ދޯނި ފެނުނު އިރު އޮތް ސަރަހައްދު.--
ފަސް މީހުންނާއެކު ގެއްލުނު ދޯނި ފެނިއްޖެ
މަރްޔަމް މުޙައްމަދު 29 އޭޕްރީލް 2025 (އަންގާރަ)   08:50
ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަނިކޮށް ރޭ އަށެއްޖަހާ އެހާކަންހާއިރު ގެއްލުނު ދޯނި އިންޖީނު ހުއްޓިފައި އޮއްވައި ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، "ބްރިލިއަންޓް ކެރިއާ" ނަމަކަށް ކިޔާ މުދާ އުފުލާ މިދޯންޏަކީ ގދ. ގައްދޫއިން ފުރައިގެން ހުޅުމާލެއަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށާ، ދޯނި ގައްދޫއިން ފުރީ، ރޭ އަށެއްޖަހާ އެހާކަންހާއިރު ކަމަށެވެ. އަދި ދޯނި ފެނިފައި މިވަނީ، މިއަދު ފަތިހުގެ ވަގުތެއްގައި ލ. އަތޮޅުން ކަމަށެވެ.

ގެއްލުމުގެ ކުރިން ދޯނީގެ އެންމެ ފަހުގެ ލޮކޭޝަނެއްގެ ގޮތުގައި ނޯޓުވެފައި އޮތީ ހުވަދޫ ކަނޑުގެ ބޭރު ކަމަށާ، އެ ދޯނީގައި ތިން ދިވެހިންނާއި ދެ ބިދޭސީން ތިބިއިރު، އެ އެންމެންގެ ހާލު ވެސް ރަނގަޅުކަމަށް އެމްއެންޑީއެފް އިން ވެސް ދަނީ މައުލޫމާތު ދެމުންނެވެ.

ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް އިން ދިޔައީ އިއްޔެއިން ފެށިގެން ކުރަމުން ކަމަށާ، ދޯނި ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓް ގާޑަށް ކަމަށް ވެސް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

"މި ދޯނި ރޭ ފަތިހު 5:00 އެހައިކަންހާއިރު ލ. އަތޮޅު ތެރެއިން ފެނިފައިވާ ކަމަށް ކޯސްޓް ގާޑުން މައުލޫމާތުދޭ. ދޯނި ވަނީ އިންޖީނު ހުއްޓިފައި. ދޯންޏަށް ބޭނުންވާ އެހީތެރިކަން ވަނީ ފޯރުކޮށްދީފަ. ދޯނީގައި ތިބި މީހުންގެ ހާލު ރަނގަޅު." ފުލުހުންގެ މީޑިއާ އޮފިޝަލް ފޮނުވި މެސެޖުގައި ބުނެފައި ވެއެވެ.

މިހާރު ދުއްވާ ދޯނިތަކުގައި އާންމުކޮށް ހުންނަނީ ލައިވް ލޮކޭޝަން ފެންނަ ޖީޕީއެސް ކަމަށް ވީނަމަވެސް، އެ ދޯނީގެ ލޮކޭޝަން ނުފެނުނު ސަބަބެއް އަދި ވަނީ ސާފު ނުވެފައެވެ.

ކޮމެންޓް