
އެ ސުވާލު އެގޮތަށް ކުރެވެނީ ސަބަބުތައް ވެސް ހުރީމައެވެ. ލޯކަލް ޓޫރިޒަމް ހިންގާ ގިނަ ރަށްރަށުގައި ކުނި ނައްތާލުމުގެ މައްސަލަ ބޮޑެވެ. ރަށް ގިރުމާއި ތަފާތު އެހެން ތިމާވެށީގެ މައްސަލަތައް ބޮޑުވެގެން ދާއިރުވެސް އެކަންކަމަށް ދެވޭ ސަމާލުކަން ކުޑައެވެ. އެ ޝަކުވާ އެ ރަށްރަށުގެ ރައްޔިތުންގެ އިތުރުން އެ ރަށްރަށަށް ޒިޔާރަތްކުރާ މީހުންވެސް ކުރެއެވެ.
މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ގްރީން ޓެކްސްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ މިއަހަރު ދައުލަތަށް ލިބިފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި މިދިޔަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނީ 587 މިލިއަން ރުފިޔާއެވެ. އެހެންކަމުން މިއީ ކުރީ އަހަރަށްވުރެ 563.4 މިލިއަން ރުފިޔާ އިތުރު އަދަދެއްކަން ފާހަގަކޮށްލެވެއެވެ.
ގްރީން ޓެކުހަކީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުތަކަށް އަންނަ ފަތުރުވެރިންގެ އަތުން ނެގޭ ޓެކުހެކެވެ. މި ޓެކުހަކީ ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަމާޒުކޮށް ތިމާވެށީގެ މައްސަލަތައް ހައްލުކޮށް، އެފަދަ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް، 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނަގަން ފެށި ޓެކުހެކެވެ.
ފަތުރުވެރިއަކު ރާއްޖޭގެ ޓޫރިސްޓް ފެސިލިޓީއެއްގައި ހުންނަ ކޮންމެ ދުވަހަކަށް، ބޮލަކަށް ވަކިވަރެއް ދައްކަންޖެހޭއިރު އެކަމަށް ކަނޑައެޅިފައިވާ ރޭޓުތައް ތިރީގައި އެވަނީ އެވެ:
ޓޫރިސްޓް ރިޒޯޓް - 12 ޑޮލަރު.
އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓް - 12 ޑޮލަރު.
ޓޫރިސްޓް ހޮޓާ - 12 ޑޮލަރު.
ރިޒޯޓް ހޮޓާ - 12 ޑޮލަރު.
ހޮޓާ (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) - 12 ޑޮލަރު.
ހޮޓާ (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ހޮޓާތައް) - 6 - ޑޮލަރު.
ޓޫރިސްޓް އުޅަނދު - 12 ޑޮލަރު.
ޓޫރިސްޓް ގެސްޓްހައުސް (މީހުން ދިރިނޫޅޭ ރަށެއްގައި ހުރި، ނުވަތަ، 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) - 12 ޑޮލަރު.
ޓޫރިސްޓް ގެސްޓްހައުސް (މީހުން ދިރިއުޅޭ ރަށެއްގައި ހުރި 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ގެސްޓްހައުސްތައް) 6 - ޑޮލަރު.
އެ ނޫން ވެސް އެފަދަ ތަންތަން - 12 ޑޮލަރު. މިއެވެ.
