
އިލެކްޝަންސް ކޮމިޝަނުން އެވޯޑުކޮށްފައިވާ ޕްރޮކިއުމަންޓާބެހޭ މައުލޫމާތު ގެޒެޓުގައި އާންމުކޮށްފައިވާއިރު ވޯޓުލާ ޓެންޓު ޖެހުމަށް ޝުޖާއުގެ ހިއްސާ އޮންނަ ކުންފުނި އޮފިޝަލް އިވެންޓްސް ޕްރައިވެޓް ލިމިޓެޑްއާ ހަވާލުކޮށްފައި ވަނީ ޖުމްލަ 4،994،848.80 މިލިޔަން ރުފިޔާ އަށެވެ.
ޝުޖާއުގެ އިތުރުން އެ ކުންފުނީގެ ބޯޑުގައި އަހްމަދު އަދުހަމް ހިމެނޭއިރު، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކީވެސް ޝުޖާއު އެވެ.
ލޯކަލް ކައުންސިލް، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓާ ގުޅޭ އިންތިހާބު އެކުގައި ބާއްވާއިރު އަތޮޅުތަކަށް ނިސްބަތްވާ ގިނަ ވޯޓް ފޮށިތަކެއް ބަހައްޓަން ހަމަޖައްސާފައިވަނީ މާލޭ ހެންވޭރު ދަނޑުގައި ގާއިމުކުރާ ޓެންޓް ގައެވެ.
އެ ޓެންޓް ރޭވުމުގެ މަސައްކަތް އޮފިޝަލް އިވެންޓްސް ގެ މުވައްޒަފުން އަންނަނީ ރެއިން ފެށިގެން ކުރަމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތު.--
އިންތިހާބުތަކަށް ކުރާ ހަރަދުގެ ގޮތުގައި ވޯޓްލާ ދުވަހުގެ ފޮޓޯ އާއި ވީޑިއޯ ނެގުމާއި ބައެއް ތަކެތި ހޯދުމުގެ މަސައްކަތްވެސް ހިމަނާފައި ވެއެވެ. އެ މަސައްކަތްތައް ހަވާލުކޮށްފައިވަނީ 'ކޯޓް މޯލްޑިވްސް ޕްރައިވެޑް ލިމިޓެޑް' ކިޔާ ކުންފުންޏަކާ އެވެ. އެ ދެ މަސައްކަތުގެ އަގަކީ 142،000 ރުފިޔާ އެވެ.
2024 ވަނަ އަހަރު ރަޖިސްޓްރީ ކޮށްފައިވާ އެ ކުންފުންޏަކީ އަހުމަދު ޒިޔާން މުހައްމަދުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެކެވެ. އޭނާ އަކީ މި ސަރުކާރުގެ ސިޔާސީ މަގާމެއް އަދާކުރަމުންދާ ބޭފުޅެއް ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ ލިޔެކިޔުންތަކުން ފެންނަ ގޮތުން ޖުމްލަ 5،136،848.8 މިލިއަން ރުފިޔާގެ މަސައްކަތް އެ މުއައްސަސާއިން ވަނީ 2026 މާރިޗު 25 ވަނަ ދުވަހު އެވޯޑުކޮށްފައެވެ.
ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު 2026 އާއި ގުޅިގެން، މާލޭގެ 3 ސަރަހައްދެއްގައި ވޯޓުލާ މަރުކަޒު ގާއިމްކުރުމަށް ޓެންޓް ޖަހައިދޭނެ ފަރާތެއް ހޯދުމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފައިވަނީ 25 ފެބްރުއަރީ 2026 ގައެވެ.




