ރައީސުލް ޖުމްހޫރިއްޔާ ގާފަރު ރައްޔިތުންނާ ބައްދަލުކުރުން - ފޮޓޯ:ރައީސްއޮފީސް
މަސްވެރިންނަށް ފައިސާ ނުދެވި ދެން ބެކްލޮގެއް ނުއުފެދޭނެ - ރައީސް މުޢިއްޒު
މާދަމާ އިން ފެށިގެން 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރަން ފަށާނެ
މުޙައްމަދު ޤާސިމް 9 ޑިސެމްބަރ 2024 (ހޯމަ)   13:14
ފިނޭންސް މިނިސްޓްރީ އަދި މިފްކޯ އާއި ބޭންކް އޮފް މޯލްޑިވްސް އާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތަނުގައި މަސްވެރިންނަށް ފައިސާ ނުދެވި ލަސްވުމުގެ ބެކްލޮގެއް ދެން ނުއުފެދޭނެކަމުގެ ޔަގީންކަން މަސްވެރިންނަށް ދެއްވާކަމުގައި ރައީސުލްޖުމްހުރިއްޔާ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކ. އަތޮޅަށަށް އެމަނިކުފާނު މިއަދު ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ގާފަރަށް ވަޑައިގެން ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވިދާޅުވީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ބެކްލޮގް މިހާރު ހުސްކުރެވިފައިވާ ކަމަށާ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓު ހުޅުވާފައިވާ ކޮންމެ މަސްވެރިއަކަށް މާދަމާ އިން ފެށިގެން 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަން ފަށާނެ ކަމަށެވެ. އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓު ހުޅުވާފައިވާ މަސްވެރިންނަށް ވެސް 48 ގަޑިއިރު ތެރޭ ފައިސާ ލިބޭނޭ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން އަންނަކަމުގައި ރައީސް މުޢިއްޒު ވިދާޅުވި އެވެ.

އަދި މި ކަމަކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބު ކެމްޕެއިންގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދެއް ކަމަށާ، އެހެންނަމަވެސް ހާލަތު އޮތް ގޮތުން އެ ވައުދު ފުއްދެވުމަކީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަންނަވާތާ ދެވަނައަށްވާ ދުވަހު ކުރެވެން އޮތް ކަމެއް ނޫން ކަމަށް ވިދާޅުވެ، މިފްކޯއަށް ވެސް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހިފައި އޮތްކަން ފާހަގަކުރައްވަމުން ރައީސް މުޢިއްޒު ވިދާޅުވީ އެ ކުންފުނީގެ އިދާރީ އިންތިޒާމުތައް ވެސް ހުރީ އެންމެ ރަނގަޅަށް ނޫންކަމަށާ އެހެންކަމުން އެއީ އެ ވައުދު ފުއްދެވުމަށް ދިމާވި ބޮޑު ގޮންޖެހުމެއް ކަމަށްވާތީ އެކަމަށް ވަގުތުނެގީ ކަމަށެވެ.

ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި މާދަމާއިން ފެށިގެން ފައިސާ ދޫކުރަން ފަށާނެކަމަށާ މަސްވެރިންނަށް ފައިސާ ނުދެވި ދެން ބެކްލޮގެއް ނުއުފެދޭނެ ކަމަށް އެ މަނިކުފާނު އިއުލާން ކުރެއްވި އިރު މާދަމާއަކީ މި އަހަރުގެ މަސްވެރިންގެ ދުވަހެވެ. އަދި ގާފަރަކީ މާލެއާ އެންމެކައިރީ ގިނަ މަސްވެރިންތަކެއް ދިރިއުޅޭ ރަށަކަށް ވާއިރު، މައި އިދިކޮޅުޕާޓީ އެމްޑީޕީން މާދަމާ ރޭ މާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު ޖަލްސާގައި ގިނަ މަސްވެރިން އެމީހުންގެ ޝަކުވާތަކާއެކު ބައިވެރިވާނެ ކަމުގެ އަޑުތައް ވެސް ދަނީ ފެތުރެމުންނެވެ.

ކޮމެންޓް