އީރާންގެ ހަމަލާއެއްގައި އިޒްރޭލަށް ލިބިފައިވާ ގެއްލުން - ފޮޓޯ: ތެހްރާން ޓައިމްސް
އީރާނުން އަނެއްކާވެސް ހަމަލާތައް އާކޮށް ޔަހޫދީންގެ ބަޔަކު މަރާލައިފި
އީރާނާއި އިސްރާއީލުން ވެސް ހަމަލާތައް ހުއްޓައެއްނުލާ، އާންމުންގެ އެތައް ބަޔަކު ދަނީ މަރުވަމުން
ޖުނާން އަޙުމަދު 15 ޖޫން 2025 (އާދީއްތަ)   09:58
އީރާނުން އިޒްރޭލަށް ދެމުންއަންނަ ހަމަލާތައް ރޭ އަނެއްކާވެސް އާކޮށް، އިޒްރޭލުގެ އަށް މީހަކު މަރާލައިފިއެވެ.

އިރާނުން ދިން މި ހަމަލާތަކުގައި، އިޒްރޭލުގެ މަދުވެގެން އަށް މީހަކު މަރުވެ 130 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ އިރު، އެތައް މިލިއަން ބަޔަކު ވަނީ ރައްކާތެރިކަން ހޯދުމަށް ބަންކަރުތަކަށް ވަދެފައި ކަމަށް އެ ގައުމުގެ މީޑިއާ ތަކުން ރިޕޯޓްކުރެއެވެ.

މިއީ އިޒްރޭލުން އިސްވެ އީރާނަށް ދިން ވަރުގަދަ ހަމަލާތަކެއްގެ ބަދަލު ހިފުމުގެ ގޮތުން އީރާނުން ދެމުން އަންނަ ހަމަލާތަކެއް ކަމަށް ވާއިރު، އިޒްރޭލު ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ތެލްއަވީވް ޑިސްޓްރިކްޓަށް ދިން ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ އެތައް ބަޔަކު ޒަހަމް ވެސް ވެފައިވާ ކަމަށެވެ.

އީރާންގެ ނިއުކްލިއާ އަދި އަސްކަރީ މަރުކަޒުތަކާއި އަސްކަރިއްޔާގެ އިސް މީހުންނަށް އަމާޒުކޮށް އިޒްރޭލުން އެތައް ސަތޭކަ ހަމަލާއެއް މީގެ ކުރިން ދީފައި ވާއިރު ރޭ ވެސް އީރާންގެ މުހިންމު ތަންތަނަށް އިޒްރޭލުން ހަމަލާ ދިނެވެ. އަދި އެ ހަމަލާ ތަކުގައި އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތައް ވެސް ވެފައިވާކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

އިސްރާއީލުން މަސައްކަތް ކުރަނީ އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ހަމަލާދިނުމަށް ކަމަށާ، އިސްރާއީލުން އަސްކަރީ ކެމްޕޭނު ވަރުގަދަކޮށް، ހަކަތައިގެ މުހިންމު މަރުކަޒުތަކަށް ހަމަލާދީފައިވާ ކަމަށް އީރާނުން އިއްޔެ ވަނީ ބުނެފައެވެ. އަދި އޭގެ ސަބަބުން އެ ގައުމުގެ އިގްތިސޯދަށް ގެއްލުންވެފައިވާ ކަމަށް ވެސް އީރާނުން ބުނެފައިވެއެވެ.

އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި ސައުތު ޕާސް ގޭސް ފީލްޑްގައި އަލިފާން ރޯވެފައިވާ ކަމަށް އީރާނުގެ އޮފިޝަލުން ވަނީ ކަށަވަރުކޮށްދީފައެވެ.

އެގޮތުން ވެރިރަށް ތެހެރާނުގެ މީހުން ދިރިއުޅޭ ތަންތަނަށް އިސްރާއީލުން ދިން ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ގާތްގަޑަކަށް 80 މީހުން މަރުވެ 320 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

މަރުވި މީހުންގެ ތެރޭގައި ނިއުކްލިއާ ސައިންސްވެރިންގެ ތެރެއިން ނުވަ ސައިންސްވެރިން ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އިސްރާއީލުގެ ހައިޓެކް މިސައިލްތައް އީރާނުން ވައްޓާލާފައިވާއިރު، ހުކުރު ދުވަހުން ފެށިގެން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގައި ފަސް މީހުން މަރުވެ 200 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވެއެވެ.

އެގޮތުން އިސްރާއީލުގެ އާސަނަލްގައި ހުރި އެންމެ ޒަމާނީ އެއް މަތިންދާބޯޓު ކަމަށްވާ އިސްރާއީލުގެ އެފް-35 ފަޔާ ޖެޓެއް ވައްޓާލާފައިވާ ކަމަށް ވެސް އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނެފައިވެއެވެ.

ކޮމެންޓް