ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ތާވަލުކޮށް، ވޯޓަށް އެހުމަށް ހަމަޖެހިފައިވާތީ އެކަމާ ދެކޮޅަށް އެމްޑީޕީން ފެށި މި މުޒާހަރާގައި އެމްޑީޕީގެ އިސް ބައެއް ބޭފުޅުންގެ އިތުރުން ޑިމޮކްރެޓްސް ޕާޓީގެ އިސް ބޭފުޅުން ވެސް ބައިވެރިވިއެވެ. އަދި އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް މުޒާހަރާއާ ފަހުން ވަނީ ގުޅިވަޑައިގެން ވާހަކަ ދައްކަވާފައެވެ.
އެގޮތުން، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، އިބްރާހިމް ނާޒިލް ވަނީ، ނާއިންސާފުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާމެދު އަމަލު ކުރި ގޮތް އަޑުގަދަކުރާ މެދުވެރިކޮށް ތަފްސީލުކޮށް ކިޔައިދެއްވާފައެވެ.
ނާޒިލްގެ ވާހަކައިގައި، ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީން ބެލީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު އެކަށީގެންވާ ގޮތެއްގައި ނުދީކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، އެހެން ނަމަވެސް އެ ކަންބޮޑުވުންތަކަށް ބެލުމެއް ނެތި، ފަނޑިޔާރުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ކޮމިޓީގައި ވެސް ނުދޭން ކޮމިޓީގެ މުގައްރިރު، މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް އާއި އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ޕީއެންސީ މެންބަރުން އަމަލު ކުރެއްވީ ވަރަށް ހުދުމުހުތާރުކޮށް ކަމަށެވެ.
"އެ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ލިބުނު ސިޓީއަކާ ގުޅިގެން މައްސަލަ ބަލަން ނިންމި ގޮތާމެދު ޖުޑީޝަރީ ކޮމިޓީގައި އަޅުގަނޑުމެން ސުވާލު އުފެއްދިން. އެ ސިޓީ ވެސް އަޅުގަނޑުމެންނަށް ނުލިބޭ ވާހަކަ ވެސް އަޅުގަނޑުމެން ދެންނެވިން. އެގޮތަށް ކޮމިޓީ ގެންދިޔުމުގައި ކޮމިޓީގެ މުގައްރިރުގެ ހުދުމުހުތާރުކަމާއި ކޮމިޓީގައި ތިއްބެވި ޕީއެންސީ މެންބަރުންގެ ހުދުމުހުތާރުކަން އަޅުގަނޑުމެންނަށް އޭރުވެސް ފާހަގަކުރެވެމުންދިޔަ." ނާޒިލް ވިދާޅުވި އެވެ.
ޣައިރުގާނޫނީ ގޮތެއްގައި ދެ ފަނޑިޔާރަކު ވަކިކުރާތީ އެމްޑީޕީން މިއަދު ކުރި މުޒާހަރާ - ފޮޓޯ: އެމްޑީޕީ
ނާޒިލްގެ އިތުރުން ވެސް އެމްޑީޕީގެ ބައެއް މެންބަރުންނާއި ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅޫން އަދި މުޒާހަރާގެ ބައިވެރިން ވެސް ދިޔައީ އެބޭފުޅުން ޝުއޫރުތައް މި މުޒާހަރާގައި ފާޅުކުރަމުންނެވެ. އެގޮތުން ރައީސް މުއިއްޒުގެ އިސްތިއުފާއަށް ތަކުރާރުކޮށް ގޮވަމުން ދިޔައެވެ. އަދި ފަނޑިޔާރުންނަށް ނުލިބުނު އިންސާފެއް ދެން މި ގައުމުގައި ލިބޭނީ ކާކަށް ކަމާމެދު އެމީހުން ސުވާލުއުފައްދަމުން ދިޔައެވެ.
އެމްޑީޕީގެ މުޒާހަރާ ކުރިއަށްދިޔަ ވަގުތު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު ވަކި ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައެވެ.
