
ފިޔެސްއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުޖާ ވަނީ، އޭނާ ހިމެނޭ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަކިކޮށް މަޖިލީހުގެ އެހެން ކޮމިޓީއަކަށް ބަދަލުކޮށްފައެވެ. ޝުޖާއު ބަދަލުކުރީ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ކަމަށާ، ޝުޖާއުގެ ބަދަލުގައި އެ ކޮމިޓީއަށް ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
އެމްއެމްއޭ އިން ޝުޖާއުގެ މައްސަލަތަކެއް ބަލަން ފެށީ ރައީސް މުއިއްޒު ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަވާލުކުރި ސިވެކް އިން އެ މަސައްކަތް ސަބް ކޮންޓްރެކްޓް ކުރި ތިން ކުންފުންޏަށް ފައިސާ ދޫކުރުމުގެ މުއާމަލާތަށް ފަހު އެވެ.
އެފްއައިޔޫ އިން ފުލުހުންނަށް ފޮނުވާފައިވާ ކަމަށް ބުނާ އިންޓެލިޖެންސް ރިޕޯޓު، މީސްމީޑިއާގައި ނުފޫޒު ވަރުގަދަ ވިސްލް ބްލޯވަރއެއްގެ ދައުރު އަދާކުރާ "ހަސަން ކުރުސީ" ހޮނިހިރު ދުވަހު ލީކު ކޮށްލާފައިވާ އިރު، އެ ރިޕޯޓްގައި ވާގޮތުން ޝުޖާއުގެ އޮފިޝަލް އިވެންޓްސްއާ އެކު އިތުރު ހަތަރު ކުންފުންޏަކުން މުއާމަލާތްކޮށްފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ސްވޯން ފެމިލީ އާއި ސްޓޯ ޕްރޯސް ޓްރޭޑިން އާއި ކުއިކް ޝުއާ އަދި ޑީކިއު ހޯލްޑިންސް އެވެ.
އަދި މިއީ ޝުޖާއުގެ އިތުރުން އޭނާގެ އާއިލާއާ ގުޅުން އޮންނަ ބައެއް ކަމަށްވާ، މިހާރު ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި މުޙައްމަދު ނާފިޒާއި، ޕީއެސްއެމް ބޯޑުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ އަޙުމަދު އަދުހަމްއާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ކަމަށް ބުނާއިރު،23.03 މިލިއަން ރުފިޔާގެ ބޮޑު އަގަކަށް ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތުގެ މަސައްކަތްތައް ސިވެކް އަށް ހަވާލު ކުރީ ވެސް ގާނޫނުގެ ނާޖާއިޒް ބޭނުން ހިފައިގެން ކަމަށް ބެލޭ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.
އާންމުވެފައިވާ ލިޔުންތަކުން ފެންނަ ގޮތުގައި ނޮވެމްބަރު 1، 2023 އިން ޖެނުއަރީ 2024 އަށް ޝުޖާއު އާއި އާއިލާގެ މި ދެ މެންބަރުންގެ ހިއްސާ އޮންނަ ކުންފުނިތަކަށް ސަރުކާރުގެ އެކި އިދާރާތަކުން 42.5 މިލިއަން ރުފިޔާ އެކި އިވެންޓުތަކާ ގުޅުވައިގެން ދީފައިވެ އެވެ.
ލީކުވެފައިވާ ރިޕޯޓުގައި ބުނާގޮތުން، އޮފިޝަލް އިވެންޓްސްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝުޖާޢު ވަނީ އައު ސަރުކާރުގެ އިންތިގާލީ މަރުޙހަލާގައި، އިންތިހާބީ ރައީސްގެ އޮފީހުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މި ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމާ ގުޅޭ ގޮތުން ސިވެކާއި ރައްޔިތުންގެ މަޖިލިހުގެ އިދާރާ އާއެކު ބޭއްވުނު ބައްދަލުވުންތަކުގައި ބައިވެރިވެ އިސްކޮށް ހަރަކާތްތެރިވެފައިވާ ކަމަށާ، އެކަމުގެ ސަބަބުން އޭނާ އަށް ބޮޑު މާލީ ފައިދާއެއް ލިބިފައިވެއެވެ.
މިކަމުން ތުހުމަތު ކުރެވެނީ ޤާނޫނުލްޢުޤޫބާތުގެ 151 ވަނަ މާއްދާ ގައި ބުނާ ބާރުގެ ނަހަމަ ބޭނުންކުރުމާއި، ކޮރަޕްޝަނާއި، ނުހައްގު މުއްސަނދިކަން ހޯދުން ކަމަށް ރިޕޯޓުގައި ވާއިރު، އެކަމާ ގުޅިގެން މީސްމީޑިއާގައި ޝުޖާ ކުރެއްވި ޕޯސްޓެއްގައި ތުހުމަތުކުރެއްވި ގޮތުގައި އެ ރިޕޯޓަކީ ސައްހަ އެއްޗެއް ނަމަ އެއީ އޭނާގެ ހިއްސާ އޮންނަ އޮފިޝަލް އިވެންޓްސް އާއި އެހެން ބައެއް ވިޔަފާރިތަކުން މަސައްކަތްތައް ކާމިޔާބު ކުރިގޮތާއި މަސައްކަތް ކުރިގޮތް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ނުވަތަ ގަސްދުގައި ހަގީގަތް އޮޅުވާލައި އޭނާ ހިއްސާވާ ވިޔަފާރިތަކަށް ގެއްލުން ދިނުމަށް ކޮށްފައިވާ ކަމެކެވެ.