މި ޓެކްސް އިން އިސްތިސްނާ ވަނީ އުމުރުން ދެ އަހަރު ނުވާ ކުޑަކުދިން އެކަންޏެވެ. އެހެންކަމުން މި ޓެކުހުން އެކަނި ވެސް މިވަރުގެ ބޮޑު އާމްދަނީއެއް ދައުލަތަށް ލިބުނު ނަމަވެސް، އެކަމުގެ މަންފާ، އެ ޓެކްސް ގިނަ އަދަދަކަށް ދައްކާ ރަށްރަށަށް ނުކުރާކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ލޯކަލް ޓޫރިޒަމް ފުޅާ ދާއިރާއެއްގައި ހިންގަމުން އަންނަ ރަށްރަށުގެ ކުނި މެނޭޖް ނުކުރެވި ރަށުގެ ތިމާވެށި ތަޣައްޔަރުވަމުން ދާ ދިއުމުގެ ޝަކުވާއަކީ އެންމެބޮޑު އެއް ޝަކުވާކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން ބަލާއިރު، ރާއްޖޭގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާދާއިރާއެއްގައި ހިންގަމުން އަންނަ ރަށްތަކުގެ ތެރެއިން މާފުއްޓާއި ތޮއްޑޫގައި ވެސް ކުނި މެނޭޖްކުރުމުގެ ކަންކަން ދަނީ ބޮއްސުންލަމުން ކަން ފާހަގަކޮށްލެވެއެވެ. އަދި ކުނި މެނޭޖްނުކުރެވުމުގެ އިތުރުން އެ ދެރަށުގައި ވެސް ރަށް ގިރުމުގެ، ނުވަތަ ބޭރުތޮށި ހަލާކުވެގެން ދިޔުމުގެ ޝަކުވާ ވެސް ބޮޑެވެ.
ތޮއްޑޫއިން ފިޔެސްއާ ވާހަކަދެއްކި ގެސްޓުހައުސްގެ ވެރިޔަކު ބުނީ އެރަށުގައި ކުނި މިހާރު ވެސް މެނޭޖްކުރަމުން އަންނަނީ ހާމަކަންބޮޑުކޮށް ރަށުގެ އިރު ދެކުނުފަރާތު ސަރަހައްދެއްގައި އަންދައިގެން ކަމަށާ، އެހެންކަމުން ވައި ބާރު ދުވަސްވަރު، ރަށުތެރެއަށް ދުމުގެ އަސަރު ވަރަށްބޮޑަށް ފޯރަމުން އަންނަ ކަމަށެވެ. އަދި އެކަމުގެ ޝަކުވާތައް ފަތުރުވެރިން ކުރަމުން އަންނަކަމަށެވެ.
އަދި ކުނި އެންދުމުގެ މަސައްކަތް ވެސް އެކަށީގެންވާ ގޮތަކަށް ނުގެންދެވިގެންދާ ދުވަސްތަކުގައި، ކުނި ކޮށީގައި މެހި އާލާވެ، އެ މެހިތަކުގެ އުނދަގޫ ރަށުތެރެއަށް ވެސް ފޯރަމުން އަންނަ ކަމަށާ، އެފަދަ ފަހަރުތަކުގައި ރަށުތެރޭގައި ނުބައި ވަސް އަށަގަނެ، ތަފާތު ރޯގާތައް ވެސް ރަށުތެރޭގައި ގިނަވެގެން އަންނަކަމަށް ވެސް ތޮއްޑޫއިން ފިޔެސްއާ ވާހަކަދެއްކި މީހާ ބުންޏެވެ.
ތޮއްޑޫގެ އިތުރުން މާފުށީގައި ވެސް މި މައްސަލަތައް ދޭތެރެ ދޭތެރެއިން ބޮޑުވެ މީސްމީޑިއާގައި ވެސް އެފަދަ ފޮޓޯތައް ދައުރުވަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. އަދި އެކަންކަމަށް އާންމުންގެ އިތުރުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން ވެސް މީސްމީޑިއާގައި ވަރަށްބޮޑަށް ފާޑުކިޔަމުން އަންނަކަން ފާހަގަކޮށްލެވެއެވެ.
މިފަދަ ތިމާވެށީގެ މައްސަލަތައް ބޮއްސުންލައިގެން ގޮސް ފަތުރުވެރިންނަށާއި ރަށްރަށުގެ ރައްޔިތުންނަށް އެކިއެކި ގެއްލުމާއި އުނދަގޫތައް ފޯރަމުން ދިޔަނަމަވެސް، އަދިވެސް އެފަހަރު ފާހަގަކޮށްލެވޭނީ ދައުލަތަށް ގްރީން ޓެކްސްގެ ގޮތުގައި މިއަހަރުގެ މިހާ ހިސާބަށް 1.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މާލީ ވުޒާރާއިން ހާމަކުރާކަމެވެ. އެ ފައިސާ ބޭނުންކުރެވެނީ ކޮން ކަމަކަށްތޯ އެއީ މިއަދު އުފެދޭ ސުވާލެކެވެ.




