މި ޚަބަރު އާންމުވުމާއެކު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އާންމުންގެ ފަރާތުން ސޯޝަލްމީޑިއާގައި ފާހަގަކުރިއެވެ. އަދި ފިޔެސް އިން ބެލި ބެލުމުންވެސް ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް އެބަހުއްޓެވެ.
ފުރަތަމަ ކަމަކަށް މިފަދަ ބޮޑު މަޝްރޫއެއް ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ދޫކޮށްލިއިރު އާންމުކޮށް އިއުލާން ނުކުރުމެވެ. މި މަޝްރޫއަށް ބިޑު ހުށަހެޅުމަށް ނުވަތަ ޝައުގުވެރިކަން ފާޅުކުރުމަށް އިއުލާން ކޮށްފައެއް ނުވެއެވެ.
ދެވަނަ ކަމަކަށް، މަސައްކަތާ ހަވާލުވި ކޮންޓްރެކްޓަރަކީ މެލޭޝިއާގެ "ހެކްސްޓަރ ގްލޯބަލް" ކަމަށާއި އެއްބަސްވުމުގައި ކޮންޓްރެކްޓަރުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު އަލީ ޝަރީފް ކަމަށް މިނިސްޓްރީން އާންމުކުރި ޚަބަރުގައި އޮތްނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. ކޮންޓްރެކްޓް ގައި ސޮއިކުރެއްވި އަލީ ޝަރީފަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް ހެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރެވެ. އެކުންފުނީގެ ހަމައެކަނި ޝެއާހޯލްޑަރަކީވެސް އޭނާއެވެ. ކުންފުނި ރަޖިސްޓްރީކޮށްފައިވަނީ 16 އޮކްޓޯބަރު 2024 ގައެވެ.
ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް ހެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މައުލޫމާތު
ތިންވަނަ ކަމަކަށް، ރާއްޖޭގައި ރަޖިސްޓްރީ ކޮށްފައި އޮތް ހެކްސްޓަރ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މެލޭޝިއާގެ "ހެކްސްޓަރ ގްލޯބަލް" އާ އޮތް ގުޅުމަކީ ހަމައެކަނި ނަމުގެ އެއްގޮތް ކަމެވެ. މެލޭޝިއާ ކުންފުނީގެ އެއްވެސް ހިއްސާއެއް ރާއްޖޭގެ ކުންފުނީގައި ނެތީ ކީއްވެހެއްޔެވެ. އަދި މިފަދަ ބޮޑު ޕްރޮޖެކްޓެއްގައި ސޮއިކުރިއިރު މައިކުންފުނީގެ ލޯގޯ ބެނާގައި ޖަހާފައި ހުރިނަމަވެސް މައި ކުންފުނީގެ އެއްވެސް މީހަކު އެރަސްމިއްޔާތުގައި ބައިވެރިނުވީ ކީއްވެހެއްޔެވެ.
ހަތަރުވަނަ ކަމަކަށް، ހެކްސްޓަރ ގްލޯބަލްގެ ވެބްސައިޓުން ފެންނަން ހުރި މައުލޫމާތަށް ބަލާއިރު، އެ ކުންފުންޏަކީ ބޮޑު ކުންފުންޏެކެވެ. ކުންފުނިން ކުރާ މައިގަނޑު މަސައްކަތްތަކީ ކެމިކަލް ފާމިން އާއި ފާޓިލައިޒަރ ޕްރޮޑަކްސް އުފެއްދުމެވެ. މީގެ އިތުރުންވެސް އެކި ދާއިރާތަކުގައި ވިޔަފާރި ކުރިނަމަވެސް، އިމާރާތްކުރުމުގެ މިފަދަ ޕްރޮޖެކްޓެއް މެލޭޝިޔާ ގައިވެސް އަދި މެލޭޝިޔާއިން ބޭރުގައިވެސް މިވީހާތަނަށް ހިންގާފައެއް ނުވެއެވެ.
