ފުލުހުން ވަނީ ބައެއް ނޫސްވެރިންގެ ކަރުގައި ހިފައި، ބިންމައްޗަށް ވައްޓާލައި ބޮލަށް ކަކުލުން އަރައި، އަތް އަނބުރައި، އަންނައުނަށް ގެއްލުންދީފައި ވެއެވެ. ބައެއް ނޫސްވެރިންގެ ހަށިގަނޑުން ވަނީ ލޭ އޮހޮރުވާލައިފަ އެވެ.
ފުލުހުން ވަނީ ނޫސްވެރިން ފިޔަވާ މުޒާހަރާ ކުރަމުންދިޔަ މީހުނަށްވެސް އަނިޔާކޮށްފައެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި ކުރީގެ މަޖިލިސް މެންބަރުންވެސް ހިމެނެއެވެ.
ފުލުހުން ވަނީ ރާއްޖެޓީވީގެ ކެމެރާމަން ކޮއްޕާ ވައްޓާލާފައެވެ. އެޓީވީގެ އެކިއުޕްމަންޓަށްވެސް ފުލުހުން ގެއްލުން ދީފައިވާކަމަށް ރާއްޖެޓީވީން ވަނީ ބުނެފައެވެ.
މުޒާހަރާ ކުރަން ތިބި މީހުން މިހާރު ތިބީ ކުރިން ތިބި ހިސާބަށް ވުރެ ފަހަތަށް ޖައްސާފައެވެ. އަދި ފަހަތަށް ޖެއްސުމުގެ ތެރޭގައި ބައެއް މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އޭގެތެރޭގައި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރުވެސް ހިމެނެއެވެ.
އަނިޔާވެރިކޮށް މީހުން ފަހަތަށް ޖައްސައި ބައެއް މީހުން ހައްޔަރުކުރި ނަމަވެސް މުޒާހަރާ ދަނީ ކުރިއަށެވެ.
މީޑިއާ ކޮންޓްރޯލްކުރާ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން ދަނީ މަޖިލިސް ކައިރި މުޒާހަރާ ކުރަމުންނެވެ.