އެ މަނިކުފާނު މިހެން ވިދާޅުވީ އެމަނިކުފާނާއެކު ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ އަލުން ގުޅެން ނިންމުމުން އެބޭފުޅުންނަށް އެމްޑީޕީން މަރުހަބާ ދެންނެވުމަށް މިވަގުތު ސަލްޓަންޕާކުގައި ކުރިއަށްދާ ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ ވާހަކަފުޅުގައި، އެމްޑީޕީގެ އަބަދުވެސް ސިޔާސަތަކީ ގިނަޕާޓީ އެކުލެވޭ ސިޔާސީ ނިޒާމް މިރާއްޖޭގައި އޭގެ ފުރިހަމަގޮތުގައި އަށަގަންނަވާ ދިވެހި ރައްޔިތުންނަށް ހެޔޮވެރިކަމެއް ކޮށްދިނުމަށް ވިދާޅުވެ ރައީސް ނަޝީދު ވިދާޅުވީ، މިއަދު މި ރާއްޖޭގެ އާންމުހާލަތަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ރާއްޖެ ދަރަނިވެރިވުން ކަމަށާ، މިއަދު އެކަމުން އަރައިގަތުމަށް ނުހަނު ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެން ކުރަންޖެހިފައި ވާކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ކާމިޔާބުކުރުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ވިދާޅުވީ އެ އިންތިހާބާއި އަދިވެސް ކުރިއަށް އޮތް އިންތިހާބުތައް ބޮޑުތަނުން އެމްޑީޕީން ކާމިޔާބުކުރާނެކަމަށެވެ.
ރައީސް ނަޝީދު އެމްޑީޕީގެ މިރޭގެ ޖަލްސާގައި - ފޮޓޯ: އެމްޑީޕީ
ރައީސް ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުމުން މިރޭ ކުރިއަށްގެންދާ ހަފްލާގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު އާއި، އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ އިސް ސަފުގެ ބޭފުޅުންނާއި ގިނަ މެންބަރުން ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
މިހަފްލާގައި އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވީ ރައީސް ނަޝީދު އާއި ޑިމޮކްރޭޓުންނަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވާ ކަމަށާ، މާޒީގެ އަޅުންނަށްވެ މޯހިރަށް ބަލަން ތިބުމަށްވުރެ މިގައުމު ހަމަ މަގަށް އަޅުވާ، މި ސްކޭމް ސަރުކާރުގެ އަތްދަށުން ގައުމު އަނބުރާ ހޯދާ ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުން މާ މުހިންމު ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ޑިމޮކްރަޓިކް އުސޫލުގެދަށުން ކަންކަން ކުރުމަށް އަބަދުވެސް އިސްކަންދޭ ޕާޓީއެއް ކަމަށާ، އެޕާޓީ ދެން ކުރިއަށްދާނީ އިހުނަށްވުރެ ވެސް މާ ވަރުގަދަކޮށް ކަމަށެވެ. އެގޮތުން ކުރިއަށް މިއޮތް ހުރިހާ އިންތިހާބުތައްކެއް ވެސް ބޮޑުތަނުން އެމްޑީޕީން ކާމިޔާބުކުރަމުންދާ ތަން އިރާދަކުރެއްވިއްޔާ ފެނިގެންދާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.
ޑިމޮކްރެޓްސްގެ މެންބަރުން އެމްޑީޕީއާ ގުޅުމަށް ނިންމާފައި ވަނީ އެކަމަށް އިގުރާރުވެ މިދިޔަ އަންގާރަދުވަހު ބޭއްވި އެ ޕާޓީގެ ނެޝަނަލް އެސެމްބްލީގައި ފާސްކުރި ގަރާރަކުންނެވެ.