ތިނަދޫ ސިޓީ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ.--
ސިވިލްކޯޓު ރަޖިސްޓްރާރގެ ނިންމުން އިސް ގާޒީ ބަދަލުކޮށްފި
ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ސަސްޕެންޑްކުރި މައްސަލަ ރަޖިސްޓަރީކޮށްދޭންޖެހޭ ކަމަށް އިސް ގާޒީ ވަނީ ކަނޑައަޅާފައި
ޖުނާން އަޙުމަދު 5 އޯގަސްޓް 2025 (އަންގާރަ)   18:48
ތިނަދޫ ސިޓީގެ މޭޔަރ އާއި ޑެޕިއުޓީ މޭޔަރ ސަސްޕެންޑް ކުރި މައްސަލަ ސިވިލް ކޯޓުން ބަލައި ނުގަނެވޭނެ ކަމަށް އެ ކޯޓުގެ ރަޖިސްޓްރާރ ނިންމި ނިންމުން ބަދަލުކޮށް އެއީ ރަޖިސްޓަރީ ކޮށްދޭން ޖެހޭ މައްސަލައެއް ކަމަށް އެ ކޯޓުން ކަނޑައަޅައިފިއެވެ.

ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ސަސްޕެންޑް ކުރީ، އެ ކައުންސިލާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކެއްގެ އިންކުއަރީ އަކަށް ފަހުގައި ކަމަށް ބުނެއެވެ. މޭޔަރު ސަޢުދު 3 މަސް ދުވަހަށް އަދި ޑެޕިއުޓީ މޭޔަރު ނަޞްރުﷲ 1 މަސް ދުވަހަށް މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑް ކުރީ ޖޫން 25 ގައެވެ.

މި މައްސަލަ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓަށް މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމަށް ބުނެ، ޤަޟިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެން ނެތްކަމަށް ރަޖިސްޓްރާރ ނިންމިއެވެ.

ރަޖިސްޓްރާރ ގެ ނިންމުން އަލުން ބަލައި ދިނުން އެދި އެ މައްސަލަ ހުށަހެޅީ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ. ތިނަދޫ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ ފަރާތުން ވަކީލު އަޙްމަދު މައުރޫފް ހުށަހެޅި ފޯމުގައި ބުނެފައިވަނީ މި މައްސަލަ އަކީ ސިވިލް ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ކަނޑައެޅުއްވުމުގައި، ރަޖިސްޓްރާރގެ ނިންމުމުގައި ހަވާލާދީފައިވާ، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ގެ 146 ވަނަ މާއްދާ އަކީ ދައުވާކުރާ ފަރާތްތަކުން ހުށަހަޅާފައިވާ މައްސަލަ އަށް ތަތުބީގުކުރެވިދާނެ މާއްދާއެއް ނޫން ކަމަށެވެ.

އެއީ، ލާމަރުކަޒީ ޤާނޫނުގައި ނުހިމެނޭ ކަމެއް ދިމާވެއްޖެނަމަ ޢަމަލު ކުރާނެ ގޮތް ބަޔާންކުރާ މާއްދާއެއް ކަމަށާއި، އެ މާއްދާ ތަތުބީގުވާނެ ހާލަތްތައް އެ މާއްދާގެ ނައްސުގައި ބަޔާންކޮށްފައި ވާކަމަށެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ، އެ ޤާނޫނުގައި ނުހިމެނޭ ކަމަކާބެހޭ ގޮތުން ނުވަތަ ދެ ކައުންސިލެއްގެ ދެމެދުގައި ޚިލާފެއް އުފެދިއްޖެނަމަ އެކަމުގައި ގޮތެއް ނިންމުމުގެ ބާރު ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ލިބިގެން ވާކަމަށާއި، އަދި އެ ކަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ނިންމާގޮތާމެދު ހިތްހަމަ ނުޖެހޭ ފަރާތަކުން އެކަމެއް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުގެ ޙައްޤު ލިބިގެންވާކަމަށެވެ. އެ މާއްދާގައި އެ ބަޔާންކުރާނީ، ކަނޑައެޅި ބަޔާންވެގެންވާ ދެ ހާލަތެއްކަމާއި، އެހެންކަމުން އެ ދެ ހާލަތު ފިޔަވައި އެހެން ހާލަތްތަކުގައި އެ މާއްދާ ތަތުބީގުކުރެވޭނެ ކަމަށް އެ މާއްދާގައި ނުވަތަ އެ ޤާނޫނުގެ އެހެން މާއްދާއެއްގައި ބަޔާންކޮށްފައި ނެތުމުން، އެ މާއްދާ އެހެން ހާލަތްތަކުގައި ތަތުބީގު ކުރެވޭނެކަމަށް ނުފެންނަކަން ދައުވާކުރާ ފަރާތުގެ ވަކީލު އަހުމަދު މައުރޫފް ފާހަގަ ކުރައްވާފައިވެއެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ މަރްޔަމް ވަހީދު ސޮއި ކުރައްވާ ކޯޓުން މި ކަމާ ބެހޭ ގޮތުން، ރަޖިސްޓްރާރގެ ނިންމުން އަލުންބަލައި ނިންމިގޮތުގައި ވަނީ، ސައުދު އަލީ އަދި ނަސްރުﷲ އަލީ ގެ ފަރާތުން ހުށަހެޅި މައްސަލަ އަކީ ކޯޓުގެ ގަޟިއްޔާ އެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށްދޭންޖެހޭ މައްސަލައެއް ކަމުގައި ވާތީ، ހުށަހަޅާފައިވާ ދައުވާ ފޯމުގައި އިޖުރާއީ ގޮތުން ފުރިހަމަވާންޖެހޭ ކަންތައްތަކެއް ހުރިނަމަ އުސޫލުތަކާ އެއްގޮތައް އެކަންކަން ފުރިހަމަ ކުރުމަށްފަހު ފުރުސަތުދީ ފޯމާ މެދު ރަޖިސްޓްރަރ ގޮތެއް ނިންމުމަށް ކަނޑައަޅައިފި ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހަޅައިފައިވާ މައްސަލަ އަކީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީން މޭޔަރު ސައުދު އަލީ އާއި ޑެޕިއުޓީ މޭޔަރު ނަސްރުﷲ އަލީ ސަސްޕެންޑު ކުރަން ނިންމި ނިންމުމަކީ ގާނޫނާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ހުށަހެޅި މައްސަލަ އެކެވެ.

މި މައްސަލައަކީ، ތިނަދޫ ސިޓީ ކައުންސިލުގެ މޭޔަރާއި، ޑެޕިއުޓީ މޭޔަރު އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައިނުވާކަމަށް ނުވަތަ އިހުމާލުވެފައިވާ ކަމަށާއި، ކައުންސިލުގެ ބާރުތަކާއި ވަޞީލަތްތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމާއި، ކައުންސިލަރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާ ކަމަށް ކަނޑައަޅައި، ލާމަރުކަޒީ ގާނޫނުގެ 62 ވަނަ މާއްދާގެ ދަށުން އަޅައިފައިވާ ފިޔަވަޅަކީ، އެ ޤާނޫނުގެ 62 ވަނަ މާއްދާ އާ ޚިލާފަށް އަޅައިފައިވާ ފިޔަވަޅެއްކަމަށް ބަޔާންކޮށް، އެކަމުގެ ޤާނޫނީ ސައްހަކަމާމެދު ސުވާލު އުފައްދައި ހުށަހެޅި މައްސަލައެކެވެ.

ކޮމެންޓް