މާހިލް ޝަހީމާއި ރައީސް މުއިއްޒު، ޔޫތު އެޑްވައިޒަރީ ބޯޑު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް
ރައީސަށް ލަފާ އަރުވާ ޒުވާނުންގެ ބޯޑުން މާހިލް އިސްތިއުފާދީފި
ޖުނާން އަޙުމަދު 17 އޯގަސްޓް 2025 (އާދީއްތަ)   17:25
ޒުވާނުންގެ ކަންކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒުއަށް ލަފާ އަރުވާ (ޔޫތް އެޑްވައިޒަރީ ބޯޑް) އިން އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ ދަރިކަލުން، ޢަބްދުالله މާހިލް ޝަހީމް މިއަދު އިސްތިއުފާ ދެއްވައިފިއެވެ.

ޔޫތް އެޑްވައިޒަރީ ބޯޑުން މާހިލް އިސްތިއުފާ ދެއްވާފައި މިވަނީ، މިދިޔަ ބުރާސްފަތި ދުވަހު މެލޭޝިއާއިން ރާއްޖެއަށް އޭނާ އައިރު ގެނައި ލަގެޖުން، ޤާނޫނީ ގޮތުން ރާއްޖެއަށް އެތެރެކޮށް, ބޭނުންކުރުން ވެސް މިސަރުކާރުން މަނާކޮށްފައިވާ އެއްޗެއް ކަމަށްވާ "ވޭޕް" އާއި އެއާގުޅޭ ސާމާނުތަކެއް, ފެނި ބޮޑު އަދަދަކުން އޭނާ ޖޫރިމަނާ ކޮށްފައި ވަނިކޮށެވެ.

މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓަރު މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައި ވަނީ ގައިގާ ބަނދެގެން މާހިލް އެފަދަ އެއްޗެއް ގެނައިކަމަށް ބފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

"ގައިގާ ބަނދެގެނެއް ނުގެނޭ، އެއީ ދޮގެއް." ޝަހީމް ވިދާޅުވިއެވެ.

އެ ބޯޑަށް މާހިލް އައްޔަންކުރީ މިދިޔަ އަހަރު އޮގަސްޓް މަހުއެވެ. މާހިލް, މިއަދު ރައީސް މުއިއްޒަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި އޭނާގެ އިސްތިއުފާއާ ގުޅޭ ތަފުސީލެއް ނުދެއްވި ނަމަވެސް ވިދާޅުވެފައިވަނީ، ތައުލީމު ހާސިލުކުރައްވައި ނިންމެވުމަށް ފަހު ގައުމަށް ހިދުމަތް ކުރައްވާނެ ކަމަށެވެ.

ކޮމެންޓް