އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، ރޭގެ ޖަލްސާގައި.. ފޮޓޯ: އެމްޑީޕީ
ދޮގުފަތި އަމުނަމުންދިއުން މިހާރުން މިހާރަށް ހުއްޓާލަން ސަރުކާރަށް ގޮވާލަން
ވެރިކަމަށް ދެއަހަރަށް ދާއިރު ތަރައްގީގެ މާރެހެއް ނުފެނި، ވިޔަފާރިތައް ފުނޑި، ދަރަނި ބޮޑުވެ، މުޅި ގައުމު ވާނުވާގައި - ޝާހިދު
ޖުނާން އަޙުމަދު 10 މޭ 2025 (ހޮނިހިރު)   09:57
ދިވެހީންގެ ރާއްޖެ ސްކޭމުން މޯލްޑިވްސް 2.0 އަށް ދޮގު ފަތި އަމުނަމުންދިއުން މިހާރުން މިހާރަށް ހުއްޓާލުމަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު މި ސަރުކާރަށް ގޮވާލައްވައިފިއެވެ.

ރައީސް މުއިއްޒު ރޭ އިފުތިތާހުކޮށްދެއްވި، ރާއްޖެ އެއްކޮށް ޑިޖިޓަލް ކުރުމުގެ މަޝްވަރާތަކަށް "ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް" އަށް ފާޑުވިދާޅުވަމުން ޢަބްދުﷲ ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމަށް ދެއަހަރަށް ދާއިރު ތަރައްގީގެ މާރެހެއް ނުފެނި، ވިޔަފާރިތައް ފުނޑި، ދަރަނި ބޮޑުވެ، މުޅި ގައުމު ވާނުވާގައި ވާހިނދު، ދިވެހީންގެ ރާއްޖެ ސްކޭމުން މޯލްޑިވްސް 2.0 އަށް ދޮގު ފަތި އަމުނަމުންދިއުން މިހާރުން މިހާރަށް ހުއްޓާލަން ސަރުކާރަށް ގޮވާލައްވާ ކަމަށެވެ.

"ވެރިކަމަށް ދެއަހަރަށް ދާއިރު ތަރައްޤީގެ މާރެހެއް ނުފެނި، ވިޔަފާރިތައް ފުނޑި، ދަރަނި ބޮޑުވެ، މުޅި ޤައުމު ވާނުވާގައި ވާހިނދު، ދިވެހީންގެ ރާއްޖެ ސްކޭމުން Maldives 2.0 އަށް ދޮގު ފަތި އަމުނަމުންދިއުން މިހާރުން މިހާރަށް ހުއްޓާލަން ސަރުކާރަށް ގޮވާލަން. ދިވެހިން ތިޔަ ދޮގުތަކެއް ބޭނުމެއް ނުވޭ. ދިވެހި ރައްޔިތުން ބޭނުންވަނީ އިންސާނީ ކަރާމަތާއި، ޙައްޤުތައް ކަށަވަރު ޑިމޮކްރަޓިކް ދިރިއުޅުމެއް. ބޭސް ގުޅައެއް ހޯދަން ވާނުވާގައި، ރަށު ތަރައްޤީ ވާނުވާގައި، އަދުލު އިންސާފާއި ސްޕްރީމް ކޯޓް ވާނުވާގައި އޮންނަ، 2.0 ރާއްޖެއެއް ދިވެހި ރައްޔިތުން ބޭނުމެއް ނޫން.ޑިޖިޓަލައިޒް ކުރުމުގެ ނަމުގައި އެތައްޔާރުވަނީ އިންތިޚާބުތައް އޮޅުވާލައި، ރައްޔިތުންގެ ކަރަށް އަތްބާނައިގެން ވައްކަންކުރަން. އެފުރުސަތެއް ރައްޔިތުން ހަމަ ހިލާ ނުދޭނެ." ކުރީގެ ފޮރިން މިނިސްޓަރުކަން ވެސް ކުރެއްވި ޢަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިހެން ވިދާޅުވި އިރު، ކުރީގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަޙުލޫފު ވެސް ވަނީ ސަރުކާރުގެ މި މަޝްރޫއަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ އެކްސްގައި ރޭ ޕޯސްޓެއް ކުރައްވާފައެވެ.

މަހްލޫފްގެ އެ ޕޯސްޓްގައި ވިދާޅުވީ، ދައުލަތުގެ ހުރިހާ މުއައްސަސާތައް ޑިޖިޓަލައިޒްކުރުމަށް "މޯލްޑިވްސް 2.0" ގެ ނަމުގައި އިފްތިތާހުކުރެވިގެން ދިޔައީ އިލެކްޓްރޯނިކް ވޯޓިން ތައާރަފްކޮށް އިންތިހާބު އޮޅުވާލުމުގެ އުންމީދުގައި ފެށި މަސައްކަތެއް ކަމަށާ، ރައީސް މުއިއްޒުގެ މި މަސައްކަތަކީ 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވަން ދުރާލާ ފެށި މަސައްކަތެއްކަމަށެވެ.

ކޮމެންޓް