ކޮންމެ ހަފުތާއެއްގެ ދައުލަތުގެ ހިސާބުތައް އާންމުކޮށް ފިނޭންސް މިނިސްޓްރީން ނެރެމުންދާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓު ރިޕޯޓާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، އެ ރިޕޯޓުން އެ ދައްކަނީ ސަރުކާރުގެ ޒިންމާ އަދާކޮށްފައި ހުރި މިންވަރު ނޫން ކަމަށެވެ. އެކަމަކު އެއީ ވަޒީރު ހޭދަކޮށްފައިހުރި މިންވަރު ކަމަށެވެ.
"ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓު ރިޕޯޓުން އެ ދައްކަނީ ސަރުކާރުގެ ޒިންމާ އަދާކޮށްފައި ހުރި މިންވަރެއް ނޫން. ވަޒީރު ހޭދަކޮށްފައިހުރި މިންވަރު. ބަޖެޓެއް ފާސްކޮށްފައި ވަޒީރާ މަތިކުރަނީ ހަމައެކަނި މުސާރަ ދޭކަށް ނޫން." ފިޔެސް އަށް މައުލޫމާތު ދެއްވަމުން ޝަމްހީދު ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން މިމަހުގެ 28 ވަނަ ދުވަހު އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓު ރިޕޯޓުގައިވާ ގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް، ޖުމްލަ 22 ހަފުތާއަށް ބަޖެޓުން 16.18 ބިލިޔަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. ޖުމްލަ ހަރަދުގެ %90 އަކީ ރީކަރެންޓް ހަރަދެވެ. ރިކަރަންޓް ހަރަދުގެ ގޮތުގައި އެންމެ ބޮޑު ހޭދައެއް ހިނގާފައި ވަނީ އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށާއި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތް އަދި ޕެންޝަނަށެވެ. އިދާރީ ހަރަދުތަކުގެ ބައި މިދިޔަ އަހަރާ އަޅާބަލާއިރު ގާތްގަނޑަކަށް 600 މިލިޔަން ރުފިޔާ ވަނީ ކުޑަކޮށްފަ އެވެ. ނަމަވެސް މުސާރަ އާއި އިނާޔަތްތަކާއި ޕެންޝަނަށް 419 މިލިޔަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވެ އެވެ.
އިދާރީ ހަރަދުތައް ކުޑަވުމުގެ އެއް ސަބަބަކީ ބިލްތަކަށް ފައިސާ ނުދެއްކުން ކަން ޝަމްހީދު ތުހުމަތު ކުރެއްވިއެވެ. އޮފީސް ސަޕްލައިގެ ގޮތުގައި އެކި ކުންފުނިތަކުން ނަގާފައި ހުރި މުދަލަށް ފައިސާ ނުދެއްކުމުގެ ޝަކުވާ އާއި ބައެއް ސްކޫލްތަކަށްވެސް ބެލެނިވެރިންގެ ފަރާތުން ކަރުދާސް ރީމް ފަދަ ތަކެތި ގެންދަންޖެހޭ ވާހަކަ އިވެމުންދާކަން ޝަމްހީދު ފާހަގަ ކުރެއްވިއެވެ.
ޝަމްހީދު ފާހަގަ ކުރެއްވި ގޮތުގައި ހަރަދު ކުޑަ ކަމަށް ދައްކާ އެންމެ ބޮޑު ސަބަބަކީ ސަރުކާރުން އެކި ކުންފުނިތަކަށް ދަންކަންޖެހޭ ފައިސާ ނުދައްކައި، ތަރައްގީގެ ގިނަ މަޝްރޫއުތައް ހުއްޓާލައިގެން ތިބުމެވެ.
"މިދިޔަ މަސް ނިމުނު އިރު 7 ބިލިޔަނަށް ވުރެ ގިނަ ރުފިޔާ އެބަ އޮތް ސަރުކާރުން އެކި ކުންފުނިތަކަށް ދައްކަން. މިހާރު އެ އަދަދު 8 ބިލިޔަނާ ކައިރި ކުރާނެ. ސަރުކާރުން ދައްކަންޖެހޭ ބިލްތައް ނުދައްކާ، ރެވެނިއު ވަންނަންޏާ ފެންނަން އިންނާނީ ޕޮޒިޓިވްކޮށް." ޝަމްހީދު ވިދާޅުވިއެވެ. "ޕީއެސްއައިޕީ އަށް ކަނޑައަޅާފައި އިން 12.3 ބިލިޔަނުން މިއަދާ ހަމައަށް މިއޮތީ %13 ހޭދަކޮށްފައި. އެކަމަކު ކިތައް ބިލު އެބަ އޮތް ނުދައްކާ. މީހުންނަށް ދޭންޖެހޭ ފައިސާ ކޮބާ؟"
މިހާރު ފިނޭންސް މިނިސްޓްރީން ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓު ރިޕޯޓު ނެރެނީ ބަޖެޓް ސާޕްލަސް ވީކަން ދެއްކުމަށް ކަމަށް ގަބޫލު ކުރެއްވޭ ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
"ހަފުތާ 22 ނިމިގެން ރިޕޯޓް ނެރުނު އިރުވެސް މިފެންނަނީ ބަޖެޓް ސާޕްލަސް ވީކަން ދައްކަން ރިޕޯޓް ނެރޭތަން. އެއީ އާޓިފިޝަލްކޮށް މިމީހުން ކުރާ ކަމެއް. ކޮންމެވެސް ލޯނެއް ހޯދަންވެގެން ކުރާ ކަމެއްމީ.. އެ ލޯނު ލިބެންދެން އާޓިފިޝަލްކޮށް މިކަން ކުރާނެ."
ދައުލަތުން ދައްކަންޖެހޭ ފައިސާގެ ވާހަކައަކީ ފޮރުވޭނެ ވާހަކަ އެއް ނޫން ކަމަށްވެސް ޑރ. ޝަމްހީދު ވިދާޅުވިއެވެ.
"ފައިސާ ދެއްކުމަށް ދައުލަތުގެ ޒިންމާ ނެތީކީ ނޫނޭ. ސާޕްލަސް ކުރާއިރު ކިތައް ބިލިޔަން ރުފިޔާ ނުދައްކާ އެބަ އޮތްތޯ! ރައްޔިތުންނަށް ވައުދުވެފައި އޮތްގޮތަށް ޕްރޮޖެކްޓްތައް ނުހިންގައި، ހޭދަ ނުކުރަންޏާ ސާޕްލަސްވާ ކަމަށް ދެއްކި ދާނެ. އެކަމަކު މިއީ މައްޗަށް އަރުވަމުންދާ ބޮޑު ބުރައެއް."
ދައުލަތަށް މުދަލާއި ހިދުމަތް ހޯދާފައި އާންމު ވިޔަފާރިތަކުން ކޮށްފައިހުރި ބިލްތަކަށް ފައިސާ ނުދެއްކުމުގެ ޝަކުވާ އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
ދިވެހި ސަރުކާރުން، ކޮންޓްރެކްޓަރުންނަށާއި އަމިއްލަ ހޮސްޕިޓަލް ތަކަށާއި މަސްވެރިކަމާ ގުޅުންހުރި ވިޔަފާރި ތަކަށް ފައިސާ ދެއްކުން ވަރަށް ބޮޑަށް ލަސްކުރާކަން ވަރަށް ފަހަކުން ވޯލްޑް ބޭންކުން ނެރުނު ރިޕޯޓެއްގައި ވެސް ވަނީ ފާހަގަކޮށްފައެވެ.