ކަސްޓަމްސްގެ ކުރީގެ ކޮމިޝަނަރު ޢަބްދުﷲ ޝަރީފް މިކަމާ ގުޅޭގޮތުން ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މިދިޔަ ސަރުކާރުން ކަސްޓަމްސްގެ މުވައްޒަފުންނަށް ދޭން ނިންމި 300 ފްލެޓްގެ ތެރެއިން 100 ފްލެޓު މިހާރު އެ މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ކަމަށާ، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ޕޯޓަލްއަށް ފްލެޓް ލިބޭ 100 މުވައްޒަފުންގެ މައުލޫމާތު މިހާރު އަޕްލޯޑު ވެސް ކޮށްފައިވާ ކަމަށެވެ.
އަދި އެ ފްލެޓް ކަސްޓަމްސްގެ މުވައްޒަފުންނަށް ދިނުމުގައި އެހީތެރިވެދެއްވި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި، އޭރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީ އާއި، ހައުސިން މިނިސްޓަރު މުޙައްމަދު އަސްލަމާއި، އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ޝަރީފް ވަނީ ޝުކުރު ދަންނަވާފައެވެ.
މިކަމާގުޅޭގޮތުން ހައުސިން މިނިސްޓްރީގެ އޭރުގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަސްޓަމްސްގެ މުއައްޒަފުންނަށް އެމްޑީޕީގެ ސަރުކާރުން ދިނުމަށް ނިންމި 100 ފްލެޓު ނުދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރި ކަމަށާ، އެކަން އެގޮތަށް ނުކުރެވުނީ، އެކަން ނުކުރުމަށް ގިނަފަރާތްތަކެއް މި ސަރުކާރަށް އިލްތިމާސް ކުރަމުން ދިޔުމުގެ ސަބަބުން ކަމަށެވެ.
"މިހާރުގެ ސަރުކާރު އައިސް ބޯހިޔާވަހިކަން ކަށަވަރު ވެފައިވާ ފަރާތްތަކަށް ހިތުހުރި ގޮތެއް ހަދަން ކުރި މަސައްކަތުގެ ތެރޭގައި ކަސްޓަމްސް މުވައްޒަފުންނަށް އޭރުގެ ސަރުކާރުން ދޭންނިންމެވި 100 ފުލެޓް ގެ ހައްގުވެރިން ވެސް ކަޓުވާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ހުރިހާފަރާތަކުން މި ސަރުކާރަށް އިލްތިމާސް ކުރަމުން ގެންދިޔައީ ދައުލަތަކުން ނިންމާ ފައި އޮތް ކަމެއް ބަދަލު ނުކުރެވޭނެ ކަމުގައެވެ. އެގޮތުގެމަތީން މިހާރު ސަރުކާރަށް މަޖުބޫރުވެގެން ބޯހިޔާވަހިކުމުގެ ފްލެޓް ލިބޭނެ ކަމަށް ކުރީ ސަރުކާރުން ނިންމި ފަރާތް ތަކަށް ލިބޭ ފަދައިން ކަސްޓަމް ގެ 100 މުވައްޒަފުންނަށް ވެސް ލިބުނީތީ މަރުހަބާ ދަންނަވަމެވެ." އަކްރަމް ވިދާޅުވިއެވެ.
އަދި އެ 100 ފުލެޓް ލިބޭ ފަރާތްތަށް އޭރު ކަނޑަ އަޅާ ނިންމެވީ ހައުސިންގ މިނިސްޓްރީން ހަމަޖައްސަފައިވާ ޝަރުތުތަކަށް ބައްލަވައިގެން ކަސްޓަމްސް އިން ހަމަޖެއްސެވި އުސޫލެއްގެ މަތީންކަމަށް ވިދާޅުވެ، އަކްރަމް ވަނީ އެކަމުގައި އިސްކޮށް އުޅުއްވި ފަރާތްތައް ފާހަގަކުރައްވާ އެފަރާތްތަކަށް ޝުކުރު ވެސް ދަންނަވާފައެވެ.
"ތަކުރާކޮށް ކަސްޓަމްސް މުވައްޒަފުންނަށް ފުލެޓް ހޯއްދަވާ ދެއްވުމަށް މަސައްކަތްތަކެއް ކުރައްވާ އެތަށް މަޝްވަރާތަކެއް ރައީސް އޮފީހާ އޭރުގެ ހައުސިންގ މިނިސްޓްރީ އާއި އެކު ކުރެވި ކަސްޓްމްސް މުވައްޒަފުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ތަކާ އެ މުވައްޒަފުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ހާލަތަށް ރިޔާތް ކުރައްވާފައެވެ. މި ކަންކަމުގައި ކަސްޓްމްސް އިން ދެން އެންމެ ބޮޑު މަސައްކަތެއް ކުރެއްވީ އޭރުގެ ޑެޕިޔުޓީ އަކަށް ހުންނެވި މަހުމޫދު ރިޔާޒު (މާންޑޭ) އެވެ." އަކްރަމް ވިދާޅުވިއެވެ.
ފާއިތުވި އެމްޑީޕީ ސަރުކާރުން އިމާރާތްކޮށްފައިވާ 4000 ފްލެޓް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގައި މި ސަރުކާރުން ލަސްތަކެއް ކުރިމަތިކުރުވައި، އެކަމުގައި ކޮރަޕްޝަން ހިންގަމުންދާ ކަމަށާ، މި ސަރުކާރުގެ ވެރިންގެ ގާތްބަޔަކަށް އެތަންތަން ދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ބުނެ އާންމުން ބޮޑެތި ކަންބޮޑުވުންތައް ފާޅުކުރަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.