މަޖިލިސް ޖަލްސާގައި މީޑިއާ ބިލް ބޭރުކުރުމަށް ގޮވައިލާ އިހުތިޖާޖުކުރަނީ.--
މަޖިލިސް އެތެރެއާއި ބޭރުގައި އިހުތިޖާޖުކުރަނިކޮށް މީޑިއާ ބިލް ފާސްކޮށްފި
ފިޔެސް 16 ސެޕްޓެމްބަރ 2025 (އަންގާރަ)   19:06
މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ އެތެރެއާއި ބޭރުގައި އިހުތިޖާޖު ކުރަމުންދަނިކޮށް، އެ ބިލު މަޖިލީހުން ދެންމެ ފާސްކޮށްފިއެވެ.

ސަރުކާރުގެ ރޭވުމުގެ މަތިން ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ފާސްކުރީ ދައުރުން ބޭރުން ބޭއްވި ޖަލްސާގައި ބައިވެރިވި 60 މެންބަރުން ގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް ވޯޓް ދެއްވީ އެންމެ މެންބަރެކެވެ. އެއީ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާހެވެ. 

ހަވީރު 5:11 ގައި ޖަލްސާ ފެށިއިރުވެސް، ބިލް ބޭރުކޮށްލުމަށް ގޮވައިލާ އެމްޑީޕީގެ މެންބަރުން ގެންދިޔައީ މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖުކުރަމުންނެވެ.

މަޖިލިސްގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބްރައީސް އަޙްމަދު ނާޒިމް ވަނީ، އިހުތިޖާޖުކުރަމުންދިޔަ މެންބަރުންގެ ތެރެއިން ފަހަރަކު މެންބަރެއްގެ ނަން އިއްވައި، ސެކިއުރިޓީން މެދުވެރިކޮށް މަޖިލީހުގެ ތަޅުމުން ނެރެފައެވެ.

ކޮމިޓީ ރިޕޯޓަށް ވާހަކަ ދެއްކެވި ޕީއެންސީގެ މެންބަރުން ވަނީ ބިލަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ވާހަކަ ދައްކަވާފައެވެ.

ބިލާ ދެކޮޅަށް ވާހަކަ ދެއްކެވި ހަނިމާދޫ ދާއިރާގެ އެމްޑީޕީ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މީޑިއާ ކޮންޓްރޯލްކުރާ ބިލް ފާސްކުރަނީ ސަރުކާރުގެ ވެރިންކުރާ ވައްކަންތައް ފޮރުވުމަށް ކަމަށާ، ވައްކަންކުރާނަމަ އެވާހަކަ ދައްކާނެ ކަމަށެވެ. ބިލު ފާސްކުރިޔަސް، އެކަން ނޫސްވެރިން ކުރާނެ ކަމަށާ، "އެއްގޮތް ނެތިއްޔާ އަނެއްގޮތް" އޮންނާނެ ކަމަށް ޣަފޫރު ވިދާޅުވިއެވެ.

ބިލަށް ވާހަކަ ދެއްކެވި ވެލިދޫ ދާއިރާގެ އެމްޑީއޭ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ކޮމިޓީގައި ބިލުގެ މަސައްކަތްކުރީ ރަނގަޅަށް ނޫންކަމަށާ، ބިލް ތަކަށް އެކަށޭނަ ވަގުތުދީ ފަންނީ މީހުންގެ ލަފާ ހޯދަން ޖެހޭނެ ކަމަށެވެ. އައްބާސް ވިދާޅުވީ އޭނާ އެބިލަށް ތާއީދު ނުކުރައްވާ ކަމަށާ، ބިލަށް ވޯޓްވެސް ނުދެއްވާނެ ކަމަށެވެ.

މީޑިއާ ކޮންޓްރޯލްކުރާ ބިލު މިއަދު ފާސް ކުރާތީ މަޖިލިސް ކުރާ ގޭ ކައިރީގައި މިއަދު ހެނދުނުން ފެށިގެން ނޫސްވެރިން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. ފުލުހުން ވަނީ މުޒާހަރާ ކުރަމުންދިޔަ މީހުން ފަހަތަށް ޖެއްސުމުގައި ނޫސްވެރިންވެސް ހިމެނޭހެން ގިނަބަޔަކަށް އަނިޔާކޮށްފައެވެ.

ކޮމެންޓް