އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު - ފޮޓޯ:އެމްޑީޕީ
ހުދުމުހުތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން
ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމުގެ ފުރުސަތު މި ސަރުކާރަށް ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި މަޖިލިސް މެމްބަރުންނަށް ގޮވާލަން - ޝާހިދު
މުޙައްމަދު ޤާސިމް 19 އޯގަސްޓް 2025 (އަންގާރަ)   11:21
ހުދުމުހުތާރު ވެރިކަމެއްގެ އެންމެ އަސާސީ އެއް ސިފައަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުން ކަމަށާ، އެތައް ގުރުބާނީއަކުން މިއަދާއިހަމައަށް ދަތުރު ކޮށްފައިއޮތް، ދިވެހި ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުމަށް މި ސަރުކާރަށް ފުރުސަތު ނުދިނުމަށް އެންމެހާ ނޫސްވެރިންނަށާއި ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުންނަށް ގޮވާލައްވާ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި، އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ޝާހިދު މިހެން ވިދާޅުވީ އެމަނިކުފާނު ރޭ ކުރެއްވި އެކްސް ޕޯސްޓެއްގައެވެ. ޝާހިދު ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރައްވާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިގެން ނޫސްވެރިކަން ރެގިއުލޭޓް ކުރުމަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މިސަރުކާރުން އަޅާ އިތުރު ފިޔަވަޅެއް ކަމަށާ، ނޫސް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމާނާކޮށް، މީޑިއާތަކުގެ ލައިސަންސްއާއި ނޫސްތަކުގެ ރެޖިސްޓްރީ ބާތިލްކުރުމުގެ ބާރު ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ކައުންސިލަކަށް ދިނުމަކީ ނުރައްކާތެރި، އަދި ދިވެހިރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީއަށް ކުރިމަތި ވެގެންދާ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ، ނޫސްތަކުގެ ރަޖިސްޓްރީ ބާތިލު ކުރުމާއި ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭނެ އުސޫލުތަކެއް ހިމަނައި ސަރުކާރަށް މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ ނޫސްވެރިން ތާއަބަދު ބިރުވެރިކަމާއި ނުތަނަވަސްކަންމަތީ ބޭތިއްބުމަށް ކަމަށެވެ.

"ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ މެމްބަރުންތަކެއް ތިއްބަވައިގެން، ރައީސުލްޖުމުހޫރިއްޔާ އައްޔަންކުރާ ބޭފުޅަކު ރިޔާސަތު ބަލަހައްޓަވައިގެން، ނޫސްވެރިކަން ރެގިއުލޭޓް ކުރުމަކީ މިނިވަން ނޫސްވެރިކަން ނެތިކޮށްލުމަށް މިސަރުކާރުން އަޅާ އިތުރު ފިޔަވަޅެއް. ނޫސް މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމާނާކޮށް، މީޑިއާތަކުގެ ލައިސަންސްއާއި ނޫސްތަކުގެ ރެޖިސްޓްރީ ބާތިލްކުރުމުގެ ބާރު ރައީސުލްޖުމުހޫރިއްޔާގެ ފަރާތުން ރިޔާސަތު ބަލަހައްޓަވާ ކައުންސިލަކަށް ދިނުމަކީ ނުރައްކާތެރި ކަމެއް. އެއީ ދިވެހިރާއްޖެ ބަލައިގެންފައިވާ ޒަމާނީ ޑިމޮކްރަސީއަށް ކުރިމަތި ވެގެންދާ ވަރަށް ބޮޑު ގޮންޖެހުމެއް." ޝާހިދު ވިދާޅުވިއެވެ.

ރައީސް މުއިއްޒުއާއި، އެމަނިކުފާނުގެ އައުވާނުން އަޑީގައި ތިއްބަވައިގެން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ނަމުގައި މި ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރެވެ. މީގެ ކުރިން ވެސް މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް މަޖިލީހަށް ބިލު ހުށަހެޅުއްވި އަބްދުލްހަންނާން ދެވަނަ ފަހަރަށް ހުށަހެޅުއްވި ބިލު ވެސް އޮތީ ސަރުކާރުގެ ނުފޫޒު މީޑިއާތަކަށް ފޯރުވައި، މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށެވެ.

އެ ފަހަރު އެ ބިލު އަނބުރާ ގެންދިޔައީ، ނޫސްވެރިންނާއި ޖަމިއްޔާތަކުން އެ ބިލު އަނބުރާ ގެންދަން ތަކުރާރުކޮށް ގޮވާލަމުން ދަނިކޮށެވެ. އެ ބިލުގައި ބުނެފައިވާ ގޮތުން އެ ބިލު ހުށަހެޅުއްވި މަގްސަދަކީ، ގާނޫނުއަސާސީގެ ދަށުން ލިބިދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރުވައި ތަރައްގީކޮށް ދެމެހެއްޓުމެވެ.

