ނ. ވިހަފަރާއި އެ ސަރަހައްދު.--
ވިހަފަރު އެއާޕޯޓްގެ ފަސްމަންޒަރު
މުޙައްމަދު އަބްދުالله ޝަފީޤް 23 ޖުލައި 2025 (ބުދަ)   13:34
ނ.ވެލިދޫ އާއި ނ.ހޮޅުދޫ އާ ދޭތެރޭގައި އޮންނަ ބޮޑު ފަޅު، ވިހަފަރުގައި އެއާޕޯޓެއް އެޅުމުގެ ވައުދަކީ ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގައި ވެވަޑައިގެންނެވި ވައުދެކެވެ. އެ މަނިކުފާނު އެ ވައުދު ވެވަޑައިގެންނެވިއިރު ވިހަފަރު އޮތީ ވެލިދޫ ކައިރީ އޮންނަ ނ.ރާފުށި ރިސޯޓަކަށް ތަރައްގީކުރަން ދޫކުރި އެއްބަސްވުމުގައި ހިމަނާފައެވެ.

ރާފުށީގެ އެއްބަސްވުން ވިހަފަރާއެކު ހެދީ ރައީސް ޔާމީންގެ ވެރިކަމުގައި 2015 ވަނަ އަހަރު އެވެ. އެހެންނަމަވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބްގެ ކެމްޕޭނުގައި ރައީސް ޔާމީން ވެލިދޫއަށް ވަޑައިގެން ވާހަކަ ދައްކަވަމުން، ވިހަފަރުގައި އެއާޕޯޓް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. "ދެން އަޅުގަނޑު ވެލިދޫއަށް އަންނާނީ ވިހަފަރު އެއާޕޯޓް މަގުން" ކަމަށް އެ ޖަލްސާގައި ޔާމީން ވިދާޅުވިއެވެ.

އެފަހަރުގެ ރިޔާސީ އިންތިޚާބް ކާމިޔާބުކުރެއްވި، އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ކެމްޕޭނަށް ވެލިދޫއަށް ވަޑައިގަތުމުންވެސް، ވިހަފަރުގައި އެއާޕޯޓް އެޅުމަށް ވެލިދޫން އެދުނެވެ. ކެމްޕޭނު ޖަލްސާގައި ކެންޑިޑޭޓް އިބޫ އެކަމަށް އިޝާރާތްވެސް ކުރެއްވިއެވެ. އެ ސަރަހައްދުގައި ރިސޯޓް ހިންގާ ފަރާތަކާ ގުޅިގެން އެއާޕޯޓާއެކު، ވިހަފަރު ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި، 2021 ވަނަ އަހަރު ވިހަފަރު ފަޅުގައި ރިސޯޓަކާއެކު އިތުރު ކުދި ރަށްތަކެއް ހިއްކާ، ކައިރި ރަށްތަކުގެ މީހުންނަށް ފަސޭހައިން ދަތުރުފަތުރުކުރެވޭނެ ސީޕްލޭން ޚިދުމަތާއެކު އެ ފަޅު ތަރައްގީކުރުމަށް މަޝްވަރާތަކެއް ކުރިއެވެ. އެ ފަޅު ހިއްކުން އެމްޓީސީސީ އާ ހަވާލުކުރަން ވާހަކަ ދެކެވި، އެމްޓީސީސީން އެފަޅު ބަލަންވެސް ބެލިއެވެ.

އެހެންނަމަވެސް ވަކި ހިސާބަކުން އެނގުނު ގޮތުގައި ވިހަފަރު އޮތީ ރާފުށީގެ އެއްބަސްވުމުގައި ހިމަނައި، ރާފުށީގައި ތަރައްގީކުރާ ރިސޯޓުގެ ސީޕްލޭން އޮޕަރޭޝަންތަކުގައި ބޭނުންކުރަން ކަމަށް ބުނެ ދޫކޮށްފަ އެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތެރޭގައި ހިމެނޭ މިމުއާމަލާތުގައި ވިހަފަރު ހިމެނޭކަން ސަރުކާރުގެ ސަމާލުކަމަށް އައީ މާފަހުންނެވެ. އެ އެއްބަސްވުން އެގޮތަށް ހަދާފައި ވަނީ 2015 އެޕްރީލް 23 ގައެވެ.

ރައީސް ޔާމީން ވެރިކަމުގައި ރާފުށި ވިއްކާލީ، 2010 ވަނަ އަހަރު ސަރުކާރުން ހުޅުވާލި އާންމު ބީލަމަކުން ކާމިޔާބުކުރި އެގްޒޯޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑްގެ އެއްބަސްވުން ބާތިލުކޮށް، އެމްއެމްޕީއާރުސީގެ ދަށަށް ރަށް ބަދަލުކުރުމަށްފަހު އެވެ. އެއީ އޭރު ގާނޫނަށް ގެނައި ބަދަލެއްގެ ތެރެއިން ކަންކުރަމުން އައި ގޮތެވެ. އެމްއެމްޕީއާރުސީން ރާފުށި 50 އަހަރަށް ކުއްޔަށްދިނީ އޭސް ރިޒޯޓްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ރިސޯޓް ހިންގާ ސްރީ ލަންކާގެ އަދާރަން އާ ގުޅިފައިވާ ފަރާތެކެވެ. އެފަރާތަށް ރާފުށި ދިނީ އެއްވެސް ބިޑަކާ ނުލައި ވިހަފަރާވެސް އެކުގައެވެ. ވިހަފަރު ފަޅު ދިނީ ސަރުކާރަށް އެއްވެސް ފައިސާއެއް ނުލިބޭ ގޮތަށެވެ. އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އާންމުކުރި ތަހުގީގު ރިޕޯޓުގައި އެކަން ފާހަގަކޮށްފައި އޮތެވެ.

