ގާނޫނު ނަންބަރު 13/2025، އިންޝުއަރެންސްއާބެހޭ ބިލަކީ، 18 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
ސަރުކާރުން މިފަދަ ބިލެއް ހުށަހެޅުއްވުމުގެ މަގުސަދަކީ، ދިވެހިރާއްޖޭގައި ހަރުދަނާ އަދި ރައްކާތެރި ގޮތެއްގައި އިންޝުއަރެންސް ވިޔަފާރި ހިންގުމަށްޓަކައި އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައެޅުމުގެގޮތުން، އިންޝުއަރެންސް ކުންފުނިތަކާއި އިންޝުއަރެންސް އިންޓަރމީޑިއަރީންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސް ދިނުމާގުޅޭ އުސޫލުތަކާއި، އެ ފަރާތްތައް ރެގިއުލޭޓްކޮށް ސުޕަވައިޒްކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް އިންޝުއަރެންސް ވިޔަފާރިއާގުޅޭ އުސޫލުތައް ކަނޑައެޅުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ގާއިމްކުރެއްވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރޭ މައުލޫމާތު ހާމަކުރިއެވެ.
އިންޝުއަރެންސް ވިޔަފާރިކުރުމާގުޅޭ އާންމު ހަމަތަކާއި، އިންޝުއަރެންސް ވިޔަފާރިކުރުމުގެ ލައިސަންސާގުޅޭ ކަންކަން މި ބިލުގައި ހިމަނާފައި ވާއިރު، އިންޝުއަރެންސް ކުންފުނީގެ މެނޭޖްމަންޓް އޮންނަންވީ ގޮތާއި، ހަރުދަނާ އަދި ރައްކާތެރި ގޮތުގައި އިންޝުއަރަންސް ވިޔަފާރި ހިންގުމާގުޅޭ އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ.
ބިލުގައި ހިމެނޭ އިތުރު ކަންކަމަށް ބަލާއިރު، އިންޝުއަރެންސް ހިދުމަތް ދިނުމުގެ އުސޫލުތަކާއި ހަމަތައް ބަޔާންކުރުމާއި، އިންޝުއަރެންސް އިންޓަރމީޑިއަރީންއާ ގުޅުންހުރި އުސޫލުތައް ހިމަނާފައި ވެސް ވެއެވެ.
ހަމަމިއާއެކު ރެކޯޑް ބެލެހެއްޓުމާއި ރިޕޯޓު ހުށަހެޅުން، އަދި އޮޑިޓްކުރުމާއި، އިންސްޕެކްޝަން ހިންގުމާއި، މާލީ ހާލަތު ބެލުމާ ގުޅުންހުރި ހަމަތަކާއި އުސޫލުތައްވެސް މި ބިލުގައި ބަޔާންކޮށްފައި ވުމުގެ އިތުރުން، މާކެޓް ކޮންޑަކްޓް އަދި ޑިސްޕިއުޓް ރިޒޮލިއުޝަން ހަމަތަކާއި، ކޮންޓްރޯލް ނެގުމާއި އެޑްމިނިސްޓްރޭޓަރ އައްޔަންކުރުން، އަދި ފިޔަވަޅު އަޅަންޖެހިއްޖެ ހިނދެއްގައި އަމަލުކުރާނެ ގޮތުގެ ހަމަތަކާއި އުސޫލުތައްވެސް ބިލުގައި ހިމަނާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ، މި ބިލު ތަސްދީގުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެއްވުމާއެކު "އިންޝުއަރެންސްއާބެހޭ ގާނޫނު" އަށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
ގާނޫނު ނަންބަރު 2021/8 (ގައުމީ ޕޭމަންޓް ސިސްޓަމްގެ ގާނޫނު) އަށް ފުރަތަމަ އިސްލާހު ގެނައުމުގެ ބިލަކީ، 18 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.
މި ބިލުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގެ ޕޭމަންޓް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގެ ގޮތުން ކުރާ މަސައްކަތުގެ ދުވެލި އިތުރަށް ހަލުވިކުރުމަށާއި، މާލީ ނިޒާމު އިތުރަށް ހަރުދަނާކޮށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި އީޖާދީ ޕޭމަންޓް ހިދުމަތް ތައާރަފުކުރުމުގެ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އަށް ލިބިދޭންޖެހޭ ގާނޫނީ ބާރުވެރިކަން ހޯދައިދިނުމެވެ. އެގޮތުން ވަކި ކުންފުންޏެއް ނުވަތަ ޕާޓްނަރޝިޕެއް ނުވަތަ ޖޮއިންޓްވެންޗަރއެއް އުފެއްދުމަށް ނުވަތަ އޭގެ ބައިވެރިއަކަށް ވުމުގެ ގާނޫނީ ބާރުވެރިކަން އެ އޮތޯރިޓީ އަށް ލިބިދީފައިވެއެވެ.
ގާނޫނުގައި ބަޔާންކޮށްފައިވާ ސިސްޓަމެއް ހިންގޭނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ލައިސަންސް ނުވަތަ ހުއްދަ ލިބިގެންކަމަށްވެސް ބިލުގައި ވަނީ ބަޔާންކޮށްފައި ވާއިރު، ލައިސަންސް ނުވަތަ ހުއްދަ ނެތި، އެފަދަ ހިދުމަތެއް ދޭކަމަށް ނުވަތަ ހަރަކާތެއް ހިންގާކަމަށް ދައްކައިގެންނުވާނެ ކަމަށް ބަޔާންކޮށް، ޕޭމަންޓް ހިދުމަތް ސޮލިސިޓްކުރުން ވަނީ މަނާކޮށްފައެވެ.
އެގޮތުން، ޕޭމަންޓް ހިދުމަތް ސޮލިސިޓްކުރާ ފަރާތްތަކަށް 100،000 (އެއްލައްކަ) ރުފިޔާއާއި 10،000،000 (ދިހަމިލިޔަން) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމުގެ އިހުތިޔާރު އޮތޯރިޓީއަށް ލިބިދީފައި ވެއެވެ.
މި ބިލު ވެސް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައި ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމާއެކު މިހާރުވަނީ މި ގާނޫނަށް އަމަލުކުރަން ފަށައިފައެވެ.