ގަސް ޕޮޓުތަކުގައި ފޮރުވާފައިހުރި ޑްރަގް ހޯދުމުގެ މަސައްކަތް ކަސްޓަމްސްގެ އޮފިޝަލުން ކުރަނީ.-- ފޮޓޯ: މޯލްޑިވްސް ކަސްޓަމްސް
ގަސް ޕޮޓުތަކެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ ޑްރަގް އަތުލައިގެންފި
ޖުނާން އަޙުމަދު 11 ޖޫން 2025 (ބުދަ)   07:47
ޕްލާސްޓިކް ގަސް ޕޮޓުތަކެއްގައި ރާއްޖެ އެތެރެކުރަން އުޅުނު 18 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ އެ ތަކެތި ރޭ އަތުލައިގަތީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. 

އެތަކެތި ހުރީ ބޭރުން އެއްވެސް މިންވަރަކަށް ނޭގޭނޭ ގޮތަށް ޕްލާސްޓިކް ގަސް ޕޮޓުތަކެއްގައި ޕްލާސްޓިކް ގަސްވެސް ހިމެނޭގޮތަށް ވަރަށް ރަނގަޅަށް ޕެކިން ހަދާފައެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 26 މިލިޔަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މި ތަކެތި ޕޮޓުތަކުގެ ތެރޭގައި ޕެކެޓް ތަކެއްގައި ކަމަށާ، 33 ޕެކެޓްގައި ޖުމްލަ 18 ކިލޯ ހުރިކަމަށެވެ. އަދި މިތަކެތި ޓެސްޓްކުރިއިރު މަސްތުވާތަކެތީގެ ބާވަތެއްކަމުގައިވާ ކެނަބިނޮއިޑް އޮއިލްއަށް ޕޮޒިޓިވް ވެފައިވާ ކަމަށްވެސް ކަސްޓަމްސް އިން ބުނެއެވެ.

މަސްތުވާތަކެތި އެތެރެކުރީ ބެންގަލޫރު މަގުން ރާއްޖެއައި ފްލައިޓަކުން ކަމަށް ވެސް ކަސްޓަމްސް އިން ބުނެފައި ވެއެވެ.

މިހާދިސާ އާ ގުޅިގެން ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖެ މަސްތުވާތަކެތިން އެއްކޮށް ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިރުޝާދުތަކާއި އެއްގޮތަށް ރާއްޖޭގެ ބޯޑަރު ފުރިހަމަޔަށް ބެލެހެޓުމަށް ކަސްޓަމްސްގެ މުވައްޒަފުން ކުރައްވާ އަގުހުރި ބުރަ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް ފަހިކޮށް އޮތް މާހައުލު ނައްތާލައި އެފަރާތްތަކާ ޤާނޫނު ދަނީ އަރާހަމަކުރަމުން ކަމަށްވެސް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ކޮމެންޓް