އެމްޑީޕީގެ ޗެއާޕާސަން ރައީސް ނަޝީދު، އިންވެސްޓްމަންޓް ފޯރަމް ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަނީ.-- ފޮޓޯ: އެމްޑީޕީ
ރައީސް ނަޝީދު ހާމަކުރެއްވީ ކާބަން ކްރެޑިޓް ހޯދާނެ ގޮތް
ބޮޑު ތަރުހީބެއް ލިބުނު، ސިޔާސީ ޕާޓީއަކުން ރާއްޖޭގައި ބޭއްވި ފުރަތަމަ އިންވެސްޓްމެންޓް ފޯރަމް ވަރަށް ކާމިޔާބުކަމާއެކީގައި ނިންމާލައިފި
ހަސަން އިބްރާހީމް 3 އޮކްޓޯބަރ 2026 (ހޮނިހިރު)   10:17
ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގުމުގައި ހަރަކާތްތެރިވާ ރާއްޖޭގެ ކައުންސިލްތަކުން އެކިއެކި ޕްރޮޖެކްޓުތަކުން ހިންގުމަށްޓަކާ، ކާބަން ކްރެޑިޓް އުފައްދާނެ ގޮތް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަފްސީލުކޮށްދެއްވައިފިއެވެ.

މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން މާލެ ސިޓީ ހޯލްގައި ކުރިއަށްދާ އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން އިއްޔެއާއި ރޭ ކުރިއަށްގެންދިޔަ އިންވެސްޓްމެންޓް ފޯރަމްގެ ޕެނަލް ޑިސްކަޝަން ނިންމަވާލައްވާ އެ ފޯރަމްގެ ބައިވެރިންނާ މުހާތަބުކުރައްވަމުން، ރައީސް ނަޝީދު ވަނީ އެ މަޝްރޫއަކުން ޖައްވުން ކާބަން ސާފުކުރެވޭ މިންވަރަށް ބިނާކޮށް، ބޭރުގެ ޖަމާއަތްތަކުން އެ މަޝްރޫއަށް މާލީ އެހީ ހޯދުމަށް ބޭނުންކުރާ ކާބަން ކްރެޑިޓަކީ ކޮބައިކަން ތަފްސީލުކޮށް ކިޔައިދެއްވާފައެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޖައްވުގައި ހުރި ގެނދަބުޅި ޖައްވުން ނަގާ ކޮންމެ ޓަނަކަށް ކްރެޑިޓެއް އުފެދޭ ކަމަށާ، އެ ކާބަންގެ ތެރެއިން، އެއް ޓަނު ކާބަންގެ އަގަކީ 85 ޑޮލަރު ކަމަށް އައިއެމްއެފްއިން ބުނާކަކަމަށެވެ.

އަދި އެފަދަ ގޮތްތައް ބޭނުންކޮށްގެން ރާއްޖޭގެ ރަށްރަށުގައި އެކި ޕްރޮޖެކްޓުތައް ހިންގުމަށް އިންވެސްޓްމެންޓުތައް ހޯދޭނެ ކަމަށް ވިދާޅުވެ، ރައީސް ނަޝީދު ވަނީ، އެކި ސިޓީތަކުން ކާބަން ކްރެޑިޓުން ފައިސާ ޖެނެރޭޓުކުރެވޭނެ މިންވަރު ވިދާޅުވެދެއްވާފައެވެ.

އަޅުގަނޑުމެންގެ އަމާޒަކީ ރަށުގައި ދިރިއުޅެވޭނެ ގޮތް ހޯދައިދިނުން. އެ ދިރިއުޅުން ހޯދައިދެވެން މި އޮތީ ރަށްރަށުގައި ވަޒީފާގެ ފުރުސަތުތައް އުފެދިގެން. ރަށްރަށުގެ އިގުތިސޯދު ހިފެހެއްޓޭނީ އަދި އިތުބާރާއެކު ވަޒިފާގެ ފުރުސަތު ލިބިގެންދާނީ ރަނގަޅު ވިޔަފާރިއެއް ހިންގިގެން. – ރައީސް ނަޝީދު

