ރަންރީނދޫ ދުވުމަށްފަހު ދުވުމުގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިގެން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީގެ "ރަން ރީނދޫ" ދުވުން ބާއްވައިފި
ފިޔެސް 1 އޯގަސްޓް 2025 (ހުކުރު)   20:00
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭވި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ރަން ރީނދޫ" ދުވުން ކުރިއަށް ގެންގޮސްފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި މިއަދު ހަވީރު 5:00 ގައި ދުވުން ފެށުނީ ހާއްސަ ދަންމަރަކާއެކު އެވެ. އެމްޑީޕީން ބުނެފައިވަނީ، އެއީ އެމްޑީޕީން ވޭތުވެދިޔަ 20 އަހަރު ދިވެހިންނަށާއި ރާއްޖެ އަށް ކޮށްދީފައިވާ އެކިއެކި ހިދުމަތްތައް އަދި ގެނެސްދީފައިވާ ތަރައްގީ ރަމްޒު ކޮށްދޭ ދަންމަރެއް ކަމަށެވެ.

"ރަން ރީނދޫ" ދުވުމުގެ ބޭނުމަކީ، އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން އެ ޕާޓީގެ އެއްބައިވަންތަކަން ދައްކާލުމެވެ. މި ދުވުން ކުރިއަށް ގެންދިޔައީ ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގެ އެއް ލޭނުގައެވެ. އެ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން ވެސް ހަރަކާތްތެރިވެފައިވެއެވެ.

މި ދުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ހިމެނޭހެން ޕާޓީގެ ގައުމީ މަޖިލިސް މެންބަރުންނާއި ގިނަ އަދަދެއްގެ އާންމު މެންބަރުންވެސް ބައިވެރިވިއެވެ.

your imageރަންރީނދޫ ދުވުމުގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ 

މި ހަރަކާތް އެންމެ ފުރަތަމަ ބާއްވަން އެމްޑީޕީން ނިންމީ މިދިޔަ މަހުގެ 18ގައެވެ. ނަމަވެސް، ހުޅުމާލެ ސެންޓްރަލް ޕާކުގައި ސިޔާސީ ހަރަކާތްތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ހުއްދަ ނުދިނުމުގެ ސަބަބުން އެ ދުވުން މާލޭ މަޖީދީމަގުގައި މިދިޔަ މަހުގެ 25ގައި ބޭއްވުމަށް ނިންމައި އިއުލަންކުރިއެވެ.

އެހެންނަމަވެސް، އެ ނިންމުން ބަދަލުކުރީ މިއަދު ސެންޓްރަލް ޕާކުގައި ދުވުން ބޭއްވުމަށް ފުލުހުން ފުރުސަތު ދިނުމުންނެވެ.

މި ދުވުމުގެ ހަރަކާތުގެ އިތުރުން ވެސް އެމްޑީޕީއަށް 20 އަހަރުފުރުން ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ތަފާތު އެކި ހަރަކާތްތައް މުޅި އަހަރުދުވަހަށް ބާހާލައިގެން ކުރިއަށްގެންދާއިރު، މި ހަރަކާތްތައް ވަނީ މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް ބަހާލާފައެވެ. އަދި މިހާރު ވެސް ތަފާތު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައި ވާކަން ވެސް ފާހަގަކޮށްލެވެއެވެ.

އެމްޑީޕީއަކީ 2003 ވަނަ އަހަރު ފެށުނު އިސްލާހީ ހަރަކާތަށްފަހު ރާއްޖޭގައި އެންމެ ފުރަތަމަ ރަޖިސްޓްރީކުރި ސިޔާސީ ޕާޓީ އެވެ. އެ ޕާޓީގައި 40،000 އަށް ވުރެ ގިނަ މެންބަރުން މިހާރު އެބަތިއްބެވެ.

ކޮމެންޓް