މިނިވަން މުއައްސަސާ ކޮމިޓީގެ މުގައްރިރާއި ނައިބް މުގައްރިރު.-- ފޮޓޯ: މަޖިލިސް
މީކާއީލް އިހުތިޖާޖުކުރަނިކޮށް، މީޑިއާ ކޮންޓްރޯލް ބިލް ކޮމިޓީން ފާސްކޮށްފި
ޖުނާން އަޙުމަދު 16 ސެޕްޓެމްބަރ 2025 (އަންގާރަ)   16:20
މީޑިއާ ކޮންޓްރޯލް ކުރާ ބިލުގެ ކޮމިޓީ ބައްދަލުވުމުގައި އެމްޑީޕީގެ މެންބަރު މީކާއީލް އަހުމަދު ނަސީމް އިހުތިޖާޖު ކުރަމުން ދަނިކޮށް ކޮމިޓީ ރިޕޯޓު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން މިއަދު ފާސްކޮށްފި އެވެ.

މީކާއީލް އިހުތިޖާޖު ކުރީ ބިލަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް އައިޝަތު ފިލްޒާ ހުށަހެޅުއްވި ރިކޮމެންޑޭޝަން ކިޔާލަން ދިނުމުގެ ފުރުސަތު ނުދިނުމުންނެވެ. މީކާއީލް ވިދާޅުވީ، ކައުންސެލް ޖެނެރަލްގެ ރެކޮމަންޑޭޝަންއާ އެކު ރިޕޯޓްގެ ޑްރާފްޓް ކިޔާލަން ލިބެންވާނެ ކަމަށެވެ.

"މިހާރު ރައީސް ވިސްނަވާ މިހާރު ގަޑިން 3:12 އިނގޭތޯ، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެޖެންޑާކުރެވިފައި މިވަނީ ހަތަރެއް ޖަހާއިރަށް. އަދި އަޅުގަނޑުމެންނަށް ތި ރިޕޯޓް ކިޔާލަން ނުލިބޭ. ދެން ނުކިޔާ ރިޕޯޓަކަށް ކިހިނެއްތޯއޭ އަޅުގަނޑު ވޯޓްދެނީ." މީކާއީލް ވިދާޅުވިއެވެ.

ނަމަވެސް އެފުރުސަތު އޭނާއަށް ނުދެއްވައި ކޮމިޓީގެ މުގައްރިރު ވޯޓަށް އައްސަވައި ޕީއެންސީ މެންބަރުންގެ ވޯޓުން އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ފާސްކުރިއެވެ.  

ވޯޓަށް އެހިއިރުވެސް މީކާއީލް އަޑުހަރުކޮށް ތަކުރާރުކޮށް ވިދާޅުވަމުންދިޔައީ އެ ވޯޓަކީ "ކަނޑައެޅިގެން ގަވާއިދާ ހިލާފަށް ނަގަމުންދާ ވޯޓެއް" ކަމަށެވެ.

މިއަދު ހަވީރު ބޭއްވުމަށް ކަނޑައަޅާފައިވާ ޖަލްސާގައި މީޑިއާ ކޮންޓްރޯލްކުރާ ބިލަށް ވޯޓަށް އަހައި ފާސްކުރާނެ ކަމަށް ބެލެވެއެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލާ ދެކޮޅަށް މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން ދަނީ މަޖިލިސް ކައިރި މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ދަނީ ގަދަބާރުން ނޫސްވެރިން އެ ސަރަހައްދުން ބޭރު ކުރަމުންނެވެ.

ކޮމެންޓް