އަދި، ކާބަން ކްރެޑިޓަކީ ތިމާވެށި ހިމާޔަތްކުރުމަށްޓަކައި، ގައުމުތަކާއި ބޮޑެތި ކުންފުނިތަކުން ޖައްވަށް ދޫކުރާ ކާބަންގެ މިންވަރު ކޮންޓްރޯލްކުރަން ގެންގުޅޭ ނިޒާމެއް ކަމަށް ފާހަގަކުރައްވަމުން ރައީސް ނަޝީދު ވަނީ، ކާބަން ކްރެޑިޓަކީ ޖައްވަށް ދޫކުރާ ވިހަ ގޭސް ނުވަތަ ގްރީންހައުސް ގޭސްތަ މަދުކުރުމަށް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ ވިޔަފާރީގެ ހުއްދައެއް ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ފުރަތަމަ އިންވެސްޓްމަންޓު ފޯރަމް "ރަށްވެހި ތަރައްގީ" ކާމިޔާބު ކަމާއެކީގައި ރޭ ނިންމާލާފައި ވާއިރު، ރާއްޖޭގެ އެކި ކައުންސިލްތަކުން އިސްނަގައިގެން ތައްޔާރުކޮށްފައިވާ 40 ޕްރެޒެންޓޭޝަނެއް ހުށަހެޅިއެވެ.

އެމްޑީޕީގެ މި ކޮންގްރެސްގެ ޝިއާރަކީ ”ރަށްވެހި އުފެއްދުން“ ކަމަށްވާއިރު، މި ޝިއާރުގެ ދަށުން، އެ ޕާޓީގެ މެޖޯރިޓީ އޮންނަ ރަށު ކައުންސިލްތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ދެނެގަނެ، އެ މަޝްރޫއުތަކަށް ބޭނުންވާ އިންވެސްޓަރުން ހޯދާ ޕާޓީގެ އެހީތެރިކަމާއެކު އެ މަސައްކަތްތައް، މި އިންވެސްޓްމަންޓު ފޯރަމްގެ ތެރެއިން ކުރިއަށް ގެންދެވޭނެ އިންތިޒާމުތައް ފަހިކޮށްދެވުނު ކަމަށް އެމްޑީޕީން ބުނެއެވެ.

ދެފުށް ފެންނާނޭހެން އާންމުކޮށް ހުޅުވާލެވިގެން ކުރިއަށްގެންދާ އެމްޑީޕީގެ ކޮންގްރެސް މިމަހުގެ އެއްވަނަ ދުވަހު މާލެ ސިޓީ ކައުންސިލް ހޯލުގައި ފަށާފައިވާއިރު، މިރެއާ ހަމައަށް ކޮންގްރެސް ކުރިއަށްދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

މިއަދު ރަސްމީ ކޮންގްރެސްގެ ޖަލްސާތައް ފަށާފައި ވާއިރު، ކޮންގްރެސްގެ ރިޕޯޓު ހުށަހެޅުމާއި، އެމްޑީޕީގެ އެޕްލިކޭޝަން ލޯންޗުކުރުން އަދި، ޕާޓީގެ އަސާސީ ގަވާއިދަށް އިސްލާހު ގެނައުމާއި، ސިޔާސަތު ކަރުދާހުގެ ގޮތުގައި ބޮޑު ބަދަލު ގަރާރު ހުށަހަޅާ، އެ ގަރާރަށް ބަހުސް ކުރުން ވެސް މިއަދު ކުރިއަށްދާނެ ކަމަށް އެމްޑީޕީން ބުނެއެވެ.

އަދި، ލާމަރުކަޒީ ގަރާރެއް ވެސް މިއަދު ހުށަހަޅާއިރު، އެއަށް ފަހު އަސާސީ ގަވާއިދަށް ހުށަހެޅުނު އިސްލާހުތަކަށް ވޯޓަށް އެހުން ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައި ކަމަށް އެމްޑީޕީން ބުނެއެވެ.

ކޮންގްރެސް ނިންމުމުގެ ރަސްމިއްޔާތު މިރޭ އޮންނައިރު، އެ ރަސްމިއްޔާތުގައި ޕާޓީގެ އިސްވެރިން ވާހަކަ ދައްކަވާނެކަމަށް ވެސް އެމްޑީޕީން މައުލޫމާތު ދެއެވެ. އެމްޑީޕީން އެންމެ ފަހުން ބޭއްވި ކޮންގްރެސް ބާއްވާފައިވަނީ 2022 ވަނަ އަހަރުއެވެ.

ކޮމެންޓް