މިއީ އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އުތީމު ރައްޔިތުން އަދާކުރައްވައިފައިވާ ދައުރާއި، އެކަމަށް ދެއްވި އަހައްމިއްޔަތުގެ އަގު ވަޒަން ކުރެއްވުމުގެ ގޮތުން އަރުއްވާ ޝަރަފެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތު ދެއެވެ.
ހަމައެއާއެކު، އުތީމުގެ ލޮބުވެތި ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކުގައި އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ އަރުވާ މި ހާއްސަ ޝަރަފް އެރުވުން އޮންނާނީ، މި އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، މާދަމާ އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށާ، މި ޖަލްސާ އޮންނާނީ، މާދަމާ ހެނދުނު 10 ޖަހާއިރު ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުއިއްޒު އާއި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އުތީމު ގަނޑުވަރަށް ޒިޔާރަތް ކުރެއްވުން - ފޮޓޯ: ރައީސް އޮފީސް
ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ދެއްވުން ވެސް އޮންނާނެއެވެ. މި އަހަރު ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 3 ބޭފުޅަކަށެވެ. އެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކަށް އިނާމު އަރުވަނީ، އެ ބޭފުޅެއްގެ ހަނދާނަށެވެ. މި އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިވަޑައިގަންނަވަނީ 9 ބޭފުޅަކަށާއި، ކުންފުންޏަކަށެވެ.
ގައުމީ އިނާމަށް ބޭފުޅުން ހޮއްވެވީ، ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފައިވާ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.
އެންމެ ފުރަތަމަ ގައުމީ ފެންވަރުގައި އުތީމުގައި ގައުމީ ދުވަސް ފާހަގަކުރީ 1 ރަބީޢުލްއައްވަލް 1371 މީލާދީގޮތުން 1951 ވަނަ އަހަރު، ބޮޑުވަޒީރު އަލް އަމީރު މުޙައްމަދު އަމީނުގެ ވެރިކަމުގައި ކަމަށްވާއިރު، ދެވަނައަށް އުތީމުގައި ގައުމީ ދުވަސް، ގައުމީ ފެންވަރުގައި ފާހަގަކުރީ ރައީސް މައުމޫނުގެ ވެރިކަމުގައި 1980 ވަނަ އަހަރުއެވެ.