ފަސްވަނަ ކަމަކަށް، މެލޭޝިޔާއިން ބޭރުގައި އެކުންފުނިން މަސައްކަތް ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ ނަމެއް ނެތެވެ. އެކުންފުނިން މަސައްކަތް ކުރާ ގައުމުތަކުގެ ތެރޭގައި އިންޑޮނޭޝިއާ، ޕާކިސްތާނު، ސްރީލަންކާ، އޮސްޓްރޭލިއާ އަދި މެދުއިރުމަތި ހިމެނެއެވެ. އެ ވާހަކަ އެކުންފުނީގެ ވެބްސައިޓްގައި އޮތްއިރު އެ ގައުމުތަކުގައިވެސް ކުރަނީ އެކުންފުނީގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި މަސައްކަތްތަކެވެ.
މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ވެބްސައިޓްގެ ސްކްރީން ޝޮޓެއް
ހަވަނަ ކަމަކަށް، މިފަދަ ބޮޑު މަޝްރޫއެއް ބަޔަކާ ހަވާލުކުރިއިރު، މަސައްކަތުގެ އަގަކާއި މަސައްކަތް ކުރިއަށްދާނެ ގޮތުގެ މައުލޫމާތު ރަސްމީގޮތުން އާންމު ނުކުރުމަކީވެސް ސުވާލު އުފެދޭ ކަމެކެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި މަޝްރޫއުގެ ޖުމްލަ އަގަކީ 36 މިލިޔަން ޑޮލަރު، ރުފިޔާއިން ބަލާނަމަ 555 މިލިޔަނަށްވުރެ ގިނަ ރުފިޔާއެވެ. މުއްދަތުގެ ވާހަކަވެސް ރަސްމީކޮށް އާންމުކޮށްފައެއް ނުވެއެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޝްރޫއުގެ މުއްދަތަކީ 2 އަހަރާއި 6 މަހެވެ.
ހަތްވަނަ ކަމަކަށް، ކައުންސިލް އިދާރާތަކުގެ ޑިޒައިނާއި ސައިޒަކީ ކޮބައިކަންވެސް އާންމު ނުކުރުން ހިމެނެއެވެ. އެކި ރަށްރަށުގައި އެކި ސައިޒުގެ ކައުންސިލް އިމާރާތްތައް ބިނާކުރާނެ ކަމަށް ގަބޫލުކުރެވުނަސް، އެތަނަކަށް ހިނގާނެ ޚަރަދު ބިނާވެފައި އޮންނާނީ ސައިޒާއި ޑިޒައިންގެ މައްޗަށެވެ.
މިފަދަ ސުވާލުތައް އާންމުން އުފައްދައި އާންމުކުރަން ފެށުމުން ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް މިނިސްޓަރު އިއްޔެ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
"ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން އިމާރާތްކުރާ ކައުންސިލްތައް އިމާރާތްކުރަނީ މެލޭޝިއާގެ ކޮމްޕެނީ، ހެކްސްޓަރ ގްލޯބަލް އެސްޑީއެން ބީއެޗްޑީ އިން ރާއްޖޭގެ ޚަރަދުގައި، ރާއްޖޭގެ މަސައްކަތްކުރާ މީހުންގެ ބޭނުން ހިފައިގެން. އެޑްވާންސްކޮށް ހެކްސްޓަރ އަކަށް ފައިސާއެއް ނުދޭނެ. ހެކްސްޓަރ އަށް ސަރުކަރުން ފައިސާ ދޭންޖެހޭނީ އިމާރާތް ނިންމައި، ފަރުނީޗަރު ހަމަކޮށްދިނުމަށްފަހު، ކައުންސިލް ހުޅުވާތާ 3 މަސް ފަހުން. މި ޕްރޮޖެކްޓުން ދިވެހިންނަށް މަސައްކަތް ލިބޭނެ. ހެކްސްޓަރ މޯލްޑިވްސް އަކީ މެލޭޝިއާގެ ހެކްސްޓަރ ގްރޫޕް އޮފް ކޮމްޕެނީޒް އިން މި މަސައްކަތް ރާއްޖޭގައި ހިންގުމަށްޓކައި އުފެއްދި ކޮމްޕެނީ. ޕްރޮޖެކްޓްގެ ކަންކަން ޓްރާންސްޕޭރަންޓް ވާނެ." މިނިސްޓަރު ލިޔުއްވާފައި ވެއެވެ.
