ސްޓެލްކޯ އިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓް ދީފައިވާ ކަމަށެވެ.
"މާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ ކަރަންޓުދެވިފައި. ހުޅުމާލޭގެ ރުއްގަނޑު 1 ސަރަހައްދުގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ފިޔަވާ އެހެން ހުރިހާ ޓްރާންސްފޯމަރެއް ވަނީ އެނަރޖައިޒް ކުރެވިފައި. މި ދެންނެވި ސަރަހައްދު ފިޔަވާ އެހެން އެއްވެސް ސަރަހައްދެއްގައި ކަރަންޓުގެ ހިދުމަތް ނުލިބޭ ކަސްޓަމަރެއް ހުރިނަމަ އަޅުގަނޑުމެންގެ އެމަރޖެންސީ ނަންބަރު 104 އަށް ގުޅުއްވުން އެދެން. ދިމާވި ދަތިތަކަށް އެންމެހާ ކަސްޓަމަރުންގެ ކިބައިން މަޢާފަށްއެދެން." ސްޓެލްކޯ އިން ބުނެފައި ވެއެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ ވަނީ މިހާރު ހައްލުކުރެވި، މާލެ އާއި ހުޅުމާލެއަށް ކަރަންޓުގެ ޚިދުމަތް އަލުން ފޯރުކޮށްދެވިފައި ކަމަށެވެ. އަދި މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާނެ ކަމަށާއި މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުންހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.
މުޅި މާލެއާއި ހުޅުމާލެ އަދި އެއާޕޯޓުން ކަރަންޓު ކެނޑުނީ މިއަދު މެންދުރު 12:45 ހާއިރުއެވެ. ކަރަންޓް ކެނޑި ގިނަ އިރުތަކެއް ވާން ފެށުމާއެކު ސްކޫލްތަކުގެ ކިޔެވުންވެސް ވަނީ ކެންސަލް ކޮށްފައެވެ. އަދި ވިޔަފާރިތަކާއި އާންމު ދިރިއުޅުމަށް ވަނީ ވަރަށް ބޮޑަށް ބުރޫ އަރާފައެވެ.
އެ ހާދިސާއާ ގުޅޭގޮތުން ސްޓެލްކޯ އިން ބުނީ ކަރަންޓް ކެނޑުނީ ގްރިޑަށް ދިމާވި މައްސަލައަކުން ކަމަށާއި މައްސަލަ ހައްލުކުރެވެމުން ދިޔަ ވަރަކަށް އެކި ސަރަހައްދުތަކަށް ކަރަންޓް ދެމުންދާ ކަމަށެވެ. އަދި ހަވީރު ސްޓެލްކޯ އިން ދިން މައުލޫމާތުގައި ބުނީ އިރުއޮއްސުމުގެ ކުރިން ހުރިހާ ހިސާބަކަށް ކަރަންޓް ދޫކުރެވޭނެ ކަމަށެވެ.
ކަރަންޓް ކެނޑުމާއެކު ރައީސް މުހައްމަދު މުއިއްޒު ވަނީ އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ވިދާޅުވެފައެވެ.
"މުޅި މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން ކަރަންޓު ގޮސްފައިވާ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ކަމާބެހޭ ފަރާތްތަކުގައި ދަންނަވައިފިން. އަދި މިފަދަ ކަމެއް ތަކުރާރު ނުވާނޭހެން ކަރަންޓުގެ ޚިދުމަތުގެ ކަންކަން އިންތިޒާމް ކުރަން ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރާނެ ވާހަކަ ދަންނަވަން." ހައްޖުގެ އަޅުކަމަށް މި ވަގުތު ސައުދީގައި ހުންނެވި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓްގައި ވިދާޅުވިއެވެ.
ރައީސް އެފަދައިން ވިދާޅުވުމާއެކު، ފުލުހުންގެ ފަރާތުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގްރޭޓަރ މާލެ ސަރަހައްދުން ކަރަންޓް ކެނޑިފައިވާ މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އެކަން ހިނގި ގޮތް ބެލުމަށް ހާއްސަ ތަހުގީގެއް ފަށައިފައިވާ ކަމަށެވެ.
އަދި މިއަދު އިރުއޮއްސި 6:35 ގައި އެކްސްގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ ކަރަންޓަށް ދިމާވެފައިވާ މައްސަލައާ ގުޅިގެން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ހާއްސަ މަސައްކަތްތަކެއް ފަށައިފާ ވާކަމަށެވެ.