ރާއްޖެއާ ގުޅޭގޮތުން ލަންކާ އީ ނިއުސްގެ ސުރުޚީ
"ޑިޕްލޮމެޓިކް ދަރަނިތަކާއި ސަރުކާރުގެ މަކަރުވެރިކަން"
ދިވެހިރާއްޖޭގެ ދަރަނި އަދާނުކުރާއިރު ސްރީލަންކާއިން ޖަވާބު ހޯދަން މަސައްކަތްކުރަނީ ކިހިނެއް؟
29 ނޮވެމްބަރ 2024 (ހުކުރު)   14:00
މިއީ "ލަންކާ އީ ނިއުސް" ގައި 25 ނޮވެމްބަރު 2024 ގައި ޝާއިއުކޮށްފައިވާ ލިޔުމެއްގެ ނުރަސްމީ ދިވެހި ތަރުޖަމާއެކެވެ. މި ލިޔުމުގައި ހިމެނޭ ބައެއް ވާހަކަތައް ހަގީގަތާ ޚިލާފު ކަމުގައި ގަބޫލުކުރަންޖެހެއެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ، ލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވިހި ހާހަށްވުރެ ދަށްވާނެއެވެ. އެހެންނަމަވެސް މިއީ މިދުވަސްވަރު ލަންކާގެ ބައެއް ނޫސްތަކުގައި ދިވެހީންނާއި ދިވެހިރާއްޖެއާ ގުޅޭގޮތުން ލިޔަމުންދާ ވާހަކަތަކެވެ. -------------------------------------------------------

ބައިނަލްއަގުވާމީ މަސްރަހުގައި މާލީ ޑްރާމާއެއްގެ ގޮތުގައި ފާހަގަކުރެވޭ ހާދިސާއެއް މިހާރު މިދަނީ ސްރީލަންކާއާއި ދިވެހިރާއްޖެއާ ދެމެދު ހިނގަމުންނެވެ. ބެލެވޭ ގޮތުގައި ދިވެހި ސަރުކާރުން ގެރެންޓީ ދީފައިވާ750  މިލިއަން އެމެރިކާ ޑޮލަރުގެ ލޯނެއް ސްރީލަންކާގެ ގައުމީ ބޭންކުން ދިވެހި ވިޔަފާރިތަކަކަށް ވަނީ ދޫކޮށްފައެވެ. ލަންކާގެ ގިނަބަޔަކަށް މި ޚަބަރު ވީ ބޮޑު ބޮމެއް ގޮވުން ކަހަލަ ކަމަކަށެވެ. މުޅި ލަންކާގައި މިހާރު ދަނީ މި މައުލޫމާތު ފެތުރެމުންނެވެ. މި ލޯނަކީ މިހާތަނަށް ލަންކާގެ ގައުމީ ބޭންކުން އަމިއްލަ ވިޔަފާރިވެރިން ތަކަކަށް ދޫކުރި އެންމެ ބޮޑު ލޯނެވެ. މިހެންކަމުން އެގައުމުގެ ވިޔަފާރިވެރިންނާއި، ސަރުކާރަށް ޓެކްސް ދައްކާ ނިކަމެތި އާންމު ރައްޔިތުންގެ މެދުގައިވެސް މިހާރު އޮތް އެންމެ ހޫނުކޮށް ބަހުސް ކުރެވޭ މައުލޫއަކީ މިއެވެ.

މި ލޯނު ލިބުނު ދިވެހި ވިޔަފާރިތަކުން ވަނީ އަނބުރާ ދެއްކުމުގައި ޑިފޯލްޓްވެފައެވެ. މާލީގޮތުން ދަތިތަކާ ކުރިމަތިލަމުންދާ ސްރީލަންކާއިން ވަނީ ލޯނު އަނބުރާ ދެއްކުމަށް ސުލްހަވެރިކަމާއި މަޑުމައިތިރިކަމާއެކު އިލްތިމާސްތަކެއް ކޮށްފައެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅިގެން، މި މައްސަލަ ހައްލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. މި ހާލަތުގައި ދިވެހިރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ 750 މިލިއަން ޑޮލަރުގެ މި ބޮޑު އަދަދަކީ އިހުމާލުކޮށްލެވޭވަރުގެ ކުޑަ އަދަދެއް ނޫންކަމެވެ.


ސްރީލަންކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ނުރުހުމާއި ކަންބޮޑުވުން
އައިއެމްއެފް.ގެ އިސްލާހީ ފިޔަވަޅުތަކާއި، އިގުތިސޯދީ ހަރުކަށި އުސޫލުތަކާއެކު، އަދި ދިރިއުޅުމުގެ ޚަރަދުތައް އިތުރުވަމުންދާ މި ދަނޑިވަޅުގައި،  ސްރީލަންކާގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހިތްހަމަނުޖެހުން ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެ ފަރާތްތަކުން ދަނީ އެމީހުންގެ ބުރަ މަސައްކަތުން ހޯދާފައިވާ އާމްދަނީ ދިވެހިރާއްޖޭގެ މާލީ ދަރަނިތައް އަދާކުރުމަށް ބޭނުންކުރަމުންދާތީ، އެކަމާމެދު ސުވާލު އުފައްދަމުންނެވެ. މިހާލަތު އިތުރަށް ގޯސްވެ، ދިވެހިރާއްޖެއާ ދެކޮޅަށް ޕްރޮޕެގެންޑާ ކެމްޕޭނެއް ސްރީލަންކާގައި ފެށިފައިވާކަން ފާހަގަކުރެވެއެވެ.

ދެ ގައުމުގެ ގުޅުމަށް ހުރަސްއެޅޭ ކަންކަން
މީޑިއާ ރިޕޯޓުތަކުގައި ފާހަގަކޮށްފައިވާ ގޮތުގައި، ސްރީލަންކާގެ ރައްޔިތުންނަށް ފުރައްސާރަކޮށް، އަނިޔާކޮށް، އަދި ގާނޫނީ އިޖުރާއަތްތަކާ ޚިލާފަށް ޑިޕޯޓްކުރާ ކަމުގެ ޚަބަރުތަކެއް ވަނީ ފެތުރިފައެވެ. މީގެ ތެރޭގައި ދިވެހި އަންހެނަކާ ކައިވެނިކޮށްގެން އުޅޭ ސްރީލަންކާގެ ފިރިހެނަކު އެކަށީގެންވާ ގާނޫނީ އިޖުރާއަތްތަކާ ނުލައި ޑީޕޯޓްކުރި މައްސަލައެއް ހިމެނެއެވެ.

އިތުރު ގޮންޖެހުންތައް
އިތުރު ކަންބޮޑުވުމެއްގެ ގޮތުގައި، ސްރީލަންކާގައި ގާނޫނާ ޚިލާފަށް ގާތްގަނޑަކަށް 56،000 އަށްވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާކަން ފާހަގަކުރެވިފައި ވެއެވެ. މިކަމުގެ ސަބަބުން ސްރީލަންކާގެ އާންމު ވަސީލަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ވަނީ ހާމަވެފައެވެ. މީގެ އިތުރުން، ޓެރަރިސްޓް ޖަމާޢަތްތަކާ ގުޅުންހުރި ފަރާތްތަކަށް ދިވެހި ޕާސްޕޯޓު ދޫކުރެވޭ ކަމުގެ ޚަބަރުތަކެއްވެސް ދަނީ ފެތުރެމުންނެވެ.

ދަ ލީގަލް ޖޯސްޓިން މެޗް
ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރާ އިސްވެ ހުންނަވައިގެން ސްރީލަންކާ ސަރުކާރުން މިހާރު އަންނަނީ ބައިނަލްއަގްވާމީ ބޮޑެތި ލޯ ފާމްތަކުގެ ގާނޫނީ ލަފާ ހޯދަމުންނެވެ. އައި.އެމް.އެފް.ގެ އިޞްލާހްތައް ބާރު ސްޕީޑެއްގައި ކުރިއަށްދާއިރު، މީގައި އެތާނގައި ދިރިއުޅޭ ދިވެހިންވެސް އިސްތިސްނާއެއް ނުކުރާނެއެވެ. އެހެންކަމުން ދިވެހިންނާމެދުވެސް ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމާއި، ޑިޕްލޮމެޓިކް ޕްރެޝަރު ކުރުން ނުވަތަ އައިއެމްއެފްގެ ނުފޫޒު ބޭނުންކޮށްގެން ލޯނު އަނބުރާ ދެއްކުމަށް ރާއްޖެ އަށް މަޖުބޫރުކުރުވުން ވެސް މިހާރު ކުރަން ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. ޔަގީންވާ އެއްކަމަކީ، މި މައްސަލަ ވަޅުޖެހުމަށް އޮފިޝަލުންނަށް ރިޝްވަތު ދޭން އުޅޭ ކޮންމެ ދިވެއްސަކުވެސް މިފަހަރު ބޭޒާރު ކޮށްލާނެކަމެވެ. 

