އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު، އަދި އެމަނިކުފާނާއެކު ބައިވެރިވެލައްވާ ވަފުދު އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް ބައްދަލުވުމުގައި
ޑިމޮކްރަސީއަކީ ދިވެހި ރައްޔިތުން ގުރުބާންވެގެން ހޯދި ރައްޔިތުންގެ ހައްގެއް
ސަރުކާރުގެ ހުދުމުހުތާރުކަން ކިތަންމެ ބޮޑަސް، ރާއްޖޭން ޑިމޮކްރަސީ ފޮހެވިގެން ދިޔަ ނުދޭނަން - ޝާހިދު
ފިޔެސް 17 މޭ 2025 (ހޮނިހިރު)   15:58
ޑިމޮކްރަސީއަކީ ރާއްޖެއަށް އިމްޕޯޓްކޮށްގެން އުޅޭ އެއްޗެއް ނޫންކަމަށާއި، އެއީ ދިވެހި ރައްޔިތުން އުފާވެރި މާދަމާއެއްގެ އުންމީދުގައި ބުރަ މަސައްކަތްކޮށް ގުރުބާންވެގެން ހޯދި ރައްޔިތުންގެ ހައްގެއްކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ކުރިއަށްދިޔަ އިންޓަނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަންގެ އެގްޒެކެޓިވް ބައްދަލުވުމުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ ރައީސް ޑރ. މުއިއްޒު ގެންދަވަނީ ޑިމޮކްރަސީގެ ހުޅުކޮޅު ނިވާލުމަށް މަސައްކަތްކުރަމުންކަމަށެވެ. އަދި ސަރުކާރުން ބޭނުންވަނީ ޑިމޮކްރަސީގެ އިރު އޮއްސޭތަން ދެކެންކަމަށް ވިދާޅުވެ ސަރުކާރުން ކޮށްފައިވާ އަދި ކުރަމުންދާ އެކި ކަންކަމަށް ފާޑުވިދާޅުވިއެވެ.

ޝާހިދުގެ ތަގުރީރުގައި ވިދާޅުވީ، ޑރ މުއިއްޒު ވެރިކަމަށް ވަޑައިގަތީ އެމްޑީޕީގެ ސަރުކާރުން ގައުމުގެ މިނިވަންކަން ނަގާލާކަމަށް ބުނެ ދޮގުހަދައިގެންކަމަށާއި މިދޮގުތައް ހެދީ ގައުމީ ވިސްނުމެއްގައި ނޫން ކަމަށެވެ. އަދި ޑރ މުއިއްޒު އެކަން ކުރެއްވީ މީހުން ބައިބައިކުރަން ކަމަށާއި، އެކަން ހާމަވެގެން ދިޔައީ ވެރިކަމަށް ވަޑައިގަތްތާ މާގިނަ ދުވަހެއް ނުވެ، ބޭރުގެ ސިފައިން ނެތްކަމަށާއި، ބޭރު ގައުމުތަކާއެކު އެމްޑީޕީ ސަރުކާރުން ހަދާފައިވާ އެއްބަސްވުންތަކަކީ އެކަމުގައި ކަންބޮޑުވާން ޖެހޭކަމެއް ނެތް އެއްބަސްވުންތަކެއް ކަމަށް މިސަރުކާރުން އަމިއްލައަށް އެއްބަސްވުމުން ކަމަށް، ތަފްސީލާއެކު ޝާހިދު ވިދާޅުވެދެއްވިއެވެ.

ފާއިތުވި އަހަރު ނޮވެމްބަރު މަހު، މަޖިލިސް މެންބަރުގެ ގޮނޑި ގެއްލިދާނެ ހާލަތްތައް ބަޔާންކޮށް ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު، ޑިމޮކްރަސީގައި އަނެއްކާވެސް އިތުރު ފިޔަވަޅެއް ފަހަތަށް އެޅިކަން ޝާހިދު ފާހަގަކުރެއްވިއެވެ. އަދި އެމައްސަލަ ކޯޓަށް ވެއްދުމުން މައްސަލަ ބެލޭނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމުމާއެކު، ސުޕްރީމް ކޯޓަށް ރައީސް މުއިއްޒު ގޮންޖައްސަވައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބޭރުކުރުމަށް ސަރުކާރުން ރާވައިގެން ގާނޫނާ ހިލާފަށް ހިންގި ކަންކަންވެސް ޝާހިދު ތަފްސީލްކޮށް ވިދާޅުވިއެވެ.

