޅުވިއެވެ.

އަދި ބަނދަރު ޑިޒައިންކުރުމުގައި ބަނދަރު ބޭނުންކުރާ ފަރާތްތަކާ އޭރު މަޝްވަރާކޮށްފައި ނުވާ ކަމަށް ބުނެ، ވެލިދޫ ކައުންސިލުން އެ މިނިސްޓްރީއަށް ސިޓީއެއް ފޮނުވި ކަމަށާ، އެހެންކަމުން އެކަމުގައި މަޝްވަރާކުރަންޖެހޭ ފަރާތްތަކާ މަޝްވަރާކޮށް ހައްލެއް ގެނައުމަށް ވަގުތު ނަގާތީ ލަސްތަކެއް އުޅެނީ ކަމަށް ވެސް މުއްތޮލިބު ވިދާޅުވިއެވެ.

ވެލިދޫގައި ބަނދަރު އެޅުމަށް އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ) އާއެކު ސޮއިކުރީ 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެވެ. އަދި މުޅި މަޝްރޫއު އެއްކޮށް ނިންމައި، ރައްޔިތުންނަށް ބޭނުންކުރަން ހަވާލުކުރެވޭނެ ކަމަށް މިހާރު ކަނޑައެޅިފައި އޮތް ތާރީހަކީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށެވެ.

މަޝްރޫއުގެ ތެރޭގައި ކުރަން ހިމަނާފައިވާ ކަންތައްތައް:

  • ބަނދަރު 3.5 މީޓަރަށް ފުންކުރުން
  • ނެރު ހަތަރު މީޓަރަށް ފުންކުރުން
  • 12 މީޓަރުގެ ނެރުފައި ކައްޓެއް ޖެހުން
  • ސޭންޑްފިލް ބްރޭކްވޯޓާ ރިޕްރޮފައިލްކުރުމަށްފަހު ރާޅު ނާރާ ގޮތަށް ފާރެއް ރޭނުން
  • 151 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓެއް ޖެހުން
  • 166 މީޓަރުގެ އެލް ބްލޮކް ވާޓަރު
  • 22 ބައްތި ޖެހުން
  • ދެ ނެރު ބައްތި ޖެހުން
  • 2،433 މީޓަރުގެ ކޮންކްރީޓް ޕޭމަންޓް އެޅުން
  • 120 މީޓަރު ޖެޓީ
  • ދޯނި އެހެލާތަން ފުންކުރުން

އަދި ވެލިދޫ ދާއިރާގައި ހިމެނޭ ނ. ފޮއްދޫގެ ބަނދަރުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހަކާ ބެހޭގޮތުން ވެސް ވެލިދޫ ދާއިރާގެ މެންބަރު އައްބާސް މިއަދު ވަނީ، މަޖިލީހުގައި ވަޒީރު މުއްތޮލިބާ ސުވާލުކުރައްވާފައެވެ.

އެ ސުވާލަށް ޖަވާބުދެއްވައި މުއްތޮލިބު ވިދާޅުވީ ފޮއްދޫގެ ބަނދަރު އެމްޓީސީސީން ވަނީ މިހާރު މޮބިލައިޒްކޮށްފައި ކަމަށާ، އަދި މިހާރު ކުރިއަށް ދަނީ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ)ގެ މަސައްކަތް ކަމަށް ވާއިރު، އެ މަސައްކަތް ނިމުނުހާ އަވަހަކަށް ބަނދަރު ހަދަން ފެށޭނެ ކަމަށް ވަޒީރު މުއްތޮލިބު ވިދާޅުވިއެވެ.

ކޮމެންޓް