
ސިނާއީ ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަ ނ. އަތޮޅުގެ އެންމެބޮޑު އާބާދީއެއް ދިރިއުޅޭ އެއަތޮޅު ވެލިދޫގައި ދިމާވަމުން އަންނަ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި އެމްޑީޕީ ސަރުކާރުން ވަނީ ހައި ވޯލްޓޭޖް ޓްރާންސްފޯމަރުތަކެއް އެރަށަށް ގެނެސްފައެވެ.
ނަމަވެސް އެ ޓްރާންސްފޯމަރުތައް ގެނައިފަހުން މިހާރު 800އަށް ވުރެން ގިނަދުވަސް ވެފައިވާއިރު، އަދިވެސް އެރަށުގެ ކަރަންޓު ނެޓްވޯކް އަޕްގްރޭޑު ކުރުމަށްޓަކައި އެ ޓްރާންސްފޯމަރުތައް ވަނީ އިންސްޓޯލް ނުކުރެވިއެވެ.
އެ މަސައްކަތް ނިންމާނެކަމަށް ތާރީހަކަށްފަހު ތާރީހެއް ވެލިދޫ ފެނަކަ އޮފީހުން ދެމުން އައި ނަމަވެސް އެކަން ނުވެ ދިގުލާ ދިޔުމުގެ ސަބަބުން އެރަށުގައި ސިނާއީ މަސައްކަތްތައް ކުރާ ފަރާތްތަކުންނާއި ބޮޑެތި ވިޔަފާރިތަކުން އަދި ރަށުގެ އާންމުރައްޔިތުން އެމީހުންނަށް ވަމުން އަންނަ ގެއްލުންތައް ދުވަހެއް ދުވަހަކަށް އިތުރުވެ ކެތްތެރިކަން ކޮޅުންލައިގެން މިއަދު މިވަނީ އިހުތިޖާޖު ފަށާފައެވެ.
ވެލިދޫ ފެނަކަ އޮފީސް ކުރިމަތީގައި މިއަދު ހެނދުނު ފެށި އިހުތިޖާޖުގެ ބައިވެރިންގެ ތެރެއިން ފިޔެސްއާ ވާހަކަދެއްކި ވެލިދޫ ރައްޔިތަކު ބުނީ، ވެލިދޫ އަކީ ތަރައްގީގެ އޮޅިތައް ދުވަހެއް ދުވަހަކަށް ގިރާކުރުމަށް ގަދައަޅާ މަސައްކަތް ކުރަމުންއަންނަ ރައްޔިތަކު ދިރިއުޅޭ ރަށަކަށް ވާއިރު، އެ ރަށަކީ ޒަމާނީ ވަސީލަތްތައް އާންމު ގޭބިސީތަކުގައި ވެސް ގިނަ އަދަދަކަށް ބޭނުން ކުރަމުން އަންނަ ރަށެއް ކަމަށެވެ.
އަދި މީގެ އިތުރުން، އެ ރަށުގައި ގިނަ ސިނާއީ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރުގައި އެތަންތަނުގައި ބޭނުންކުރާ ކަރަންޓު އާލާތްތަކަކީ ހައި ވޯލްޓޭޖްގެ ކަރަންޓު ބޭނުންވާ އާލާތްތަކަކަށް ވާއިރު، އެ ތަކެއްޗަށް ބޭނުންވާ ކަރަންޓު ވެސް އެދެވޭ ގޮތެއްގައި ނުލިބުމުގެ ސަބަބުން އަގުބޮޑެތި މެޝިންތައް ވެސް ހަލާކުވެ ނުހަނު ގެއްލުންތައް ވަމުން އަންނަކަމަށް ފިޔެސްއާ ވާހަކަދެއްކި ވެލިދޫގައި ސިނާއީ ގިނަ މަސައްކަތްތަކެއް ހިންގަމުން އަންނަ ފަރާތަކުން ބުންޏެވެ.
ކަރަންޓުގެ މައްސަލަ ހައްލުނުވެ ދިގުލާ ދާތީ ވެލިދޫގައި މިވަގުތު ކުރިއަށްދާ އިހްތިޖާޖުގެ ތެރެއިން
އިހުތިޖާޖުގެ އިތުރު ބައިވެރިއެއް ވެސް ފިޔެސްއާ މައުލޫމާތު ހިއްސާކުރަމުން ބުނެފައި ވަނީ ވެލިދޫގައި ކަރަންޓުގެ މައްސަލަ ބޮޑުވެފައި ވާއިރު، ރައްޔިތުންނަށް ލިބެމުންއަންނަ ކަރަންޓު ވަރަށްބޮޑަށް ދައްވުމުގެ ސަބަބުން ގޭތެރޭގައި، އާންމު ދިރިއުޅުމުގައި ބޭނުންކުރަމުން އަންނަ ކަރަންޓު އާލާތްތައް ވެސް މިހާރު ހަލާކުވަމުން އަންނަ ކަމަށެވެ.
"ފަސްވޯޓު ބޮތްކެއް ދިއްލިޔަސް އިންނަނީ، ކިރިޔާ ކަނި ޖަހާލަ ޖަހާލައި. ނުގިރޭ ބުލެންޑަރު ފުނޑެނީ، ކަރަންޓު ހަމަޔަކަށް ނުލިބޭ." – އިހުތިޖާޖުގައި ބައިވެރިވި އާންމު މީހަކު ބުންޏެވެ.
އިހުތިޖާޖުގެ ބައިވެރިން އަޑުގަދަކުރާއިން ގޮވަމުންދަނީ، އިގުތިސާދީ މަސައްކަތްތަކަށް ވެލިދޫއިން ބިންނަގައިގެން ތިބި މީހުންނާއި އެރަށުގެ އާންމުން ވެސް މިއަދު ތިބީ ބޮޑެތި މާޔޫސް ކަމެއްގެ ތެރޭގައި ކަމަށާ، ކުޑަމިނުން ކަރަންޓުގެ ކަނެކްޝަން ލުމަށް ރިކުއެސްޓުކޮށްގެން ވެސް އެތައް ދުވަހެއް ފާއިތުވާއިރު އެކަން ވެސް އޮންނަނީ ނުވެފައި ކަމަށެވެ.
އެހެންކަމުން ކަރަންޓަކީ އިމްތިޔާޒެއް ނޫންކަމަށާ، އެއީ އަސާސީ ހިދުމަތަކަށް ވާއިރު، އެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ޓްރާންސްފޯމަރުތައް އިންސްޓޯލްކޮށް ނިންމާނެ "އިތުބާރު ހިފޭނޭހެން އާންމުކުރެވޭ" ސީދާ ސުންގަޑިއެއް ފެނަކައިން ނުދެނީސް އެމީހުން ތިބީ އިހުތިޖާޖު ހުއްޓާލާ ގޮތަށް ނޫންކަމަށް އިހުތިޖާޖުގެ ބައިވެރިން ތަކުރާރުކޮށް ގޮވަމުން ދެއެވެ.




