ޕީއެންސީ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި، މުހަންމާ ޕީއެންސީއަށް ސޮއިކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތު ކުރިއަރުވަން އިގުރާރުވެ، ރައީސް މުއިއްޒުއާ އިގުރާރު ފޯމް ހަވާލުކުރެއްވިއެވެ.
މުހަންމާގެ އިތުރުން، މިހާރު އުވާލާފައިވާ ޕީޕީއެމްގެ ސެނެޓަރުންގެ ގޮތުގައި ތިއްބެވި މެންބަރުންގެ ތެރެއިން މި ސަރުކާރުގެ ވަޒީރުންނާއި ވެރިންގެ ތެރެއިން ޕީއެންސީއަށް ސޮއި ނުކުރައްވައި ތިއްބެވި ބައެއް ވެރިން އެ ޕާޓީއާ ގުޅިވަޑައިގެން، އިގުރާރު ފޯމް ރައީސް ޑރ. މުއިއްޒުއާ ހަވާލުކުރެއްވި އެވެ.
މުހަންމާ ހިމެނޭހެން ރޭ ޕީއެންސީއާ ގުޅުނު މެންބަރުން އިގުރާރު ވެފައިވަނީ ކޮންގްރެސް ޕާޓީގެ މެންބަރެއްގެ ހައިސިއްޔަތުން ރައީސް މުއިއްޒުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޕާޓީގެ އަސާސްތައް ނަގަހައްޓައި ދެމެހެއްޓުމުގައި ލަޔާގަތާއި ގާބިލިއްޔަތު ތަންދިން އެންމެ ފުޅާމިނެއްގައި މަސައްކަތް ކުރާނެ ކަމަށެވެ.
މިނިވަން މުއައްސަސާތަކުގެ ގާނޫނުތަކުގައި ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައި ނުވުން އޮތް ނަމަވެސް، ބްރޯޑްކޮމް މެންބަރުންގެ ޝަރުތުގެ ތެރޭގައި ސިޔާސީ ޕާޓީއެއް މެންބަރަކަށް ނުވުން ގާނޫނީ ގޮތުން ލާޒިމުކޮށްފައެއް ނޯވެއެވެ. އެހެންނަމަވެސް އިންތިޚާބުކުރެވޭ ނުވަތަ ޢައްޔަންކުރެވޭ މަޤާމެއްގައި ހުރި މީހަކު ކަމުގައި ނުވުމާއި ސިވިލް ސަރވިސްގެ ނުވަތަ ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ އެހެންވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުމުގެ އިތުރުން ކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި މާލީ މަސްލަހަތެއް އޮތް މީހަކު ކަމުގައި ނުވުން، ގާނޫނުގައި ހިމަނާފައި އޮވެއެވެ. އެހެންކަމުން އެއީ ނުފޫޒުން އެއްކިބާ ވެފައި އޮންނަންޖެހޭ މިނިވަން މުސްތަގިއްލު މުއައްސަސާއެކެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމް 2010 ވަނަ އަހަރު އުފެދުނު ފަހުން މިހާތަނަށް އެ ކޮމިޝަންގެ މެންބަރަކު ސިޔާސީ ޕާޓީއަކަށް ސޮއިކޮށްފައެއް ނުވެ އެވެ. އަދި އެ ކޮމިޝަންގެ މެންބަރަކު ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރި ވެފައެއްވެސް ނެތެވެ.
ބްރޯޑްކޮމް އަށް މުހައްމާ އައްޔަންކުރީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އޭގެ ކުރިން އޭނާއަކީ ޕީޕީއެމްގެ ސެނެޓަރެކެވެ.
މުހަންމާ އަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިހަވަންދޫ ދާއިރާ ތަމްސީލުކުރެއްވި މެންބަރެވެ. އޭގެ ފަހުން ބޭއްވި މަޖިލިސް އިންތިހާބު ތަކުގައިވެސް އޭނާ ވާދަކުރެއްވިއެވެ.
ރާއްޖޭގެ ބޮޑު ޕާޓީއެއްގެ ގޮތުގައި އޮތް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުވާލައި އެޕާޓީގައި ތިބި މެންބަރުން ޕީއެންސީއަށް ބަދަލުކުރުމުގެ މަސައްކަތަކީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރަމުންދާ ކަމެކެވެ. ޕީޕީއެމް މިއަހަރުގެ ޖެނުއަރީ މަހު އުވައިލިއިރު އެޕާޓީގެ ގިނަބަޔަކު އޭރު ތިބީ ޕީއެންސީއަށް ބަދަލުކޮށްފައެވެ.