"މީޑިއާ ކޮންޓްރޯލް ބިލު ފާސްކުރަން ފަލާހު ޕީއެންސީ މަޖިލިސް މެންބަރުންނަށް ބިރު ދައްކަނީ" ކަމަށް ބުނެފައި އޮތް ޚަބަރަކާއެކު އައްބާސް ވިދާޅުވެފައިވަނީ "ހަމަ ހަގީގަތުގައިވެސް މީ ވަރަށްބޮޑު ތެދެއް" ކަމަށެވެ.
ސޯޝަލްމީޑިއާގައި އައްބާސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައެއް ބިލްތަކަށް ބަހުސް ނުކުރާން ފަލާހު ބުނެފައި އެބަހުރި ކަމަށާ، އަދި ބައެއް ބިލުތަކަށް ވަކި ގޮތަކަށް ވޯޓު ލާން ބުނެ އާދޭސްކޮށްފައިވެސް އެބަހުރި ކަމަށެވެ.
"ހަމަ އެހެންމެ ފަލާހް އެދޭގޮތަށް ވޯޓު ބަހުސްކޮށް ވޯޓު ލައިފިއްޔާ އަޅުގަނޑު އެދޭގޮތަށް ދާއިރާގެ ކޮންމެ ރަށަކުން 5 މީހަކަށް ވަޒީފާ ދޭންވެސް ހުށައެޅި.. ހަމަ އެހެންމެ ވަކި ގޮތަކަށް ވޯޓު ލާން ބުނެފައި ބުރަދާ އަށް ދޭން ލާރިކޮޅެއް ހުންނާނެ ކަމަށް ބުނެފައި ގެއަށްގޮސް ލާރި ހިފައިގެން އަންނަންދެން މަޖުލީސް ކުޑަދަށުގައި އަޅުގަނޑު މަޑުކޮށްލަން ބުނެފައި ފަލާހް ގެއަށް ދިޔަ.. އެހެން ބުނެފައި ފަލާހް ދިޔައިމާ ފަލާހް އަންނަދެން އަޅުގަނޑު މަޑުނުކޮށް ގެއަށްއައީ" އައްބާސް ލިޔުއްވާފައި ވެއެވެ.
މީގެ އިތުރުން އައްބާސް ފާހަގަ ކުރައްވާފައި ވާގޮތުގައި، މިވެނި ބިލަކަށް ސަރުކާރާ ދެކޮޅަށް ވޯޓު ނުލަންޏާ ވޯޓުގައި ބައިވެރި ނުވުމަށް އެކި ދުވަސް މަތިން އެދިފައި އެބަހުރި ކަމަށާ، ސަރުކާރާ ދެކޮޅަށް ވޯޓު ލައިފިއްޔާ ވަރަށް ގޯސްވާނެ ކަމަށްބުނެ އައްބާހަށް ފަލާހް ބިރުދައްކާފައި ވާ ކަމަށްވެސް އައްބާސް ލިޔުއްވާފައި ވެއެވެ.
މީގެ އިތުރުން ޕީއެންސީ ގެ މެންބަރުން ވެސް ފަލާހް ކަންތައް ކުރާ ނިކަމެތި ގޮތުގެ ވާހަކަތަށް އެކި ފަހަރު މަތިން އައްބާސްއާ ހިއްސާ ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
"ބައެއް މެންބަރުންނަށް ފަލާހް ގިނައިން ލާރި ދީފައި ބައެއް މެންބަރުން ނަށް 5000 ނުވަތަ 10000 ރުފިޔާ ދެމުންދާ ވާހަކަވެސް ވަރަށް އަސަރާ އެކު ކިޔާދެމުންދަނީ.. މަޖުލީސް ކެމްޕެއިން ގެ ދަރަނިތަށް ނުނިމޭ ވާހަކައާ މެންބަރުން އާ ރައީސް ޑރ.މުއިއްޒު ބައްދަލުކޮށް ޕީއެންސީ ގެ މެންބަރުންގެ ދަރަނިތަށް ދައްކާދޭނޭ ކަމަށް ބުނެ ދަރަނީގެ އަދަދުތައް ނޯޓު ކުރެއްވި ކަމާއި އޭގެފަހުން އެކަމާ އަޅާ ނުލާކަމަށް ޕީއެންސީގެ ގިނަ މެންބަރުން ތަކެއްހިތްހަމަ ނުޖެހިގެން އަޅުގަނޑާ ހިއްސާ ކުރި." އައްބާސް ލިޔުއްވާފައި ވެއެވެ.
ޕީއެންސީ މެންބަރުންގެ ފަރާތުން އެނގިފައިވަ ގޮތުގައި ރައީސް މުއިއްޒުއާ ވަކިން ބައްދަލު ކުރުމަށް އެކި އެކި މެންބަރުން އެދުނީމައި ފުރުސަތު ނުދެއްވާ މަސް ދެމަސް ވާ ވާހަކަ އާއި މަޖުލީސް އިން ބިލެއް ރައީސް ބޭނުންވާގޮތަށް ފާސްކޮށްލަންވީމައި ވަގުތުން ފަލާހް މެދުވެރިކޮށް މުޅި ޕީއެންސީގެ ޕީޖީ ގްރޫޕް އާ މުލިއާގޭގައި ބައްދަލު ކުރައްވާފައި ރައީސް ބޭނުންވާ އެއްޗެއް ވިދާޅުވެފައި ނިންމާލަނީކަމަށްވެސް ގިނަ މެންބަރުން އެކި ފަހަރު މަތިން އައްބާސްއާ އެވާހަކަ ހިއްސާ ކުރައްވާފައިވާ ކަމަށްވެސް އައްބާސް ލިޔުއްވާފައި ވެއެވެ.
މީގެ އިތުރުންވެސް ޕީއެންސީ ގެ މެންބަރުންގެ ވަރަށް ބައިވަރު ކަންބޮޑުވުންތަށް އައްބާސްއާ އެކި ފަހަރު މަތިން ހިއްސާ ކުރައްވާފައިވާ ކަމަށްވެސް އައްބަސް ވިދާޅުވެފައި ވެއެވެ.