މާދަމާއަކީ އެމްޑީޕީއަށް 20 އަހަރު ފުރޭ އަހަރީ ދުވަސް ކަމަށްވުމާއެކު، އެ ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދާއި ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިއަދު ވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވާ އެކަމާގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާފައެވެ.
އެބޭފުޅުން މައުލޫމާތުދެއްވި ގޮތުގައި މާދަމާގެ ހަރަކާތްތައް ފަށުމަށް ހަމަޖެހިފައި ވަނީ އެމްޑީޕީ ދަނޑިކޮށި ޖަގަހައިގައި ބާއްވާ ހެދުނު ސަޔަކުންނެވެ. އެއަށްފަހު 9:00 ގައި އެ ޖަގަހައިގައި އަދި ރަށްރަށުގެ ޖަގަހަތަކާއި އޮފީސްތަކުގައި ދިދަ ނެގުމުގެ ހަރަކާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕާޓީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެހެން އަހަރެކޭ އެއްގޮތަށް މި ފަހަރު ވެސް ކޭކު ފެޅުން އޮންނާނެ އެވެ.
އަދި މީގެއިތުރުން މާދަމާ މެންދުރު ފަހު ބާއްވާ ފުޓްސަލް މުބާރާތަކާއި، ޒުވާނުންގެ ރޫހުގެ ފަރާތުން އަލަށް މިރޭ ތައާރަފުކުރާ ޕޮޑްކާސްޓެއް ވެސް ހިމެނޭ ކަމަށާ، މީގެ އިތުރުން ރާއްޖޭގެ ކޮންމެ ސިޓީއެއްގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ސިޓީތަކުގައި ބާއްވާ ފުރަތަމަ ޖަލްސާ ބާއްވާނީ އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައި ކަމަށް ވެސް އެމްޑީޕީން މައުލޫމާތުދެއެވެ.
އަދި "ރަން ރީނދޫ" ގެ ނަމުގައި ޖުލައި 18 ވަނަ ދުވަހު، އެމްޑީޕީގެ ދަންމަރެއް ހިފައިގެން ރާއްޖޭގެ ކޮންމެ ރަށެއްގައި ދުވުމެއް ފެށުމަށް ނިންމާފައިވާ ކަމަށާ، އެ ދުވުން ނިމޭނީ އަންނަ އަހަރުގެ މެއި މަހު ކަމަށް ވެސް އެ ޕާޓީން ބުނެއެވެ.
އަދި ކާނިވަލަކާއި، މިއުޒިކު ޝޯއެއްގެ އިތުރުން އާޓު އެގްޒިބިޝަނެއް ވެސް ބޭއްވުމަށް ނިންމައިފައި ވާއިރު، ހުރިހާކަމެއްގެ ފައިނަލް ތާވަލެއް ކަނޑައެޅެމުން އަންނަވަރަކަށް މީޑިއާގައި މައުލޫމާތު ހިއްސާކުރަމުން ދާނެކަމަށް ވެސް އެމްޑީޕީން ބުނެއެވެ.
އެ ޕާޓީ އަށް 20 އަހަރު ފާހަގަކުރުމުގެ ގޮތުން ދިގު މުއްދަތެއްގައި ގިނަ ހަރަކާތްތަކެއް ރޭވާ ހިންގުމުގެ މަގުސަދެއްކަމަށް އެމްޑީޕީން ބުނަނީ، އެ ޕާޓީން މި ދިވެހިރާއްޖެއަށް ގެނެސްފައިވާ ހެޔޮ ރަނގަޅު ބަދަލުތައް ފާހަގަކުރުމާއެކު އަތޮޅުތެރޭގައި ތިބި އާންމު މެންބަރުންގެ ބައިވެރިވުން ވެސް ވީހާވެސްބޮޑަކަށް ޕާޓީގެ ހަރަކާތްތަކުގައި ހިމެނުމަށް ކަމަށެވެ.