ހަންނާނު ހުށަހެޅުއްވި އާ ބިލްގައި އޮތީ އެމްއެމްސީ އާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ޒިންމާތައް އެއްކޮށްލައި، މީޑިއާ ކޮމިޝަނާ ހަވާލުކުރާ ގޮތަށެވެ. އެ ކޮމިޝަންގައި ތިއްބަވާނީ ހަތް މެމްބަރުންނެވެ. އޭގެ ތެރެއިން މަޖިލީހުގެ ރުހުމާ އެކު ތިން މެންބަރުން ކޮމިޝަނަށް އައްޔަންކުރުމުގެ ބާރު ދީފައި އޮތީ ރައީސަށެވެ. ބާކީ ހަތަރު މެންބަރުންނަކީ މީޑިއާތަކުން އިންތިހާބުކުރާ މެންބަރުންނެވެ. އޭގެ ތެރެއިން އެ ކޮމިޝަނަށް ރައީސަކު އައްޔަނުކުރެއްވުމުގެ ބާރު ވެސް ދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އަށެވެ.

އެ ބިލު އޮތީ، މީޑިއާ ކޮމިޝަނުން އެކުލަވާލާ ސުލޫކީ މިންގަނޑާ ހިލާފުވާ ނޫސްވެރިންނާއި މީޑިއާތައް ބޮޑު އަދަދަކުން ޖޫރިމަނާކޮށް، ރަޖިސްޓްރީ ވެސް ބާތިލްކުރެވޭ ގޮތަށެވެ. ވަކިވަކި ނޫސްވެރިން 5،000-25،000 ރުފިޔާއާ ދެމެދު ޖޫރިމަނާ ކުރެވޭ އިރު، 100،000 ރުފިޔާއާ ހަމައަށް މީޑިއާތައް ޖޫރިމަނާ ކުރެވެ އެވެ.

މީޑިއާ ކޮމިޝަނަށް ލިބިދޭ ބާރުތައް:

  • ސުލޫކީ މިންގަނޑާ ހިލާފުވެއްޖެ ނަމަ ނޫސްވެރިން 5،000ރ. އާއި 25،000ރ. އާ ދެމެދު އަދަދަކުން ޖޫރިމަނާކުރެވުން.
  • ގާނޫނާ ހިލާފު ކަމެއް ކޮށްފިނަމަ މީޑިއާތައް 100،000ރ. އާ ހަމައަށް ޖޫރިމަނާ ކުރެވުން
  • މައްސަލައެއް ބަލައި ނުނިމެނީސް ވެސް ވަގުތީ ގޮތުން ރަޖިސްޓްރީ ބާތިލު ކުރެވުން
  • ކޯޓަށް ހުށަހަޅައި ނޫހެއްގެ ރަޖިސްޓްރީ ބާތިލު ކުރެވުން
  • މައްސަލައެއް ބަލަމުންދަނިކޮށް، ނޫހެއްގެ ވެބްސައިޓެއް ބްލޮކް ކުރެވުން
  • ބްރޯޑްކާސްޓުކުރުން ހުއްޓުވަން އެންގުމުގެ ބާރު ލިބުން

މީގެ ކުރިން ހަންނާނު ހުށަހެޅި ބިލް އޮތީ ވެސް ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކޮށް އަދި އެ ތަންތަނުގެ ލައިސެންސް ހިފެހެއްޓުމުގެ ބާރު މީޑިއާ ކޮމިޝަނަށް ލިބޭ ގޮތަށެވެ. އެއީ ނޫސްތަކާއި ޓީވީތަކުގައި "ތަޅު އެޅުވުން" ކަމަށް ސިފަކޮށް، ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ރައީސް ވަނީ ސަރުކާރުން މީޑިއާތައް ކޮންޓްރޯލް ކުރުމަކީ އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" ބިލުގެ ފުރަތަމަ ކިއުން އިއްވައި، އެ ބިލުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދިޔައެވެ. އަދި އެ ބަހުސް ވަރަށް ހޫނުވެގެން ގޮސްފައި ވާއިރު، އެ ބިލާ ދެކޮޅަށް ނޫސްވެރިންތަކެއް ވެސް ވަނީ މިޖިލީހުގެ ގެލެރީގައި ތިބެ އިހުތިޖާޖު ކޮށްފައެވެ.

ކޮމެންޓް