ރާއްޖޭގެ އެންމެ މަތީ ކޯޓު އޮތީ ވާކޮށްފައިކަމަށާއި، މިނިވަން މުއައްސަސާތަކަށް މިނިވަންކަން އޮތީ ހަމައެކަނި ނަމެއްގައިކަމަށް ވިދާޅުވެ، އިލެކްޝަންސް ކޮމިޝަނާއި އެންޓިކޮރަޕްޝަން ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޕަޕެޓުންކަމަށް ސިފަކުރައްވައި، ޝާހިދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ.

ޝާހިދުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ މިހާރުގެ ދިވެހިރާއްޖެއަކީ ސުވާލެއް ކޮށްލައިގެން ހައްޔަރުކުރެވޭ، އަނގަބަންދުވެފައިވާ މަޖިލީހެއް އޮތް، ޝަރުޢީ ނިޒާމް ބޮއްސުންލާފައިވާ ގައުމެއްކަމަށެވެ. އެހެންނަމަވެސް އެމްޑީޕީގެ އަނގަ ބަންދު ނުކުރެވޭނެކަމަށާއި، އެމްޑީޕީ މަޑުން ނޯންނާނެކަމަށްވެސް ޝާހިދު ޔަގީންކަން ދެއްވިއެވެ.

ރާއްޖެ ޑިމޮކްރަސީގައި ފަހަތަށް ދާއިރު އެމްޑީޕީ އޮންނާނީ އެކަމާ ހިތާމަކުރަން ނޫންކަމަށާއި، އެކަން ބަދަލުކުރަންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ޑިމޮކްރަސީއަކީ ރާއްޖެއަށް އިމްޕޯޓްކޮށްގެން އުޅޭ އެއްޗެއް ނޫންކަމަށާއި، އެއީ ދިވެހި ރައްޔިތުން އުފާވެރި މާދަމާއެއްގެ އުންމީދުގައި ބުރަ މަސައްކަތްކޮށްގެން ގުރުބާންވެގެން ހޯދި ރައްޔިތުންގެ ހައްގެއްކަމަށް އޭނާ ވިދާޅުވިއެވެ. އެ ހައްގު ދިވެހީންނާއި އެމްޑީޕީން ދިފާއުކުރާނެ ކަމުގެ ޔަގީންކަން ވެސް ޝާހިދު ދެއްވިއެވެ. ސަރުކާރުގެ ހުދުމުޚުތާރުކަން ކިތަންމެ ބޮޑަސް، ޑިމޮކްރަސީ ރާއްޖެއިން ފޮހެވިގެން ދިޔަ ނުދޭނެކަމަށް ޝާހިދު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ގައުމުތަކުގެ މަންދޫބުންނަށް ޝާހިދު ގޮވައިލެއްވީ ދިވެހީންނާއެކު ތިބުމަށެވެ. އަދި ޝަރުޢީ ދާއިރާގެ މިނިވަންކަމަށާއި، ތެދު ޚަބަރު ލިޔާ ނޫސްވެރިންގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާޢުގައާއި ސުލްހަވެރިކަމާއެކު އިހްތިޖާޖުކުރާ ޒުވާނުންނާއެކު ތިބުމަށް ބައިނަލްއަޤްވާމީ މުޖްތަމައަށް ޝާހިދު ގޮވާލެއްވިއެވެ.

އައި.ޑީ.ޔޫ ފޯރަމްގައި ޝާހިދުގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އާއި ހެންވޭރު އުތުރު ދާއިރާގެ ކުރީގެ މެންބަރު ހުސައިން ޝަހީމް ވެސް ބައިވެރިވެވަޑައިގަތެވެ.

މި ފޯރަމްގެ ހަވާސާގައި ޝާހިދު ވަނީ އެ ޔޫނިއަންގެ މެންބަރުންގެ ގޮތުގައި ތިބި އެހެން ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތާ ބެހޭ މައުލޫމާތު އެ ބޭފުޅުންނާ ހިއްސާކުރައްވާފައެވެ. އަދި މީގެ އިތުރުން ޝާހިދު ވަނީ އިއްޔެ ބްރަސަލްސްގައި، ވިލާތުގެ އިއްތިހާދުގެ ޚާރިޖީ ގުޅުންތަކާ ބެހޭ އޮފީހުގެ އޭޝިއާ އަދި ޕެސިފިކް ޑިޕާޓްމަންޓްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ޕައޯލާ ޕަމްޕަލޯނީ އާއި ބައްދަލުކުރައްވައި، ރާއްޖޭގެ ހާލަތާބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ.

ކޮމެންޓް