ބާސެލޯ ނަސަންދުރައިގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި "މޯލްޑިވްސް 2.0" އިފުތިތާހު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
އިފުތިތާހު ކުރެއްވުމަށްފަހު ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ޑިޖިޓަލައިޒްކުރުމުގެ އެންމެ މައިގަނޑު އެއް މަޤުޞަދަކީ މިޤައުމުން ކޮރަޕްޝަންގެ ވަބާ ނައްތާލުންކަމަށާއި، އެންމެން އެއްޖޯޝެއްގައި ދިވެހިރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްކުރާ މަސައްކަތުގައި ކޮރަޕްޝަން ނައްތާލަންޖެހޭކަމަށެވެ. އަދި އެކަން ހާސިލްކުރުމަށް ޤައުމުގައި އޮތް ހިންގުމުގެ ނިޒާމް ޑިޖިޓަލައިޒްކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.
ޑިޖިޓަލައިޒޭޝަންގެ ތެރެއިން ކޮރަޕްޝަން ނައްތާލެވޭނެގޮތްތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން، ޑިޖިޓަލައިޒޭޝަންގެ ތެރެއިން ވަރަށް ބޮޑަށް ދެފުށް ފެންނާނެ ނިޒާމެއް ޤާއިމުކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި ޑިޖިޓަލައިޒޭޝަންގެ ތެރެއިން މިހާރު ބޭނުންކުރާ އައި.ޑީ.ކާޑަކީ، ސްމާޓް، ޑިޖިޓަލް، އަދި ހުރިހާ ޚިދުމަތެއް އެ ކާޑުން ހޯދޭނެގޮތް ހިމެނޭކާޑަކަށް ހެދުމަށް މަސައްކަތްކުރައްވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ސައިބަރ ސެކިއުރިޓީ އިންތިހާއަށް ރަނގަޅުކޮށް، ޚިދުމަތުގެ ނިޒާމް ވަރުގަދަކުރެވޭނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ދުނިޔޭގައި ޑިޖިޓަލް ދާއިރާ އިން ކުރިއަރާފައިވާ ގައުމުތަކާއި ރާއްޖޭގައި އެ ދާއިރާ އިން ތިއްބެވި ތަޖުރިބާކާރު ބޭފުޅުންގެ އެހީގައި އެ ސިޔާސަތު ތަންފީޒު ކުރުން މިރޭ ފެށުނީ ކަމަށެވެ.
އިހުސާން ވިދާޅުވިގޮތުގައި ދައުލަތުގެ ހުރިހާ އިދާރާތައް ހިމެނޭ ގޮތަށް ދެ ދުވަހުގެ ސަމިޓެއް ކުރިއަށް ގެންދާނެ އެވެ. އަދި ރާއްޖެ ޑިޖިޓަލައިޒް ކުރާނެ ގޮތާ މެދު ފުޅާދާއިރާއެއްގައި އެ ސަމިޓުގައި ބަހުސްކޮށް، ހުރިހާ އިދާރާތަކުން އެއްބަސްވާ ކަންކަން ނިންމާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.
ރާއްޖެ އަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނައުމަށް ކުރަމުންދާ އެ މަސައްކަތް ކުރިއަށް ގެންދާނީ ރައީސް މުއިއްޒު ޗެއާ ކުރައްވާ އަދި އެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ޑިޖިޓަލް ޓްރާންސްފޯމޭޝަން ކައުންސިލްގެ ދަށުންނެވެ.
އިހުސާން ވިދާޅުވީ އެ ސިޔާސަތުތައް އެކުލަވާލައި ތަންފީޒު ކުރާނީ ހޯމް މިނިސްޓްރީ އާއި އެންސީއައިޓީ އާއި ޓްރޭޑް ނެޓުގެ ފަންނީ މުވައްޒަފުންގެ އެހީގައި ކަމަށެވެ.
މިރޭގެ ރަސްމިއްޔާތުގައި އެސްޓޯނިއާގެ ޑިޖިޓަލް ކައުންސިލްގެ މެމްބަރު އަދި އެސްޓޯނިއާގެ އީ-ގަވަނަންސް އެކަޑަމީގެ ކޯ ފައުންޑަރު ލިނާވިކް ވިދާޅުވީ މިފަހުން ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ދަތުރުފުޅުގައި ވެސް އެކި ފަހަރު މަތިން ބައްދަލުކުރައްވައި މިކަމުގެ މަޝްވަރާތައް ކުރެއްވި ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެ އާއި އެސްޓޯނިއާއަކީ ވެސް ކުޑަ ދެ ގައުމު ކަމަށާއި ކުދި ގައުމުތަކުގެ އެންމެ ބޮޑު އެސެޓަކީ އަމާޒެއް އޮތުން ކަމަށާއި، ދާންވީ ކޮން މިސްރާބަކަށް ކަމާއި ހާސިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް އެނގިފައި އޮތުން ކަމަށެވެ.
ލިނާވިކް ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކު ކުޑަ ފިޔަވަޅެއް އެޅުނު ކަމުގައި ވިޔަސް އޭގެ ސަބަބުން ވަރަށް ބޮޑު އިމްޕެކްޓެއް އަންނާނެއެވެ. އޭނާ ވިދާޅުވީ އެއްވެސް ގައުމަކީ އަމިއްލަ އަމިއްލަ އަށް ޑިޖިޓަލް ޓްރާންސްފޯމޭޝަނެއް ގެނެވޭނެ ގައުމެއް ނޫން ކަމަށާއި އެއީ ބަޔަކާ ގުޅިގެން ނުވަތަ ބައިނަލްއަގްވާމީ ފަރާތްތަކުގެ ބައިވެރިވުމާއެކު ގެނެވޭނެ ބަދަލެއް ކަމަށެވެ.
ދިވެހިރާއްޖެ 2.0 އަކީ ރައީސް މުއިއްޒުގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، މުޅި ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންޤިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މޯލްޑިވްސް 2.0 އަކީ ހަލުވި، ރައްކާތެރި އަދި ދެފުށްފެންނަ ޚިދުމަތް ދިނުމުގެ އަމާޒު ހާސިލުވާގޮތަށް ދިވެހިރާއްޖެ ޑިޖިޓަލް އައު ޒަމާނަކަށް ވާސިލްކޮށްދިނުމަށް ހިންގަންފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢަކީ ޑިޖިޓަލް ވަސީލަތްތަކުގެ އެހީގައި ރައްޔިތުންނަށް މުޅި ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަކާއި މުއައްސަސާތައް އިދާރީ ގޮތުން ހިންގާ ގޮތަށް އިންޤިލާބީ ބޮޑެތި ބަދަލުތައް ގެނައުމަށް އަމާޒުކޮށް، ކުރިއަށް އޮތް 3 އަހަރުން ނަތީޖާ ނެރެދިނުމަށް ހިންގާ މަޝްރޫޢެކެވެ.