
އެމްޑީޕީން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ލަތީފް ވިދާޅުވީ "ރަންރީނދޫ"ގެ ނަމުގައި ބާއްވާ މި ހަރަކާތަކީ މުޅި ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތެއް ކަމަށާ، ހުޅުމާލޭ ސެންޓަރަލް ޕާކު ވަށައި އޮންނަ މަގުގައި ދުވުމެއް މިމަހުގެ 18 ވަނަ ދުވަހުގެ ހަވީރު 4:00ން 6:00ށް ބާއްވަން ނިންމާ އެކަމަށް ހުއްދައަށް އެދި އެޗްޑީސީއަށް ފޮނުވުމުން އެކަމަކީ ސިޔާސީ ހަރަކާތެއް ކަމަށް ބުނެ ހުއްދަ ދިނުމަށް އެޗްޑީސީން އިންކާރުކުރިކަމަށެވެ.
އަދި އެއަށްފަހު، ހުޅުމާލޭ ފޭސް-2 ގައި އޮންނަ ރުށްގަނޑު ސަރަހައްދުގައި މި ހަރަކާތް ބޭއްވުމަށް ހުއްދަދިން ނަމަވެސް، މި ދުވުން ސެންޓްރަލް ޕާކު ވަށައި މަގުގައި ކުރިއަށް ގެންދިއުމަށް އެދި ދެވަނަ ފަހަރަށް ވެސް ސިޓީ ފޮނުވި ކަމަށާ، އަދި އެސިޓީގައި، މިއީ ސިޔާސީ ގޮތުން ބާއްވާ ހަރަކާތެއް ނޫން ކަމާއި، މި ހަރަކާތުގެ ހުރިހާ އިންތިޒާމެއް ތަފްސީލުކޮށް ކިޔައިދީފައިވާނެ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ. އެހެން ނަމަވެސް އެޗްޑީސީއަށް އެކަމަށް ހުއްދަ ދެވެން ނެތް ކަމަށްބުނެ، މި ހަރަކާތަށް ސަރުކާރުން ވަނީ ހުރަސް އަޅާފައި ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ސަރުކާރުން މި ހަރަކާތަށް ހުރަސްއަޅަން މަސައްކަތްކުރުމުން، މި މަހުގެ 25 ވާ ހުކުރު ދުވަހު މާލޭގެ މަޖީދީމަގުގައި ދުވުމުގެ ހަރަކާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
އަދި އެދުވަހުގެ ހަވީރު 4:00 ގައި އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ މި ދުވުން ނިންމުމަށް ހަމަޖެހިފައިވަނީ އިރުއޮއްސި 6:00 އަށް ރަސްފަންނަށެވެ.
ހުރިހާ ރައްޔިތުންނަށް ވެސް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިގެން އެމްޑީޕީން ކުރިއަށްގެންދާ މި ރަންރީނދޫ ދުވުމުގައި ބޭނުންކުރާ ދަންމަރަކީ އެމްޑީޕީން މި ރާއްޖެއަށް ކޮށްދީފައިވާ އެކިއެކި މަސައްކަތްތަކާއި، ހިދުމަތްތަކުގެ އިތުރުން ތަރައްގީ ރަމްޒު ކޮށްދޭ ދަންމަރެއް ކަމަށެވެ.
މި ދުވުމުގެ ހަރަކާތުގެ އިތުރުން ވެސް އެމްޑީޕީއަށް 20 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް މުޅި އަހަރުދުވަހަށް ބާހާލައިގެން ކުރިއަށްގެންދާއިރު، މި ހަރަކާތްތައް ވަނީ މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލާފައެވެ. އަދި މިހާރު ވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވާކަން ވެސް ފާހަގަކޮށްލެވެއެވެ.




