މިނިސްޓްރީން އިއްޔެ މިކަން ހާމަކޮށްފައިވަނީ، ކޮމެޓީގެ މައުލޫމާތު މިނިސްޓްރީން ވެސް ނުދީގެން، އެކަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް 'ފަހި ޔޫނިއަން'ގެ ފަރާތުން އިސްމާއިލް ނާއިފް، ހުށަހަޅާފައިވާ މައްސަލައެއްގައި އިއްޔެ ބޭއްވި އަޑުއެހުމުގައެވެ.
އެތަކެތި ފެންނަން ނެތްކަމަށް މިނިސްޓްރީން ބުނަނީ، އެ މިނިސްޓްރީ ކުރިން ހިންގި އިމާރާތުގައި މިދިޔަ ޑިސެމްބަރުގައި ހިނގި އަލިފާނުގެ ހާދިސާގައި އެ ތަކެތި އަނދައިގެން ގޮސްފައިވާތީ ކަމަށެވެ.
މައުލޫމާތޯ ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތު ހޯދުމަށް އިސްމާއިލް ނާއިފް، އޮގަސްޓު މަހުގެ 17 ވަނަ ދުވަހު އެދުނު ނަމަވެސް މިނިސްޓްރީން އެ މައުލޫމާތު ފޯރުކޮށްނުދީގެން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް އޭނާ ހުށަހެޅުއްވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ.
މިކަމާ ގުޅޭގޮތުން މިދިޔަ މާރިޗު މަސް ތެރޭގައި ބޭއްވި އަޑުއެހުމަކަށް ފަހު، މިނިސްޓްރީން ފޮނުވި ޖަވާބުގައި، ފްލެޓުތަކާ ގުޅޭ އެ މައުލޫމާތު ތަކަކީ މިހާރު ވެސް ކޮމިޓީއަކުން ދިރާސާކުރަމުން އަންނަ މައުލޫމާތަކަށްވުމުން އެ މައުލޫމާތު ދެވެން ނެތް ކަމަށް ބުނެފައިވީ ނަމަވެސް، މިދިޔަ އަންގާރަ ދުވަހު އިތުރު ޖަވާބެއް ފޮނުވި ކަމަށް ފިޔެސްއަށް މައުލޫމާތު ލިބެއެވެ. އެ ޖަވާބުގައި ބުނެފައިވަނީ އަލިފާނުގެ ހާދިސާގައި އެ މިނިސްޓްރީގެ ސާވާއަށް ލިބުނު ގެއްލުމުގެ ސަބަބުން އެ ސާވާއިން މައުލޫމާތު ރިކަވާކުރުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަ ކަމަށެވެ.
ފާއިތުވި އެމްޑީޕީގެ ވެރިކަމުގައި ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ހުޅުމާލޭގައި އަޅާ 4،000 ހައުސިން ޔުނިޓަށް، ކުރިމަތިލާފައިވާ ފަރާތްތަކުގެ ލިސްޓް އިވެލުއޭޓްކޮށް ބިމާއި ފްލެޓް ދޭނެ ފަރާތްތައް އެ ސަރުކާރުން އުފެއްދި ކޮމިޓީއަކުން ކަނޑައެޅި ނަމަވެސް، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށް ފަހު އެ ލިސްޓު މުރާޖައާ ކުރުމަށް ފަހު މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އާ ލިސްޓެއް އާންމުކުރިއެވެ. އެ ލިސްޓުގައި، އެންމެ 1،820 މީހުން ފްލެޓަށް ޝަރުތުހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.