"އެއީ ސައްހަ ލިޔުމެއް ނަމަ އެއީ އެ މަސައްކަތްތައް ކާމިޔާބުކުރި ގޮތާއި އެ މަސައްކަތް ކުރި ގޮތް ވަރަށް ބޮޑަށް އޮޅޭ ގޮތަށް ނުވަތަ ގަސްދުގަައި ހަގީގަތް އޮޅުވާލައި އަޅުގަނޑުގެ ހިއްސާވާ ވިޔަފާރި ކުންފުންޏަށް ގެއްލުން ދިނުމުގެ މަގުސަދުގައި ކޮށްފައިވާ ކަމެއް،" ޝުޖާއު ވިދާޅުވި އެވެ.
އަދި ޝުޖާއު ވިދާޅުވީ، ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އޭނާގެ ކުންފުނިން ރާއްޖޭގައި ކުރަނީ ކާމިޔާބު މަސައްކަތްތަކެއް ކަމަށާ، ވެރިކަމުގެ އެކި ދައުރުތަކުގައި ވެސް އެފަދަ މަސައްކަތްތައް އެކުންފުންޏާ ހަވާލުކޮށްގެން ކޮށްފައިވާނެ ކަމަށެވެ.
"މިފަދަ މަސައްކަތްތަކުގެ ބިޑުތައް އަޅުގަނޑުމެންގެ ކުންފުންޏަށް ކާމިޔާބުވެފައި ވަނީ ތަޖުރިބާ އާއި މަސައްކަތުގެ ފެންވަރު ވަރަށް ބޮޑު ތަނުން ރަނގަޅުވީމާ ކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެ ކަންކަން އަޅުގަނޑުމެންގެ މަސައްކަތްތަކުން ފެންނާނެ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާޢު އާއި އޭނާގެ ގާތް މީހުންނާއި، އެމީހުނާ ގުޅުންހުރި ކުންފުނިތަކަށް މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމުގެ މަސައްކަތުގެ ތެރެއިން ލިބިފައިވާ ބޮޑު ފައިދާގެ ތަފްސީލު ރިޕޯޓުގައި ފާހަގަ ކޮށްފައި ވާއިރު، އެ މަޝްރޫއަށް މިނިސްޓްރީ އޮފް ފިނޭންސުން ސިވެކަށް ފޮނުވި ފައިސާގެ 67% (23,074,427.23 ރުފިޔާގެ ތެރެއިން 15,496,969.41 ރުފިޔާ) އިބްރާހީމް ޝުޖާޢުގެ ކުންފުންޏަށް (އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑް) އަދި އޭނާގެ ކޮއްކޮ މުޙައްމަދު ނާފިޒުގެ ވިޔަފާރި އަށް (ކުއިކް ޝުއަރ) ޓްރާންސްފަރ ކުރެވިފައިވާ ކަމަށް ވެސް އެ ރިޕޯޓުގައި ވެއެވެ.
އަދި އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ސިވެކުން ލިބުނު ފައިސާގެ 60.87% (13,143,520.00 ރުފިޔާގެ ތެރެއިން 8,000,000.00 ރުފިޔާ) ކުންފުނީގެ ހިއްސާދާރުން ކަމަށްވާ އިބްރާހީމް ޝުޖާޢު އަދި އަޙްމަދު އަދްހަމް ދެ ލަގްޒަރީ އެޕާޓްމަންޓް ގަތުމަށް ބޭނުން ކޮށްފައިވާ ކަމަށާ، އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ފައިސާގެ 14.46% (13,143,520.00 ރުފިޔާގެ ތެރެއިގެ ތެރެއިން 901,000.00 ރުފިޔާ) އިބްރާހީމް ޝުޖާޢުގެ އަމިއްލަ އެކައުންޓަށް ޓްރާންސްފަރ ކުރެވިފައިވާ ކަމަށާއި މި ފައިސާ އޭނާގެ ދޯނި ބަނުމަށާއި އެހެނިހެން އަމިއްލަ ޚަރަދުތަކަށް ބޭނުން ކޮށްފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހުވާކުރުމުގެ ރަސްމިއްޔާތު ތައްޔާރުކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ އިތުރުން، އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑަށް ވަނީ ސަރުކާރުގެ އިދާރާތަކާއި ސަރުކާރުގެ ކުންފުނިތަކުން ގިނަ އަދަދެއްގެ ބޮޑެތި އިވެންޓް މެނޭޖްމަންޓް ކޮންޓްރެކްޓްތައް ލިބިފައިވާ ކަމަށާ، ހާއްސަކޮށް އައު ސަރުކާރު އައުމަށްފަހު ގިނަ ޕްރޮޖެކްޓްތަކެއް ދީފައިވާ ކަމަށް ބުނެ، ރިޕޯޓުގައި ތުހުމަތު ކުރަނީ ކުންފުންޏަށް މަސައްކަތް ހޯދުމުގައި ކުންފުނީގެ ވެރިން ސިޔާސީ ނުފޫޒު ވެސް ވަރަށް ބޮޑަށް ބޭނުންކޮށްފައިވާ ކަމަށެވެ.
ރިޕޯޓްގައި ވަނީ، ގައުމީ ސަލާމަތީ އޮފިޝަލުންނާއި ސަރުކާރުގެ އޮފިޝަލުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ފަދަ ނުފޫޒު ގަދަ ފަރާތްތައް އެކަމުގައި ހިމެނޭތީ އާއި، މުއާމަލާތްތައް ފޮރުވުމަށް ގިނަ ފަށަލަތަކެއް ބޭނުން ކޮށްފައިވާތީ، މި މުޢާމަލާތްތަކާއި މިކަމުގައި ޝާމިލުވާ ފަރާތްތަކާ ބެހޭ ގޮތުން ތަހުގީގުތަކެއް ހިންގަން ވެސް ޖެހޭ ކަމަށެވެ.




