ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު އަބްދުﷲ ދީދީ
ފަނޑިޔާރުންނާ ދެކޮޅަށް ހިންގީ ޖަރީމާއެއް – ކުރީގެ އުއްތަމަ ފަނޑިޔާރު
ޖުނާން އަޙުމަދު 5 މޭ 2025 (ހޯމަ)   08:12
ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރުމަށް ޖޭއެސްސީން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރާ ދެކޮޅަށް ހިންގީ ޖަރީމާއެއް ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު، ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދިވެހި ދައުލަތުގެ އެންމެ އަސާސީ އެއް ރުކުން ކަމުގައިވާ ދިވެހި ރައްޔިތުންގެ ބާރު ގެއްލޭގޮތަށް، ޤާނޫނުއަސާސީއަށް ގެނެވުނު ބަދަލަކީ ގާނޫނު އަސާސީގައި ޤާއިމުވެފައިވާ އަސާސީ ސިފަތަކާއި މަބްދައުތަކާ ޚިލާފަށް ގެނެވުނު ބަދަލަކަށްވާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ދުސްތޫރީ އަދި އާންމު މަޞްލަޙަތުގެ މައްސަލައެއްގެ ގޮތުގައި ހުށަހެޅި، އެ ކޯޓުގައި އެ މައްސަލަ ބަލަމުން ދަނިކޮށް، ކުއްލިއަކަށް އެ ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑްކޮށް، ތަޙްޤީޤު ހިންގައި، އަދި ވަކިކުރުމަށް ހުށަހެޅިގެން ދިޔައީ އިއްތިފާޤުން ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

އެއީ ކަނޑައެޅިގެން ޤާނޫނުއަސާސީގެ 41 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފަށް އެ މައްސަލަ ކުރިޔަށް ގެންދިއުމަށް ހުރަސްއެޅުމުގެ ނިޔަތުގައި ހިންގާފައިވާ ޖަރީމާއެއް ކަމަށް އަބްދުﷲ ދީދީ ފާހަގަކުރައްވާފައި ވެއެވެ.

"އެ ޖަރީމާގެ އެންމެހައި ބައިވެރިން ރައްޔިތުންގެ ކުރިމަތީގައި ޖަވާބުދާރީ ވާންޖެހޭނެއެވެ. އަދި ޕީނަލް ކޯޑްގެ 533 ވަނަ މާއްދާގެ ދަށުން ޖިނާއީ މަސްއޫލިއްޔަތުވެސް އުފުލަންޖެހޭނެއެވެ." އަބްދުﷲ ދީދީ ލިޔުއްވާފައިވެއެވެ.

އަޒްމިރަލްދާ އާއި މަހާޒް ސަސްޕެންޝަންގައި ތިއްބަވާތާ ދެމަހަށްވުރެ ގިނަ ދުވަސް ވީފަހުން، ފަނޑިޔާރުކަމުން ވަކިކުރުމަށް ޖޭއެސްސީން ފާސްކުރީ އިއްޔެ އެވެ. އަދި އެ ދެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ ވަނީ މިއަދު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައެވެ. މިއަދު އޮންނަ ޖަލްސާގައި ވޯޓަށް އަހައި، ސަރުކާރުގެ ފުލް ކޮންޓްރޯލް އޮންނަ މަޖިލީހުން އެ ދެ ފަނޑިޔާރުން ވަކިކުރާނެ ކަމަށް ބެލެވެއެވެ.

ފަނޑިޔާރުން ސަސްޕެންޑުކުރަން ޖޭއެސްސީން ނިންމީ އެ ބޭފުޅުންގެ މައްޗަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ބުނެ އެވެ. އެ ތަހުގީގުގެ ތަފުސީލެއް އެއްވެސް އިދާރާއަކުން މިހާތަނަކަށް ނުދެއެވެ.

އަޒްމިރާލްދާ އާއި މަހާޒުގެ މައްޗަށް ތުހުމަތު ކުރީ އަޒްމިރާލްދާގެ ފިރިކަލުން މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމަން ހާޒިރުކުރުމުން، ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވި ކަމަށެވެ. ނަމަވެސް މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރި އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައުލޫމާތު ދީފަ އެވެ.

އެގޮތުން އަޒްމިރާލްދާގެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން ފޮނުވި ސިޓީގައި އޮތީ އެ ކޮމިޝަނުން ބަލަމުން ދަނީ، އޭނާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރާލްދާ ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވި މައްސަލަ ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ޖޭއެސްސީގެ ކުޑަ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި އޮތީ، އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ކަމަށެވެ.

އޭގެ އިތުރުން މި މައްސަލައިގައި، ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް ވެސް ޖޭއެސްސީގެ ކޮމިޓީން ވަނީ ނިންމާފަ އެވެ. ދިފާއުގައި ފަނޑިޔާރުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް އެ ކޮމިޓީން ނިންމި ސަބަބެއް ކަމަށް ބުނީ، އެ ހެކި ހުށަހެޅިޔަސް މައްސަލައިގައި ނިންމާފައިވާ ގޮތަށް ބަދަލެއް ނާންނާނެ ކަމަށް ބުނެ އެވެ.

އެ ދެ މައްސަލައާ ގުޅިގެން ފަނޑިޔާރުން ތަކުރާރުކޮށް ހާޒިރުކޮށް ބަޔާން ވެސް ޖޭއެސްސީން ވަނީ ނަގައިފަ އެވެ. ފަނޑިޔާރުން ވަނީ ޖޭއެސްސީގެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް, ސުލޫކީ މައްސަލަތަކެއް ބަލަން ފެށީ ސިޔާސީ ޕާޓީއަކުން ވަކިކޮށްފި ނަމަ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި ބަދަލު ބާތިލް ކުރަން ހުށަހަޅާފައި އޮތް މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރި ދުވަހު އެވެ. ފަނޑިޔާރުން ސަސްޕެންޑްކުރީ ތާވަލުކޮށްފައި އޮތް މައްސަލަ ފަށަން މަދު ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

ފަނޑިޔާރުން ސަސްޕެންޑު ކުރީ ނުފޫޒު ފޯރުވަން ކަމަށް ބެލޭ ކަމަށް ބުނެ އދ. އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އދ. ގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ ފަނޑިޔާރުން ސަސްޕެންޑުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަ ބެލުން އަދި ކުރެވޭ ކޮންމެ ތަހުގީގަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކުރެވޭ މަސައްކަތެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ.

ކޮމެންޓް