ފަނޑިޔާރުން ވަކިކުރަން މަޖިލީހުގެ ތަޅުމުގައި ވަކި ވަކިން ނެގި ވޯޓުގައި އަޒްމިރަލްދާ އާއި މަހާޒު ވަކިކުރަން ފެންނަ ކަމަށް 68 މެންބަރަކު ވޯޓު ދެއްވި އިރު، ނުފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއްގެ މައްސަލަ ކުއްލި ގޮތަކަށް ބަލަން ފެށީ، ސިޔާސީ ޕާޓީތަކުން ބޭނުންވެއްޖެ ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލަ އެ ކޯޓުން ބަލަން ފެށުމުންނެވެ.
ފަނޑިޔާރު އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދުގެ މައްސަލައެއް ވެސް ޖޭއެސްސީއިން ބަލަން ނިންމި އެވެ. އެކަމަކު، މައްސަލަ ބަލަން ފެށުމާއެކު، ޖުޑީޝަރީއަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ އެކަމާ އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
އަޒްމިރަލްދާ އާއި މަހާޒް ވަކިކުރަން ޖޭއެސްސީއިން ނިންމީ، އެ ދެ ފަނޑިޔާރުންގެ ދިފާއުގައި ހެކި ހުށަހެޅުމަށް ފުރުސަތު ނުދީ އެވެ. ޖޭއެސްސީއިން ބުނީ، ދިފާއީ ހެކި ހުށަހަޅަން ފުރުސަތު ދިން ނަމަވެސް އެ ކޮމިޝަނުގެ ނިންމުމަށް ބަދަލެއް ނާންނާނެ ކަމަށެވެ. މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވާހަކަ ދެއްކެވުމުގެ ފުރުސަތަކަށް ވެސް ފަނޑިޔާރުން އެދިވަޑައިގަތެވެ.
އެ މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށް ދިވެހިރާއްޖޭގެ ބާ ކައުންސިލުންމަޖިލީހަށް ސިޓީއެއްވެސް ފޮނުވިއެވެ. ބާ ކައުންސިލުން އެދުނީ، ފަނޑިޔާރުންގެ މައްސަލަ ޖޭއެސްސީއިން ނިންމީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށެވެ. އަދި މަޖިލީހުން މައްސަލަ ނިންމާއިރު ދެ ފަނޑިޔާރުންނަށް ޖަވާބުދާރީވުމަށް ފުރުސަތު ދިނުމަށާއި، 8 ކަމަކަށް ބެލުމަށް އެ ކައުންސިލުން އެދުނެވެ. އެހެންނަމަވެސް ކޮމިޓީން އެ ކަންކަމަށް އިޖާބަ ދީފައެއް ނުވެއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މައްސަލަ ނިންމީ ފަނޑިޔާރުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ވެސް ނުދީ އެވެ. އަދި މައްސަލަ ވަކި ހިސާބަކުން ކުރިއަށްގެންދިޔައީ މަގުބޫލު ސަބަބެއް ނެތި ކޮމިޓީ ސިއްރު ކޮށްގެންނެވެ. ކޮމިޓީ ސިއްރު ކުރަން ނިންމި ހިސާބުން ކޮމިޓީގައި ހިމެނޭ އިދިކޮޅު އެމްޑީޕީގެ ދެ މެންބަރުން ބައްދަލުވުން ބޮއިކޮޓް ކުރެއްވިއެވެ.
ޖުޑީޝަރީ ކޮމިޓީގެ ނިންމުމާ ގުޅިގެން މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ކޮމިޓީއަށް ގާނޫނީ ލަފައެއްވެސް ދެއްވިއެވެ. ފިލްޒާ ދެއްވި ލަފާގައި ވަނީ ޖޭއެސްސީން ދެ ފަނޑިޔާރުންގެ މައްސަލަ ބެލީ އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތެއް ނިންމާ ކޮމިޓީގެ އިޖުރާއަތުތަކާ ޚިލާފަށް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރުމާ ދެކޮޅަށް އދ. އިން ވެސް ކަންބޮޑުވުން ފާޅުކުރިއެވެ. އޭގެ އިތުރުންވެސް ބައިނަލްއަގްވާމީ ބައެއް ޖަމިއްޔާތަކުންނާއި ސަރަހައްދީ ގާނޫނީ އިދާރާތަކުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެފައެވެ.