ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރު މަގާމުން ވަކިކުރުމުގެ މައްސަލަ އޮތީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ.
އެ މައްސަލައިގެ ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން އެމްޑީޕީ މެންބަރު ގަފޫރު ވިދާޅުވީ، ކެމްޕޭނުގައި ދެއްކި ވާހަކައާ ވެރިކަމަށް އައިސް ކަން ކުރަމުންދާ ގޮތާ ދިމާނުވާ ކަމަށެވެ.
"މިއަދު މިވާގޮތަކީ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ކަން ނުކުރާހެން ހީވާ އެންމެން ބޭރުކުރަނީ. މިއަދު ހުއްޖަތް ދައްކާނެ ކަމެއްނެތް. އެމްޑީޕީ ވެރިކަމުގައި އެހެނޭ ހެދީ އެއީ މާޒީ. ރައްޔިތުން ކައިރީ ބުނީ ތިމަންނާމެން އެއަށްވުރެ މާ މޮޅަށް މާ ރަނގަޅަށް ވެރިކަން ކޮށްދޭނަމޭ. އިންސާފު ގާއިމްކޮށްދޭނަމޭ. ދެން ހުރިހާ ކަމެއްވެސް ކޮށްދޭނަމޭ. އެހެންވީމާ މިއަދު ވެރިކަމުގައި ތިބެ ފާއިތުވި ތަނުގެ ވާހަކަ ދެއްކުމަކީ ކުރަންޖެހޭނެ ކަމެއް ނޫން." ގަފޫރު ވިދާޅުވިއެވެ.
ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލައިގެ ކޮމިޓީ ރިޕޯޓު ހުށަހަޅާފައި އޮތީ ދެ ފަނޑިޔާރުންނަށް ވަކިންނެވެ. ކޮންމެ ކޮމިޓީ ރިޕޯޓަކަށްވެސް ވާހަކަ ދައްކަން ކަނޑައެޅި 2 ގަޑިއިރުގެ ތެރެއިން އެމްޑީޕީއަށް ވާހަކަ ދައްކަން ލިބުނީ 16 މިނެޓެވެ. ފުރަތަމަ އޮތީ އަޒްމިރަލްދާ ވަކިކުރުމުގެ ރިޕޯޓަށް ވާހަކަ ދެއްކުމެވެ. އެރިޕޯޓަށް އެމްޑީޕީގެ ފަރާތުން ގަފޫރު އިތުރުން ވާހަކަ ދެއްކެވީ އެމްޑީޕީ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އެވެ.
ދެ ފަނޑިޔާރުންގެ ވަކިކުރަން ނިންމާ ޖޭއެސްސީން ފޮނުވި ރިޕޯޓު ފާސްކޮށް ތަޅުމަށް ފޮނުވީ އެ ރިޕޯޓު މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގައި އަމަލު ކުރި ގޮތާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް، ފާތިމަތު ފިލްޒާ ވަނީ ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފައި ވަނިކޮށެވެ. ކޮމިޓީން ނިންމީ ފިލްޒާގެ ކަންބޮޑުވުންތަކާމެދު ގޮތެއް ނިންމާނީ ތަޅުމުން ކަމަށެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާުރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.