
އެގޮތުން ރާއްޖޭގެ އުތުރުގެ ސަރަހައްދުގެ މޫސުން ގޯސްވުމުން، އެންމެ ބޮޑަށް އަސަރުކޮށްފައިވާ އެއް ރަށަކީ ކުޅުދުއްފުށި ސިޓީ ކަމަށް ވާއިރު، އެ ރަށުގެ 18 ގެއެއްގައި ފެންބޮޑުވެގެން ވަގުތީ ހިޔާތަކަށް 140 އަށްވުރެ ގިނަ މީހުން ބަދަލުކޮށްފައިވާކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
އެންޑީއެމްއޭ އިން މައުލޫމާތު ދިން ގޮތުގައި، ކުޅުދުއްފުށީގައި ފެން ހިންދުމަށްޓަކައި ހަތް ޕަންޕު ބަހައްޓައިގެން އަންނަނީ ހަރަކާތްތެރެވަމުންނެވެ. އަދި ހދ. އަތޮޅުގެ އެހެން ރަށްތަކަށް ބަލާއިރު، ނޮޅިވަރަމްގެ 95 އިންސައްތަ ގޭގައި ފެންބޮޑުވެ، މީހުން އެހެން ގެތަކަށް ބަދަލުވަމުންދާއިރު، ނޮޅިވަރަންފަރުގެ ހާލަތު ގޯސްވި ގެތަކުގެ މީހުންވެސް ވަނީ އަމިއްލައަށް އެހެން ގެތަކަށް ބަދަލުވާން ފަށާފައެވެ.
މީގެ އިތުރުން ހދ. ނެއްލައިދޫގެ 10 ވަރަކަށް ގެއަށް ފެންވަދެފައިވާއިރު، ކުމުންދޫގެ ތިން ގެއަކަށް ފެންވަދެ ކާޑުގެ ބާވަތްތައް ވަނީ ހަލާކުވެފައެވެ. ނަމަވެސް ފަހުން އަވިދިނުމާ ގުޅިގެން ކުމުންދޫގެ ހާލަތު މިހާރު ވަނީ ރަނގަޅުވެފައެވެ.
އަދި ވައިކަރަދޫގެ ގެއަކަށް ގެއްލުމެއް ނުލިބުނު ނަމަވެސް، ފެންބޮޑުވުމުގެ ސަބަބުން ދަނޑުބިންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ވެސް އެންޑީއެމްއޭއިން ފާހަގަކުރިއެވެ.
ހއ. އަތޮޅުގެ ބައެއް ރަށްރަށުގައި ފެންގަނޑު ހިންދުމަށްޓަކައި މޫދަށް ކޯރު ކަނޑާފައިވާއިރު، ބައެއް ރަށްރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވެލިބަސްތާވެސް ވަނީ ޖަހާފައެވެ. އަދި ހދ. އަދި ހއ. ގެ އިތުރުން ޅ. ނައިފަރުގެ ދެ ގެއަކަށް ފެންވަދެގެން އެމީހުންވެސް ވަނީ އެހެން ތަންތަނަށް ބަދަލުކޮށްފައެވެ. ހާލުގައި ޖެހުނު ފަރާތްތަކަށް ކައުންސިލްތަކާ ގުޅިގެން ކެއުމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.