ރާފުށީގައި ރިސޯޓެއް ތަރައްގީކުރުމަށް އޭސް ރިސޯޓްސް އިން އެއްވެސް މަސައްކަތެއް ނުކޮށް ބާއްވާފައި، ރައީސް އިބޫގެ ވެރިކަމުގެ ފަހުކޮޅު، ރާފުއްޓާ ގުޅޭ ހުރިހާ ހައްގެއް އޭސްއިން ވިއްކާލީ ލެޝާ ސޭންޑްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެއީ ސިންގަޕޫރުގެ ހޮޓެލްސް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް) އިން ހިއްސާވާ ކުންފުންޏެކެވެ. އެޗްޕީއެލްއަކީ ސިންގަޕޫރުގެ ބިލިއަނަރު އޮންގް ބެންގް ސެންގްގެ ކުންފުންޏެކެވެ. މި މުއާމަލާތް ހިންގިއިރު ރާފުށްޓާއި ވިހަފަރު ވަކިކުރަން ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެގޮތަށް ހަދާނަމަ، ބަދަލު ދޭން ޖެހޭނެ ކަމަށް ވާހަކަ ދެކެވުނީމައާއެކު އެކަން ކާމިޔާބުވާ ގޮތެއް ނުވެއެވެ.

ޑރ. މުޙައްމަދު މުއިއްޒު ރިޔާސީ ކެމްޕޭންގައި، ވެލިދޫގައި ވާހަކަ ދައްކަވަމުން ވިހަފަރުގައި އެއާޕޯޓެއް އަޅައިދޭނެ ކަމަށް ވިދާޅުވަމުން ވިހަފަރު އޮތީ "ރިސޯޓު ޕްރޮޖެކްޓަކާ ގުޅިގެން ބަޔަކާ ހަވާލުކޮށްފައި ކަމަށާ، އެ ފަޅު ގާނޫނީ ހަމަތަކުގެ މަތިން ބަދަލުކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރަން." ކަމަށް ވިދާޅުވިއެވެ. އަދި އެ ފަޅު އަނބުރާ ސަރުކާރަށް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށާއި އެ ފަޅު ސަލާމަތް ކުރެވިއްޖެ ނަމަ ވިހަފަރުގައި އެއާޕޯޓް ތަރައްގީ ކުރާނެ ކަމަށް ރައީސް އެދުވަހު ވިދާޅުވިއެވެ.

މި ސަރުކާރުން އަލަށް އެއާޕޯޓު އަޅަން ނިންމި ރަށްރަށާއި ފަޅުތަކުގެ ތެރޭގައި ވިހަފަރު ހިމަނައި، 2024 ގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރު އިއުލާނު ކުރެއްވި އެވެ. ނަމަވެސް މި ސަރުކާރުގައި މި ވޭތުވެދިޔަ މުއްދަތުގައި އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް އަދި ނުކުރެއެވެ. އަދި މި އަހަރުގެ މެއި 3 ގައި ރައީސް ބޭއްވި ޕްރެސް ކޮންފަރެންސްގެ ކުރިން ދެއްވި ޕްރެޒެންޓޭޝަންގައި އެއާޕޯޓް އަޅާ ރަށްތައް ދެއްކި އިރު އެ ރަށްތަކުގެ ތެރޭގައި ވިހަފަރު ނުހިމެނެއެވެ.

އެހެންނަމަވެސް، ރައީސް މުއިއްޒު މިހާރު ނ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ރޭ ހޮޅުދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގާ ވިހަފަރުގައި އެއާޕޯޓް ތަރައްގީ ކުރާނެ ވާހަކަ ވިދާޅުވިއެވެ.  

"ވެލިދޫ ކައިރީގައި އޮންނަ ވިހަފަރުގަ އެއާޕޯޓެއް އެޅުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް އަޅުގަނޑު ނިންމާފައިވާކަން ތިބޭފުޅުންނަށް މި ޖަލްސާގައި އަޅުގަނޑު އިއުލާންކުރަން. އޭގެ ފައިދާ މިރަށާ، ވެލިދޫ، ފޮއްދޫ ދެން މިތާކައިރި ރިސޯޓްތައް ހުރުމާއެކު އިޤްތިޞާދީ ފައިދާކުރާނެ." ރައީސް ވިދާޅުވިއެވެ.

އަންނަ އަހަރު އަމަލީ މަސައްކަތް ފަށައި އެންމެ ގިނަ ވެގެން ދެ އަހަރުގެ ތެރޭގައި ވިހަފަރު އެއާޕޯޓު ނިންމާނެ ކަމަށް ރައީސް ރޭ ވިދާޅުވި ނަމަވެސް އަދިވެސް ވިހަފަރު ފަޅު އަނބުރާ ސަރުކާރަށް ހޯދާފައެއް ނުވެއެވެ.

އެހެނަސް، ރައީސް މުއިއްޒު ވިދާޅުވެފައިވާ ވާހަކަތައް ހަގީގަތަކަށް ހައްދަވަން އެމަނިކުފާނު ބޭނުންފުޅުނަމަ، ވިހަފަރުފަޅު އަނބުރާ ސަރުކާރަށް ހޯދުމަކީ ނުކުރެވޭނެ ކަމެއް ނޫނެވެ. އަދި ރައީސް އެ ވިދާޅުވި ގޮތަށް ދެ އަހަރު ތެރޭގައި އެ ފަޅުގައި އެއާޕޯޓް ތަރައްގީ ކުރުމަކީވެސް ނުވާވަރުގެ ކަމެއް ނޫނެވެ.

ކޮމެންޓް