ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާ - ފޮޓޯ: މަޖިލިސް
މާބޮޑު ވިސްނުމެއް ނެތި ސިނގިރޭޓު އަގު ބޮޑު ކުރުމުން ނުކުތް ނަތީޖާ ރަނގަޅެއް ނޫން
ދުންފަތުން ދުރުހެލިވުމާމެދު މީހުން ހޭލުންތެރި ކުރުމަށް ސަރުކާރުން މަސައްކަތެއް ނުކުރޭ – ޣަފޫރު
ޖުނާން އަޙުމަދު 30 އޭޕްރީލް 2025 (ބުދަ)   13:01
މާބޮޑު ވިސްނާލުމެއް ނެތި ގާނޫނުތައް ބައްޓަންކޮށް ސިނގިރޭޓުގެ އަގު ބޮޑު ކުރުމުން ނުކުތް ނަތީޖާ ރަނގަޅު ނޫން ކަމަށް ހަނިމާދޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރު، ޢަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގައި ބަހުސް ކުރައްވަމުން ޣަފޫރު މިއަދު ވިދާޅުވީ، މާބޮޑު ވިސްނާލުމެއް ނެތި ގާނޫނުތައް ބައްޓަންކޮށް ސިނގިރޭޓުގެ އަގު ބޮޑު ކުރުމުން ނުކުތް ނަތީޖާ ރަނގަޅު ނޫން ކަން ދޭހަވާ އެންމެބޮޑު އެއްކަމަކީ، ސަރުކާރުން ސިނގިރޭޓުގެ އަގު ބޮޑު ކުރުމާއެކު ވަގު ސިނގިރޭޓު އާންމުވުމާއި ބޮޑެތި ވައްކަންތައް އިތުރުވުން ކަމަށެވެ.

"އަޅުގަނޑުމެންނަށް މީގެ ސަބަބުން ފެނިގެން ދިޔައީ އިއާދަ ނުކުރެވޭ ވަރުގެ ބޮޑެތި ވައްކަން މި ދައުލަތުގެ ތެރޭގައި ހިނގަން ފެށިތަން. މިހާތަނަށް 600 މިލިއަން ރުފިޔާއަށްވުރެ ގިނަ ސިނގިރޭޓު ވަގަށް އެތެރެވެގެން ހިނގައްޖެ، އޭގެ ސަބަބުން އަޅުގަނޑުމެންނަށް ދަނީ ގޯސް ނަތީޖާތަކެއް ފެންނަމުން، މި ވައްކަމުގައި ދައުލަތުގެ ތަންފީޒީ މުއައްސަސާތައް ވެސް ދަނީ ބައިވެރިވަމުން." ޣަފޫރު ވިދާޅުވި އެވެ.

އަދި ދުންފަތާ ގުޅިގެން ފާސްކުރި ޤާނޫނުތަކާއި ހެދި ޤާވާއިދުތަކާ އެއްގޮތަށް އަމަލު ކުރޭތޯ މުއައްސަސާތަކުން ބަލަންޖެހޭ މިނަވަރަށް ނުބެލޭ ކަމަށް ވިދާޅުވެ ޣަފޫރު ވިދާޅުވީ، އެކަމުގެ ސަބަބުން ނުކުންނަ ނޭދެވޭ ނަތީޖާއިން ސަލާމަތްވުމަށް ސިނގިރޭޓުގެ އަގު ކުރިން ހުރި ވަރަށް ދަށް ކުރުމަށް މި ސަރުކާރަށް އެބޭފުޅާ ގޮވާލައްވާ ކަމަށެވެ.

ޣަފޫރުގެ ވާހަކައިގައި، ރައްޔިތުންނަށް އުފުލޭނެ ބުރަތަކެއް އޭގައި ހިމަނައިގެން ނޫން ގޮތަކަށް ދުންފަތާ ގުޅުންހުރި ޤާނޫނުތައް ފާސްކޮށްގެން ނުވާނެ ކަމަށާ، އެކަން އެގޮތަށް ނުކޮށްފި ނަމަ ދިވެހި ރާއްޖޭގައި ތިބޭނީ ހުސް ކުށްވެރިން ކަމަށް ވެސް ވިދާޅުވިއެވެ.

އަދި ދުންފަތަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެއް ކަމާމެދު ދެބަސް ވާނެ މީހަކު ނުހުންނާނެ ކަން ފާހަގަކުރައްވަމުން ޣަފޫރު ވިދާޅުވީ، ދުންފަތް ކޮންޓްރޯލް ކުރަންވާނީ ޤާނޫނަކުން އެކަން މަނާކޮށްގެންތޯ ނުވަތަ ރައްޔިތުން އެކަމަށް އަހުލުވެރި ކޮށް ހޭލުންތެރި ކޮށްގެންތޯ އެއީ ވިސްނައިލަންޖެހޭ ކަމެއް ކަމަށެވެ.

ނަމަވެސް ފެންނާން އޮތް ހަގީގަތަކީ ދުންފަތުން ދުރުހެލިވުމަށް މީހުން އަހަލުވެރި ކުރުމަށް މި ސަރުކާރުން އެއްވެސް މަސައްކަތެއް މިހައިތަނަށް ނުކުރާކަން ކަމަށް ވިދާޅުވެ ޣަފޫރު ވިދާޅުވީ، މި ކަންކަން ހިނގައި ދާންޖެހޭނެ ގޮތަކީ މިއީ ނޫން ކަމަށާ، އަޅުގަނޑުމެން ތެދުވަން ޖެހޭނީ އަޅުގަނޑުމެންނަށް ވާވަރުގެ ކަންތައްތައް ކުރަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ހިފައި އުފުލޭވަރު ކަންތައްތަކައިގެން އަޅުގަނޑުމެން ކުރިއަށް ދާންޖެހެނީ، ނޫން ނަމަ ހައްތަހާ ވެސް މިހެން ހެދޭ ޤާނޫނުތަކުގެ ސަބަބުން ރައްޔިތުން ޤާނޫނާ ހިލާފުވެ ކުށްވެރިންގެ ގޮތުގައި މުޅި ގައުމު ޖަލަކަށް ބަދަލުވެގެންދާނެ." ޢަފޫރު ވިދާޅުވި އެވެ.

އަދި ޤާނޫނުތައް ހަދަން ޖެހެނީ ރައްޔިތުންނަށް ވެސް އެއީ ރަނގަޅު ނިޔަތެއްގައި ކުރާ ކަމެއްކަން އެނގޭނެ ގޮތަށް އެމީހުންނަށް ވެސް އުފުލޭނެ ބުރަތައް ހިމަނައިގެން ކަމަށާ، ނޫން ނަމަ މުޅި ގައުމުގައި ތިބޭނީ ކުށްވެރިން ކަމަށް ގަބޫލުކުރައްވާ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ކޮމެންޓް