ސިޔާދަތީ ނިންމުމެއް 

މި ވާހަކައިގެ މައިގަނޑު ރޫހަކީ ވިޔަފާރިއާއި، ސިޔާސީ މަސްރަހާއި އަދި ސުވާލު އުފެދޭ ސިޔާދަތީ ގެރެންޓީތައް އެއްކޮށްލުމުގެ ނުރައްކާތެރިކަމެވެ. ސްރީލަންކާއިން އެގައުމުގެ ހާލަތު ބަދަލުކުރުމުގެ މަސައްކަތް މަޑުނުޖެހި ކުރިއަށް ގެންދާއިރު، ދިވެހިރާއްޖެއިން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. 750 މިލިއަން ޑޮލަރަކީ ހަމައެކަނި ހިސާބުތަކުގައި ފެންނަ އަދަދެއް ނޫނެވެ. އެއީ އިޤްތިޞާދީ ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާ ޤައުމެއްގެ ދިރުންކަމުގައި ބެލެވިދާނެއެވެ. ޑިޕްލޮމެޓިކް މަސައްކަތްތައް ނާކާމިޔާބުވެއްޖެނަމަ، ކޮލަމްބޯއިން ހަރުކަށި ފިޔަވަޅުތަކެއް އަޅައި، ކުދި ޤައުމުތަކަށް ބޮޑެތި ދަރަނިތަކާ ކުރިމަތިލާންޖެހޭ ގޮތުގެ ނަމޫނާއެއް ޤާއިމުކޮށްފާނެއެވެ.

މި ކަންކަމާ ގުޅިގެން، ސްރީލަންކާގެ ޓެކްސް ދައްކާ ފަރާތްތަކުން މި ކަންތައްގަނޑަށް ވަރަށް ސަމާލުވެ ބަލަމުންދާނެއެވެ. އެއީ އިންސާފު ޤާއިމުވެ، 750 މިލިއަން ޑޮލަރު އަނބުރާ ލިބޭނެކަމުގެ އުއްމީދުގައެވެ. އެހެންނަމަވެސް، މިކަންތައް ކޮޅެއްގައި ޖެހެންދެން ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހުން ދިވެހިންނާމެދު ރުޅިވެރި ބަސްތަކެއް އިވިގެން ދިއުމަކީވެސް ހަމަ އެކަށީގެންވާ ކަމެކެވެ. 


މި ހުރިހާ ކަމަކީވެސް ބައިނަލްއަގްވާމީ މައިދާނުގައި ދިވެހިރާއްޖޭގެ ޒިންމާދާރުކަމާމެދު ސުވާލު އުފެދޭފަދަ ކަންތައްތަކެވެ. މި މައްސަލަތައް ޙައްލުކުރުމަށްޓަކައި، ދެ ޤައުމުގެ މެދުގައި ހަރުދަނާ ޑިޕްލޮމެޓިކް މަޝްވަރާތަކެއް ކުރިއަށް ގެންދިއުމަކީ ނުހަނު މުހިންމު ކަމެކެވެ. އެހެންނަމަވެސް، ދިވެހި ސަރުކާރުން މިހާރު އަމަލުކުރަމުންދާ ގޮތަށް ބަލާއިރު، އެ ފަރާތުން ދައްކަމުންދަނީ ޕޮޒިޓިވް ނޫން މަންޒަރެކެވެ. ދިވެހި ވިޔަފާރިތަކަށާއި، ޚާއްޞަކޮށް ޤައުމުގެ އިޤްތިޞާދީ މައި ނާރުކަމުގައިވާ ފަތުރުވެރިކަމުގެ ޞިނާޢަތަށް ހުރަސްއެޅޭ ފަދަ ގަވާއިދުތަކާއި ޤާނޫނުތައް އެދަނީ އެކުލަވަމުންނެވެ. މިކަންކަމުގެ ސަބަބުން، ރާއްޖެއަށް އަންނަ އެއަރލައިންތަކުގެ އަގު ބޮޑުވުމާއި، ޞިނާޢަތުގެ އިންވެސްޓަރުންގެ ކަންބޮޑުވުމާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވެއެވެ.

އަސްލު ލިޔުން ބެއްލެވުމަށް

 

ކޮމެންޓް