ރައީސް މުއިއްޒު، ފަހަދް ސައުދު އަލްޝަލަން އާ އެކު.-- ފޮޓޯ: ރައީސް އޮފީސް
ފޮރިން މިނިސްޓަރު ވިދާޅުވަނީ ފޭކު ޕްރިންސެއް ނޫންކަމަށް
ޖުނާން އަޙުމަދު 13 އޯގަސްޓް 2025 (ބުދަ)   12:01
މިއަހަރުގެ މެއި މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާފައިވާ "ޕްރިންސް" ފަހަދް ސައުދު އަލްޝަލަން އަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ އަމީރެއް ކަމަށް ރައީސް އޮފީހުން ބުނެފައިވާ މައްސަލާގައި ފޮރިން މިނިސްޓަރު ޢަބްދުالله ޚަލީލުއާ ރައްޔިތުންގެ މަޖިލީހުގައި މިއަދު ސުވާލު ކުރުމުން، ރައީސް މުއިއްޒު ބައްދަލުކުރެއްވީ އެ ގައުމުގެ ޕްރިންސަކާ ކަމަށް ފޮރިން މިނިސްޓަރު ޢަބްދުالله ޚަލީލް ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމް އެ ކަމާ ގުޅޭގޮތުން މިއަދު ރައްޔިތުންގެ މަޖިލީހުގައި ފޮރިން މިނިސްޓަރާ ސުވާލު ކުރެއްވުމުން ވިދާޅުވީ އޭނާއަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލުން ކަމަށާ، އޭނާ ރާއްޖެ ވަޑައިގަތީ އެމްއައިއެފްސީ (މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރ) ގެ މަސައްކަތްތަކަށް އެކަމުގައި ހިމެނޭ އެހެން ބޭފުޅުންނާ އެކު ކަމަށެވެ.

މެންބަރު މީކާއީލް ހުށަހެޅުއްވި ސުވާލުގައި ވަނީ؛ "ސައޫދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ބޭފުޅެއްކަމަށް ބުނެ، 5 މެއި 2025 ގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވާފައިވާ "ޕްރިންސް" ފަހަދް ސައުދު އަލްޝަލަން އަކީ ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްތޯ؟ އަދި އެ ބައްދަލުވުމުގައި، ސައޫދީ އެމްބަސީގެ ފަރާތުން ބައިވެރިވެވަޑައިގެންފައިނުވަނީ ކީއްވެގެންތޯ؟ އެފަރާތަކީ ސައޫދީ ޝާހީ އާއިލާއަށް ނިސްބަތްވާ ފަރާތެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ ހަގީގަތާ ހިލާފަށްނަމަ، ދިވެހިރާއްޖެއާއި ސައޫދީ އަރަބިއްޔާއާ ދެމެދު އޮތް ހާރިޖީ ގުޅުމަށް މީގެ އެއްވެސް ނޭދެވޭ އަސަރެއް ކޮށްފާނެތޯ؟"

މި ސުވާލަށް ޖަވާބުދެއްވަމުން ފޮރިން މިނިސްޓަރު ޚަލީލް ވިދާޅުވީ؛

"އެބޭފުޅާއަކީ ޝާހީ ދަރިފަސްކޮޅުގެ އަމީރާއެއްގެ ދަރިކަލެއް. ރާއްޖެއަށް އޭރު ވަޑައިގެންނެވީ އަމިއްލަ ބައެއް މަސައްކަތް ކުރުމަށް ވިޔަފާރިގެ ދަތުރުފުޅެއްގައި،" ޚަލީލް ވިދާޅުވިއެވެ.

ފަހުދު ސައުދު އަލް ޝަލަން ކިޔާ މީހަކު ރާއްޖެ އައުމާއެކު އެއީ ސައުދީގެ އަމީރެއް ނޫންކަމަށް އޭރު ވެސް މީޑިއާ ތަކުގައި ޚަބަރުތައް ޖަހަމުން ދިޔައެވެ. އަދި މައުލޫމާތު ލިބޭގޮތުގައި، އަލް ޝަލަންއަކީ ސައުދީގެ އަމީރެއް ކަމަށް ސަރުކާރުން ބުނުމުން އެކަމާ ސައުދީން ވަރަށް ބޮޑަށް ނުރުހުންވެ، ރައީސް އޮފީހުގެ ވެބްސައިޓްގައި ހުރި އެކަމާގުޅޭ ފޮޓޯއާއި ޚަބަރުތައް ނެގުމަށް ވެސް އޭރު އެންގިއެވެ. އަދިޮ އެއަށްފަހު ރައީސް އޮފީހުގެ ވެބްސައިޓުން އެފޮޓޯތަކާއި ޚަބަރު ތައް ޑިލީޓްކުރިތަން ވެސް ފެނިގެންދިޔައެވެ.

ކޮމެންޓް