މިނިސްޓަރުގެ ވާހަކައަށް ގިނަބަޔަކު ވަނީ ސުވާލު އުފައްދައި ކޮމެންޓް ކޮށްފައެވެ. އޭގެތެރެއިން އެއް ބޭފުޅަކީ މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަޙްމަދު މުޢިއްޒު އެވެ. އޭނާ ވިދާޅުވެފައިވަނީ ޓްރާންސްޕޭރަންޓް ވުމަކީ އަގުތަކުގެ ތަފުސީލު ހާމަކުރެއްވުން ކަމަށެވެ. އަދި އަގު ހާމަކުރެއްވުމަށް އޭނާ ގޮވާލައްވާފައިވެސް ވެއެވެ.
ރަސްމީކޮށް އާންމުކޮށްފައި ނުވިނަމަވެސް، ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ އަގު ކަމަށްވާ 36 މިލިޔަން ޑޮލަރު، 555 މިލިޔަން ރުފިޔާގެ މަގުން ހިސާބު ހަދައިފިނަމަ، ކައުންސިލް އިމާރާތަކަށް އެންމެ މަދުވެގެންވެސް 10 މިލިޔަން ރުފިޔާ ޖެހޭނެއެވެ. އެކި ކައުންސިލްތަކުގެ އިދާރާ ހުންނާނީ އެކި ސައިޒަށް ކަމަށްވެފައި، އެކި ރަށުގެ ކައުންސިލް އިމާރާތްކުރުމަށް ހިނގާނީ އެކި އަދަދުކަން ޔަގީނެވެ. މިސާލެއްގެ ގޮތުން ބަލާނަމަ، އއ.ފެރިދޫ ކައުންސިލްގެ އާ އިމާރާތް އެޅުމަށް ކޮންޓްރެކްޓަރ އާ ހަވާލުކުރީ 2022 އޮކްޓޯބަރު 31 ގައެވެ. އެ އިމާރާތް ނިންމައި ހުޅުވީ 2023 ނޮވެމްބަރު 16 ގައެވެ. 80 މީހުންގެ ޖާގައިގެ ކޮންފަރެންސް ހޯލަކާއި، 16 މީހުންގެ ޖާގައިގެ މީޓިންރޫމް އެއް ހިމެނޭ މި އިމާރާތުގެ ފަރުނީޗަރާއެކު ޖުމްލަ އަގަކީ 5.5 މިލިޔަން ރުފިޔާއެވެ. (މިއީ ލޯކަލް ގަވަރމަންޓް އޮޓޯރިޓީ ވެބްސައިޓްގައިވާ މައުލޫމާތެވެ.)
މިފަދަ ބޮޑެތި މަޝްރޫއުތަކަށް ލޯނުދޫކުރާ ފަންޑިންގ އެޖެންސީތައް ދުނިޔޭގައި ހުރެއެވެ. އަދި އެފަދަ ބައެއް އެޖެންސީތަކަކީ ރާއްޖެފަދަ ކުދި ގައުމުތަކުގެ ތަރައްގީއަށް އިސްކަންދޭ އެޖެންސީތަކެވެ. ދިވެހިރާއްޖޭގެ 55 ރަށުގައި ކައުންސިލް އިމާރާތް ކުރުމަށް ދިވެހި ސަރުކާރާއެކު ވެފައި އޮންނަ އެއްބަސްވުން ދައްކައިގެން ޕްރޮޖެކްޓަށް ފައިނޭންސް (ކުޑަ އިންޓްރެސްޓްގައި ލޯނު) ހޯދޭނެއެވެ.
ކޮންމެއަކަސް، މި މަޝްރޫއާ ގުޅޭގޮތުން މިހާތަނަށް ސަރުކާރުން އާންމުކޮށްފައި ހުރި މައުލޫމާތާއި، އެކި ގޮތްގޮތުން ލިބެންހުރި މައުލޫމާތަށް ބަލާއިރު މިކަމުގައި އަޑިނޭނގޭ ކަންތައްގަނޑެއް އެބައުޅެއެވެ. އަދިވެސް އުފެދޭ ސުވާލުތައް ބައިވަރެވެ. ބައެއް މީހުން ދެކޭ ގޮތުގައި މިއީ ބޮޑު ސްކޭމް އެކެވެ.