ކަސްޓަމްސް އިން މީޑިއާއަށް އިއްޔެ ދީފައިވާ މައުލޫމާތުން ހާމަވާ ގޮތުގައި، ވޭޕް އެތެރެކުރުން މަނާކުރުމުގެ ގާނޫނަށް އަމަލުކުރަން ފެށިފަހުން ހުސްވި ޖޫން މަހުގެ 15 ވަނަ ދުވަހާ ހަމައަށް 69 މީހުން ޖޫރިމަނާކޮށްފައި ވާއިރު، ޖޫރިމަނާ ކޮށްފައިވާ އަދަދު 400،460،000ރ. އަށް އަރައެވެ. އަދި މީގެތެރެއިން އެންމެ ބޮޑު އަދަދަކުން މީހަކު ޖޫރިމަނާ ކޮށްފައި ވަނީ 72.1 މިލިޔަން ރުފިޔާއިން ކަމަށް ވެސް އެ މައުލޫމާތުން ހާމަވެއެވެ.
ފުލުހުން ބުނީ ވޭޕާއި ގުޅޭ ތަފާތު 15 މައްސަލައެއްގައި 22 މީހަކު ހުސްވި ޖޫންމަހުގެ ތެރޭގައި 127،000ރ. އިން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 7،000ރ. ގެ ޖޫރިމަނާ އަކީ ވޭޕް ވިއްކައިގެން ކުރި ޖޫރިމަނާ ކަމަށާ، އަދި 62،000ރ. އަކީ ވޭޕް ބޭނުންކޮށްގެން އަދި އަދަދު ކަމަށް ވާއިރު، ވޭޕް ގެންގުޅެގެން ޖޫރިމަނާކުރި އަދަދަކީ 58،000ރ. ކަމަށް ފުލުހުން ހާމަކުރެއެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މި ސަރުކާރުން ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން ހުސްވި 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވޭޕް ބޭނުންކުރުމާއި އެތެރެކުރުން ވެސް ވަނީ މަނާކޮށްފައެވެ.
ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގައި ވަނީ، ވޭޕް ކުރަން ބޭނުންކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް ރާއްޖެ އެތެރެ ކޮށްފި ނަމަ 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އަދި ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް ކުރާއިރު، އެ ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ. މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ކުރެވޭނެ ކަމަށް އެ ގާނޫނުބުނެއެވެ.
ރާއްޖޭގައި ދުންފަތް ކޮންޓްރޯލްކުރަން ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން، ރާއްޖޭގައި ދުންފަތް ގަނެ ވިއްކޭނެ އެންމެ ދަށް އުމުރަކީ 21 އަހަރު ކަމުގައި ވެސް ކަނޑައަޅާފައި ވާއިރު، ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތައް ގެންގުޅޭ މީހުންގެ އަތުން އެ ތަކެތި އަތުލުމުގެ ބާރު ވެސް ތަންފީޒީ އިދާރާތަކަށް ވަނީ ދީފައެވެ. އަދި އެފަދަ އެއްޗެއް މީހެއްގެ އަތުން ފެނިއްޖެ ނަމަ އެ މީހަކު 2000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގަވާއިދެއް މިދިޔަ ފެބްރުއަރީ މަހު ވަނީ އެކުލަވާލާފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ..
އަދި އެފަދަ އެއްޗެއް އަތުލުމަށް ފުލުހުން އުޅުމުން އެކަމަށް ދެކޮޅު ހަދައިފި ނަމަ އެއީ ވަކި ފަރުދެއް ނަމަ، އެމީހަކު 50،000ރ. އިން ޖޫރިމަނާ ކުރެވޭއިރު، އެކަމަށް އިންކާރު ކުރީ ވިޔަފާރި ޝަހުސިއްޔަތަކުން ނަމަ އެ ވިޔަފާރިއެއް 100،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް އެ ގަވާއިދުގައި ވެއެވެ.