ވެލިދޫ ދާއިރާގެ މެންބަރު އައްބާސް
ދެއަހަރު ދުވަހުގެ ބަޖެޓުން ރައްޔިތަކަށް ކަމެއް ކޮށްނުދެވުނު ސަރުކާރެއް މި ނޫނީ ނެތް
110 ބިލިއަން ރުފިޔާ ހުސްކޮށްލީ ސަރުކާރުގެ ސިޔާސީ އައުވާނުންނަށް މުސާރަ ދިނުމަށް - އައްބާސް
ޖުނާން އަޙުމަދު 23 އޯގަސްޓް 2025 (ހޮނިހިރު)   09:14
ދެއަހަރު ދުވަހުގެ ބަޖެޓުން ރައްޔިތަކަށް އެއްވެސް ކަމެއް ކޮށްނުދެވުނު ސަރުކާރެއް ދިވެހި ރައްޔިތުން (މި ނޫނީ) އަދި ތަޖުރިބާކޮށްފައި ނުވާނެ ކަމަށާ، އެ ބަޖެޓުގެ 110 ބިލިއަން ރުފިޔާ ހުސްކޮށްލީ ސަރުކާރުގެ ސިޔާސީ އައުވާނުންނަށް މުސާރަ ދިނުމަށާއި، އަތޮޅުތަކުގެ ރަށްތަކުގެ ޕްރޮޖެކްޓުތަށް ހިންގަންކަމަށް ބުނެ ރައްޔިތުންގެ އަނގަ ބަންދުކޮށް ހަތަރެސްފައި ބަނދެލުމުގެ މަކަރުވެރި ނިޔަތުގައި ކޮންމެ ރަށަކުން އެތައްބަޔަކަށް ވަޒީފާ ދިނުމަށް ކަމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އައްބާސް ވިދާޅުވެއްޖެއެވެ.

އައްބާސް މިހެން ވިދާޅުވީ މިއަދު ކުރެއްވި މީސްމީޑިއާ ޕޯސްޓެއްގައެވެ. އައްބާސްގެ ޕޯސްޓްގައި، މިދެއަހަރު ދުވަސް ތެރޭގައި ހުޅުވި ކޮންމެ އިމާރާތެއްވެސް ހުޅުވީ ކުރީގެ ސަރުކާރު ތަކުން ފަށާފައިވާ، މިހާރު ނިމެމުންދިޔަ ތަންތަންކަން ދިވެހި ރައްޔިތުންނަށް އެބަ އެނގޭ ކަމަށް ވިދާޅުވެ، (މިހާރު ހުޅުވަމުންދާ) އޭޓީއެމް ތަކަކީ ދިވެހި ދައުލަތުގެ ބަޖެޓުން އެންމެ ލޯލާރިއެއްވެސް ހަރަދުކޮށްގެން ހެދިތަންތަން ނޫންކަމަށް އައްބާސް ވިދާޅުވިއެވެ.

މިދެއަހަރު ގެ ބަޖެޓުން ދަރަނި ދެއްކުމަށް އެތައްމިލިއަން ރުފިޔާއެއް ކަޑައަޅާފައި ވީނަމަވެސް ފެނަކަ، އާރުޑީސީ ފަދަ ސަރުކާރުގެ ކުންފުނިތަކުން ދަރަނިތަށް ދެއްކިފައި ނުވާކަން ފާހަގަކުރައްވަމުން އައްބާސް ވިދާޅުވީ، (އެ ކުންފުނިތަކާ ސަރުކާރުގެ މަޝްރޫއުތައް ހަވާލުކުރުމުން) ނަތީޖާއަކީ ކުދި އަދި މެދު ފަންތީގެ ކޮންސްޓުރަކްޝަން ކުންފުނިތަށް ދަރަނިވެރިވެ، މުއައްޒަފުންގެ މުސާރަ ނުދެވި އިނދަޖެހިފައިވުން ކަމަށެވެ.

އައްބާސްގެ ޕޯސްޓް ނިންމަވާލައްވާފައި ވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަށް ސަލާމަތް ވެސް ނުވާނެހާ ފުން އަޑިގަނޑެއްގެ  ތެރެއަށް މިހާރު ގެނބިގެން ގޮސްފައިވާ ކަން ފާހަގަ ކުރައްވަމުންނެވެ.

އައްބާސްގެ އިތުރުން، އިދިކޮޅު އެންމެބޮޑު ޕާޓީ، އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލް ވެސް މިދިޔަ އަންގާރަދުވަހު އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައްޔިތުން ހަނާވެ، ކުދި ވިޔަފާރިތައް ބަނގުރޫޓު ވަމުން ދިޔުމުގެ ސަބަބުން ރައްޔިތުން މި ސަރުކާރާ ދެކޮޅަށް ނުކުންނަން އެބަޖެހޭ ކަމަށް ވިދާޅުވެފައި ވެއެވެ.

އެ ބައްދަލުވުމުގައި، ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރު ހިންގާ ޕީއެންސީގެ ގިނަ މެންބަރުން އިދިކޮޅު އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުގެ މެންބަރުންނާއެކު ތިއްބެވި ކަމަށާ، މި ސަރުކާރުން ކުރާ ބޭކާރު ހަރަދާއި ރައްޔިތުން އުޅޭ ހާލުގެ ވާހަކަ ދެއްކުމުން ބާރު ކުރަނީ ޕީއެންސީ އަދި ސަރުކާރަށް ތާއިދުކުރާ މަދު މަޖިލިސް މެންބަރުން ކޮޅަކަށް ކަމަށް ވެސް ނާޒިލް ވިދާޅުވިއެވެ.

ކޮމެންޓް