އުމުރުން 79 އަހަރުގެ އޮންގް، މިއަދު އިއުތިރާފުވީ ސިންގަޕޫރުގެ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އެސް އިސްވަރަންއަށް ޕްރައިވެޓް ޖެޓް ދަތުރެއް ހިމެނޭ ހަދިޔާތަކެއް ހުށަހެޅި ކަމަށެވެ.
މި މައްސަލައިގައި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު ގާނޫނާ ހިލާފަށް ހަދިޔާ ގަބޫލުކުރުމުގެ ދައުވާއަށް އިއުތިރާފު ވުމުން އޭނާއަށް ވަނީ، 1 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. 2024 ވަނަ އަހަރުގެ އޮކްޓޯބަރު 3 ވަނަ ދުވަހު މިނިސްޓަރަށް ހުކުމް އިއްވުމަށްފަހު، އޮންގްގެ މައްޗަށް ދައުވާ އުފުލީ ޖެހިގެން އައި ދުވަހު އެވެ. އޮންގްގެ މައްޗަށް ކުރީ އަދުލުއިންސާފަށް ހުރަސްއެޅުމާއި ދައުލަތުގެ މުވައްޒަފަކަށް ހަދިޔާ ހުށަހަޅައިގެން ކުށް ކުރުމަށް ހިތްވަރު ދިނުމުގެ ދައުވާ އެވެ.
އޮންގް އެ ދެ ދައުވާއަށް މިއަދު އިއުތިރާފު ވުމުން، އޭނާއަށް 7 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލަށްލުމާއި ޖޫރިމަނާ ކުރެވިދާނެއެވެ. ނަމަވެސް މިއަދު ޕްރޮސިކިއުޝަނުން ބުނީ އޮންގް ތަހައްމަލު ކުރަމުންދާ ކެންސަރާއި އެހެނިހެން ސިއްހީ މައްސަލަތަކަށް ރިއާޔަތްކޮށް އަދަބު ކަނޑައެޅުމުގައި އޭނާގެ ވަކީލުންގެ ވާހަކަ ގަބޫލުކުރާ ކަމަށާއި ޖަލު އަދަބަކުން ސަލާމަތްވެދާނެ ކަމަށެވެ. އޮންގްގެ މައްޗަށް ހުކުމް އިއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 ގައެވެ.
ކުރީގެ މިނިސްޓަރު އިސްވަރަންއަށް މިދިޔަ އަހަރު އަދަބު ކަނޑައެޅުނީ ސަރުކާރުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ހަދިޔާ ގަބޫލުކުރުމާއި އިންސާފު ހުރަސްއެޅުމުގެ ކުށަށް 1 އަހަރު ދުވަހުގެ ޖަލު އަދަބެކެވެ. މިއީ ގާތްގަނޑަކަށް 50 އަހަރު ތެރޭގައި ޖަލަށްލެވުނު ފުރަތަމަ ސިންގަޕޫރު މިނިސްޓަރެވެ.
ހޮޓެލް އަދި ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އޮންގް އަކީ ސިންގަޕޫރުގެ އެންމެ މުއްސަނދި މީހުންގެ ތެރެއިން މީހެކެވެ. އޭނާއަކީ ސިންގަޕޫރަށް ފޯމިއުލާ 1 ގެނައުމުގައި މުހިންމު ދައުރެއް އަދާކުރި މީހެކެވެ. އަދި އޭނާގެ ކުންފުނިން މިހާރުވެސް ސިންގަޕޫރުގައި ގްރޭންޑް ޕްރިކްސް ކުރިއަށް އެބަގެންދެއެވެ.
މި މައްސަލަ އަމާޒުވެފައިވަނީ އެފް1 ރޭހުގެ ސްޓިއަރިންގ ކޮމިޓީގައި އިސްވަރަން ހުރި މަގާމަށެވެ. އުމުރުން 63 އަހަރުގެ އިސްވަރަން އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ސިންގަޕޫރަށް ފޯމިއުލާ ވަން ގެނައުމުގައި އިސް ދައުރެއް އަދާކޮށްގެންނެވެ.
އިސްވަރަންގެ މައްޗަށް އަދަބު ކަނޑައެޅުނީ 400،000 ސިންގަޕޫރު ޑޮލަރު (310،000 އެމެރިކާ ޑޮލަރު) އަށް ވުރެ ގިނަ އަގުހުރި ހަދިޔާ ގަބޫލުކުރި ކަމަށެވެ. މީގެ ތެރޭގައި ދަތުރުފަތުރާއި، އެކޮމޮޑޭޝަން އާއި، ކުޅިވަރު އިވެންޓްތަކާއި، އިނގިރޭސި ޕްރިމިއަރ ލީގް މެޗުތަކުގެ ޓިކެޓާއި، ސިންގަޕޫރު އެފް1 ރޭހާއި، ހެރީ ޕޮޓަރ އެންޑް ދަ ކާރސްޑް ޗައިލްޑް، ހެމިލްޓަން އަދި ކިންކީ ބޫޓްސް ފަދަ މިއުޒިކަލްތަކުގެ ޓިކެޓް ހިމެނެއެވެ.
އޮންގް އުފަންވީ 1946 ގައި މެލޭޝިއާގައެވެ. ނަމަވެސް ފަހުން ސިންގަޕޫރަށް ބަދަލުވެ، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހޮޓާތައް ހިންގާ އާއިލީ ވިޔަފާރިއެއް ބިނާކުރިއެވެ. މީގެ ތެރޭގައި ފޯ ސީޒަންސް އަދި އިންޓަރކޮންޓިނެންޓަލް ފަދަ ބްރޭންޑްތައް ހިމެނެއެވެ.
ކޮރަޕްޝަނުން އެއްކިބާވެފައިވާ ގައުމެއްގެ ގޮތުގައި މަޝްހޫރު ސިންގަޕޫރަށް މި މައްސަލައިން ވަރަށް ބޮޑު އަސަރެއް ކުރިއެވެ. ސިންގަޕޫރުގެ މިނިސްޓަރުންނަކީ ދުނިޔޭގައި އެންމެ ބޮޑު މުސާރަ ލިބޭ މިނިސްޓަރުންގެ ތެރޭގައި ހިމެނޭ ބައެކެވެ. އަހަރަކު ގާތްގަނޑަކަށް 1 މިލިއަން ސިންގަޕޫރު ޑޮލަރު (777،000 އެމެރިކާ ޑޮލަރު) ލިބެއެވެ. މިއީ ކޮރަޕްޝަން ހުއްޓުވުމަށް އަޅާފައިވާ ފިޔަވަޅެއްގެ ގޮތުންނެވެ.