އެންޓި ސްކޭމް ސެންޓަރު ގާއިމުކުރުމުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މީޑިއާތަކާ ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެއް - ފޮޓޯ: ޕޮލިސް
ހުސްވި އޭޕްރީލް މަހު 142 މައްސަލައެއް އެންޓި ސްކޭމް ސެންޓަރަށް ރިޕޯޓުކުރި
އެންމެ ގިނައީ އީ-ކޮމާސް އަދި ބޭރު ފައިސާ މާރުކުރުމަށް ކަމަށްބުނެ ހިންގާފައިވާ ސްކޭމްތައް
ޖުނާން އަޙުމަދު 22 މޭ 2025 (ބުރާސްފަތި)   11:54
ހުސްވި އޭޕްރީލް މަހު ސްކޭމްގެ 142 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށް އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ފާއިތުވި މަހުގެ ތަފާސްހިސާބުތައް ހިއްސާކޮށް އެ ސެންޓަރުން އިއްޔެ ބުނީ، ޖުމްލަ 142 ސްކޭމް މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށާ، މީގެ ތެރޭގައި އެންމެ ގިނައީ އީ-ކޮމާސް އަދި ބޭރު ފައިސާ މާރުކުރުމުގެ ސްކޭމްގެ މައްސަލަތައް ކަމަށެވެ.

އެގޮތުން އީ-ކޮމާސްގެ 64 މައްސަލަ، ބޭރު ފައިސާ މާރު ކުރުމުގެ 38 މައްސަލަ އަދި ފޯނު މެދުވެރިކޮށް ހިންގި ސްކޭމުގެ 19 މައްސަލައެއް ހިމެނޭ ކަމަށާ، އެކަމަށްޓަކާ އެންމެ ގިނައިން ބޭނުންކޮށްފައިވާ ޕްލެޓްފޯމްތަކަކީ ފޭސްބުކް މާކެޓްޕްލޭސް (52 މައްސަލަ) އަދި ވައިބަރ (30 މައްސަލަ) ކަމަށް ފުލުހުން ބުނެއެވެ.

މިފަދަ ކަންކަމުން ރައްކާތެރިވުމުގެ ގޮތުން އެއްވެސް ލިންކަކަށް ނުފިތުމާއި ވެރިފިކޭޝަން ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމުގެ އިތުރުން ދަންނަ މީހެއްގެ ފަރާތުން އައި މެސެޖެއް ކަމުގައިވިޔަސް ސަމާލުވުމަށް އެންޓި ސްކޭމް ސެންޓަރުން އެދިފައި ވާއިރު، ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް ވެސް އެ ސެންޓަރުން ދަނީ ތަކުރާރުކޮށް ބުނެދެމުންނެވެ.

ސްކޭމްގެ ޝިކާރައަކަށް ވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • 1. ވަގުތުން އީމެއިލް އަދި ގުޅުންހުރި އެކައުންޓްތަކުގެ ޕާސްވޯޑު ބަދަލުކުރުން.
  • 2. ޝައްކުކުރެވޭ ކަންތައްތައް ބޭންކް ނުވަތަ ކާޑު ދޫކުރި ފަރާތަށް ރިޕޯޓުކޮށް ބްލޮކްކުރުން.
  • 3. އެންމެހައި މުއާމަލާތުގެ ތަފްސީލާއެކު އެ އެޕްލިކޭޝަނަށް ނުވަތަ ޕްލެތްފޯމަށް ރިޕޯޓުކުރުން.
  • 4. ފުލުހުންނާއި ކަމާބެހޭ އިދާރާތަކަށް ރިޕޯޓުކުރުން.
  • 5. އެހެން މީހުން ސަމާލުކުރުވުމަށް ތަޖުރިބާ ހިއްސާކުރުން.

އަދި އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ ނަމުގައި ހިންގޭ ސްކޭމްތަކާމެދު ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށާ، އާންމުން މި ކަމަށް ހޭލުންތެރިވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް އެޅިދާނެ އެންމެ މުހިންމު ފިޔަވަޅުކަމަށް ވެސް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެއެވެ.

އޮންލައިންކޮށް އެއްވެސް އަމިއްލަ މަޢުލޫމާތެއް ހިއްސާ ނުކުރުމަށާ، ފައިސާ މާރުކުރުމުގައި އެމްއެމްއޭގެ ލައިސަންސް އޮންނަ ފަރާތެއްތޯ ކަށަވަރު ކުރުމަށް އެންޓި ސްކޭމް ސެންޓަރުން އެދިފައި ވާއިރު، މީގެ އިތުރުން ޓެލެގްރާމް އެކައުންޓްތައް ކޮމްޕްރޮމައިޒް ވާތީ އެކަމަށް ސަމާލުވުމަށް ވެސް އެ ސެންޓަރުން ދާދި ފަހުން އެދިފައިވާ ކަން ވެސް ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓް