ދުސްތޫރީ މައްސަލައެއްގެ ގޮތުގައި މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ އެމްޑީޕީ ގެ ފަރާތުންނެވެ.
އެމްޑީޕީން މިއަދު ހުށަހެޅި މައްސަލައިގައި ލާމަރުކަޒީ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫން ގެ 70 ވަނަ މާއްދާގެ (ޅ) ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާ އާއި 1-144 ގެ ގޮތުގައި އިތުރުކޮށްފައިވާ މާއްދާތަކަކީ، ގާނޫނުއަސާސީގެ 230 ވަނަ މާއްދާ އިން ކަނޑައަޅާފައިވާ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމުގެ އުސޫލާ ހިލާފު މާއްދާތަކެއް ކަމަށް ބުނެފައިވެއެވެ.
އަދި ގާނޫނުއަސާސީގެ 4 ވަނަ މާއްދާއާއި 26 ވަނަ މާއްދާއިން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުގެ ދާއިރާގެ ތެރޭގައި، ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ ކަންކަން ހިންގުމަށް ލިބިދޭ ހައްގާއި، ގާނޫނުއަސާސީގެ 40 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ މުދާ ހޯދައި ގެންގުޅުމުގެ ހައްގު ނިގުޅިގެންދާ ފަދަ މާއްދާތަކެއްކަން ވެސް ފާހަގަކޮށްފައި ވެއެވެ.
އެ ދެ މާއްދާ ފާސްކޮށްފައިވަނީ ގާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ހިލާފަށް ކަން ބަޔާންކޮށް އެމްޑީޕީން އެދިފައިވަނީ އެ ދެ މާއްދާ ބާތިލުކަމަށް ކަނޑައަޅައިދިނުމަށެވެ.
ސަރުކާރުން ހުށަހަޅައިގެން، ލާމަރުކަޒީ ގާނޫނަށް 16 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، 14 އޮގަސްޓު 2025 ގައި، ރައީސުލްޖުމްހޫރިއްޔާ އެ ބިލު ތަސްދީގު ކުރެއްވުމާއެކު އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށާފައެވެ.
އެޔާއެކު އެބަދަލުތަކާ އެއްގޮތަށް އަމަލުކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ފަރާތުން ވަނީ ހުރިހާ ކައުންސިލްތަކަކަށް އަންގާފައެވެ.
އެލްޖީއޭ އިން ސިޓީ ކައުންސިލްތަކުގެ މޭޔަރުންނަށާއި އަތޮޅާއި ރަށު ކައުންސިލްތަކުގެ ރައީސުންނަށް އެޑްރެސްކޮށް މިއަދު ފޮނުވި ސިޓީއެއްގައި ބުނީ ލާމަރުކަޒީ ގާނޫނަށް ގެނައި 16 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 7 ވަނަ ނަންބަރުގައި ބުނާގޮތުގެ މަތިން ކައުންސިލްތަކުގެ ދައުރު ހަމަވުމާ ދެމެދު އޮތީ އަހަރަކަށްވުރެ ކުރު މުއްދަތެއް ކަމަށެވެ.
ހުށަހެޅި މައްސަލައިގެ ދައުވާ ބިނާކުރާ ސަބަބު ތަކުގެ ތެރޭގައި ގާނޫނަށް ގެނައި ބަދަލުތަކުގެ ސަބަބުން ކައުންސިލުގެ ދައުރާއި ބާރުތައް ހަނިވާގޮތަށް އުސޫލުތައް ކަނޑައަޅައިފައިވާކަން ފާހަގަ ކޮށްފައި ވެއެވެ.
އެ ގޮތުން ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަކީ ވަކި ހާއްސަ ޝަރުތުތަކެއް ފުރިހަމަވާ ކަންކަން ކަމުގައިވާންވާނެ ކަމަށް ކަނޑައެޅުމާއި، އެ ކުންފުނިތަކުގެ ދާއިރާ ހަނިކޮށްފައިވާ ކަމަށާއި، އެ މަސައްކަތަކީ، ރަށުގައި ނުވަތަ ރަށްތަކުގައި އުމްރާނީ ތަރައްޤީއަށް ކޮންމެހެން ކުރަންޖެހޭ ކަމެއްކަމުގައި ވާން ޖެހޭނެ ކަމަށް ކަނޑައެޅުމާއި، އެ މަސައްކަތުގެ އިންވެސްޓްމަންޓު ނުވަތަ ރައުސުލްމާލުގެ އަދަދު، 10،000،000 ރުފިޔާއަށްވުރެ ބޮޑުވާން ޖެހޭނެ ކަމަށް ކަނޑައެޅުން ފާހަގަ ކޮށްފައިވެއެވެ.
ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ލޯކަލް އޮތޯރިޓީ ކުންފުނިން ކުރިން ފަށާފައިވާ ވިޔަފާރިތަކުގެ ތެރެއިން، މި ޝަރުތުތަކާ ތަޢާރުޟުވާ ވިޔަފާރިތައް، ޤާނޫނަށް ޢަމަލުކުރަންފަށާތާ 90 ދުވަހުގެ ތެރޭގައި ހުއްޓައިލަން ވާނޭ ކަމަށްވެސް މި މާއްދާގައި ބަޔާންކޮށްފައިވާ ކަމަށާއި ކައުންސިލުގެ 5 އަހަރުގެ ދައުރުގެ ތެރެއިން، ފަހު އަހަރުގައި، މާލީ ވުޒާރާއާއި ލޯކަލް ގަވަމަންޓް އޮތޯރިޓީން ކަނޑައަޅާ ގޮތެއްގެ މަތިން މެނުވީ، ބައެއް ކަންކަން ކުރުމަށް ނިންމައިގެންނުވާނެ ކަމަށް ކަނޑައަޅައި، ކައުންސިލުގެ ޒިންމާ އަދާކުރުމަށް އޮތް މުއްދަތު ކުރު ކުރު ކޮށްފައިވާ ކަމަށެވެ.
މީގެ އިތުރުން މި ގާނޫނަށް ގެނައި އިސްލާހާ އެކު ކައުންސިލުގެ އިދާރާއަށް ނުވަތަ ކައުންސިލުގެ އޮފީހަކަށް ދާއިމީ މުވައްޒަފުންގެ ގޮތުގައި ނުވަތަ ކޮންޓްރެކްޓް އުސޫލުން މުވައްޒަފުން ނެގުމާއި، ކައުންސިލުގެ އިހްތިސާސްގެ ދަށުގައި ހުރި ބިމާއި، ފަޅާއި، ފަރުގެ ސަރަހައްދުތައް ކުއްޔަށް ދޫކުރުމާއި، ދިނުމާއި، ކައުންސިލުތަކުން އެކަށައަޅައިފައިވާ ތަރައްޤީގެ ޕްލޭންތަކުގައި ކަނޑައަޅައިފައިނުވާ އާ ތަރައްޤީގެ މަޝްރޫއުތައް ފެށުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
މައްސަލައިގައި ބުނެފައި ވަނީ ކައުންސިލްތަކާ ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހުރަސްއަޅައި، ގާނޫނުއަސާސީ އިން އެކަށައަޅާފައިވާ ލާމަރުކަޒީ ނިޒާމުގެ ބާރު ކަނޑުވާލާތީ، މި މާއްދާތައް، ގާނޫނުއަސާސީގެ 230 ވަނަ މާއްދާއާ ހިލާފުވާ ކަމަށް ދެކޭ ކަމަށެވެ.
މި ބަދަލުތަކުގެ ސަބަބުން، ރައްޔިތުން ހިޔާރުކުރާ މަންދޫބުން މެދުވެރިކޮށް އެމީހުންގެ ކަންކަން ހިންގުމުގެ ހައްގަށް ހުރަސްއަޅާ އިރު، މި އިސްލާހުތައް ރެޓްރޯއެކްޓިވްކޮށް ހިނގާގޮތަށް ގާނޫނު ފާސްކޮށްފައި ވަނީ ގާނޫނުއަސާސީގެ ކަމާ ގުޅުން ހުރި މާއްދާތަކާ ހިލާފަށް ކަމަށް ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމަކީ ގާނޫނުއަސާސީގެ 230 ވަނަ މާއްދާއިން ލާޒިމުކުރާ ކަމެކެވެ.
ގާނޫނުއަސާސީގެ 231 ވަނަ މާއްދާ ގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގަން ޖެހޭނީ ރައްޔިތުން އިންތިހާބުކުރާ ކައުންސިލްތައް މެދުވެރިކޮށްގެން ކަމަށް ވެސް ބުނެފައިވެއެވެ.
އެމްޑީޕީން އެދިފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ފާސްކޮށްފައިވާ މާއްދާ ތަކަކީ ބާތިލު މާއްދާ ތަކެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
މި މައްސަލަ ބަލައިގަތުމާމެދު އަދި ހައިކޯޓުން ގޮތެއް ނިންމާފައެއް ނުވެއެވެ.