މަޖިލިސް ދޮށުގައި ނޫސްވެރިން އިހުތިޖާޖުގައި
އެތަކެއް ނޫސްވެރިންނެއް ސޮއިކޮށް މަޖިލީހަށް ހުށަހެޅި ޕެޓިޝަން ބޭރުކޮށްލައިފި
ޖުނާން އަޙުމަދު 16 ސެޕްޓެމްބަރ 2025 (އަންގާރަ)   14:36
މި ސަރުކާރުން މީޑިއާ ކޮންޓްރޯލް ކުރުމަށް، މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު ބޭރުކުރަން ގޮވާލާ 151 ނޫސްވެރިންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަން، މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން މިއަދު ބޭރުކޮށްލައިފި އެވެ.

މިމަހުގެ 3 ވަނަ ދުވަހު ރައީސް އޮފީހަށާއި މަޖިލީހަށް ހުށަހެޅި މިޕެޓިޝަން ބޭރުކޮށްލީ އެ ޕެޓިޝަނުގައި ހުރި ކަންބޮޑުވުންތަކަށް ސަރުކާރުން ހުށަހެޅި އިސްލާހުތަކުން ހައްލު ލިބޭ ކަމަށް ބުނެ ދޮގު ހަދައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

ބިލް ފާސްކުރުމާ ގުޅޭ ގޮތުން ދައުރުން ބޭރުން މިއަދު ވެސް ޖަލްސާއެއް ބާއްވަން އުޅޭތީ، ރައްޔިތުންގެ މަޖިލީހުގެ ބޭރުގައި ނޫސްވެރިން އިހްތިޖާޖު ކުރަމުން ދަނިކޮށް، ކޮމެޓީގެ މުގައްރިރު މުޙައްމަދު ޢަލީ ވިދާޅުވީ ބިލެއް ބޭރުކޮށްލުމުގެ ބާރު އެތަނަށް ލިބިގެން ނުވާ ކަމަށާއި ކޮމިޓީގެ ޒިންމާއަކީ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުން ކަމަށެވެ. އެހެންވެ، ނޫސްވެރިންގެ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި އިއްޔެ އެދިފައިވާ ކަމަށާ، އޭގެ ޖަވާބު ވެސް ލިބިފައިވާ ކަމަށެވެ.

މިނިވަން މުއައްސަސަތާ ބެހޭ ކޮމިޓީއިން ބިލަށް އިސްލާހު ގެނެސް ބިލު ފާސް ކުރިއިރު، އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ރެގިއުލޭޓް ކުރާ ހަތް މެންބަރުންގެ ކޮމިޝަނުގައި ރައީސް މުއިއްޒު އައްޔަން ކުރާ 3 މެންބަރުން ތިބެންޖެހޭ ކަމަށް ބުނާ މާއްދާ ބަދަލެއް ނުކުރެއެވެ.

ޕެޓިޝަން ބޭރުކޮށްލުމަށް، މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުއްރަހްމާން ހުށަހެޅުއްވީ، ކަންބޮޑުވުންތަކަށް ޖަވާބު ލިބިފައިވުމުން ޕެޓިޝަން، ކޮމިޓީއިން ބޭރުކޮށްލުމަށެވެ. މެންބަރު މުޙައްމަދު އަބްދުއްރަހްމާންގެ އެ ހުށަހެޅުއްވުމަށް ކޮމިޓީގައި ތިއްބެވި 7 މެންބަރުންގެ ތެރެއިން 5 މެންބަރުން ތާއީދު ކުރެއްވި އިރު އެ މެންބަރުންނަކީ މުޅިން ވެސް ޕީއެންސީ މެންބަރުންކަން ފާހަގަކޮށްލެވެއެވެ. އިދިކޮޅަށް އެއް މެންބަރަކު ވޯޓު ދެއްވީ އިރު، އެއް މެންބަރު ވޯޓުގައި ބައިވެރިވެ ވަޑައިނުގަންނަވައެވެ.

ނޫސްވެރިންގެ ކަންބޮޑުވުންތައް ކޮމިޓީއިން ބޭރުކޮށްލެއްވި އިރު މަޖިލިސް ދޮށުގައި ނޫސްވެރިންނާއި ބައެއް އާންމުން އަދި ސިޔާސީ ބޭފުޅުން ވެސް ގެންދަވަނީ ބިލާ ދެކޮޅަށް ޝުއޫރުފާޅުކޮށް އަޑު އުފުލަމުންނެވެ.

ކޮމެންޓް